REPORT: Rashuga huregen 8 maahdhaa inn A star, Haashim ah saabas!
image
ހާޝިމަށް ރައީސް ސޯލިހު އެވޯޑު ހަވާލުކޮށްދެއްވަނީ-- ފޮޓޯ: މިހާރު
ފައުޒާ މުހައްމަދު
2 ކޮމެންޓް
 

ރަށުގައި ހުރެގެން 8 މާއްދާއިން އޭ ސްޓާ، ހާޝިމަށް ސާބަސް!

"ރަނގަޅު ނަތީޖާއެއް ހޯދަން ބޭނުން ނަމަ މާލޭ ދާން ޖެހޭނީ، ރަށުގައި ކިޔަވައިގެން ރަނގަޅު ނަތީޖާ އެއް ނުލިބޭނެ،" މިއީ ގިނަ ބަޔަކު ދެކޭ ގޮތެވެ. ރަށްރަށުގައި ރަނގަޅު ތައުލީމު ފޯރުކޮށްދޭނެ ނިޒާމެއް ނެތް ވާހަކަ އާއި ޓީޗަރުންގެ ފެންވަރު ދަށް ވާހަކަ ވެސް ދައްކާ މީހުން މަދެއް ނޫނެވެ. ނަމަވެސް ފ. ނިލަންދޫއަށް އުފަން ހާޝިމް އިބްރާހީމް މިއަދު ވަނީ މި ވާހަކަތައް ދޮގުކޮށް، ރަށުގައި ތައުލީމު ހާސިލްކޮށްގެން ވެސް ރަނގަޅު ނަތީޖާއެއް ހޯދޭނެކަން ސާބިތުކޮށްދީފަ އެވެ.
ފ. އަތޮޅު ތައުލީމީ މަރުކަޒުން ތައުލީމު ހާސިލްކޮށް ހާޝިމް ވަނީ އޯލެވެލް އިމްތިހާނުގައި އަށް މާއްދާއިން އޭ ސްޓާ ހޯދާފަ އެވެ. އޭނާއަކީ ރާއްޖޭގެ ފަހުރުވެރި އެއްވަނަ ހޯދި އަށް ދަރިވަރުންގެ ތެރެއިން ހިމެނޭ އެއް ދަރިވަރެވެ.

ހާޝިމް ބުނި ގޮތުގައި އޭނާ ކިޔެވުމަށް ވަކި ހާއްސަ ޝެޑިއުލެއް ހަދާފައި ވާނެ އެވެ. އެގޮތުން އޭނާ ކިޔަވާ ގަޑިތަކަކީ ރޭގަނޑާއި ފަތިސް ކަމަށް ހާޝިމް ބުންޏެވެ.

"ކިޔަވާނެ ވަގުތުތައް އަބަދުވެސް ހުންނާނީ ރާވާލާފަ، އަޅުގަނޑު އާންމުކޮށް ކިޔަވަނީ ރޭގަނޑާއި ފަތިސް ގަޑީގައި، އެވަގުތު އަޅުގަނޑު އިތުރު އެއްވެސް ކަމެއް ނުކުރަން، އަޅުގަނޑު ޝެޑިއުލެއް ހަދާފަ އޮންނާނީ ޕްރޮޖެކްޓުގެ ކަމެއް ކުރަންޏާ އެކަން ކުރާނީ މެންދުރު ގަޑީގައި ނޫނީ ހަވީރު ގަޑީގައި، އަޅުގަނޑު ރޭގަނޑު ގަޑީގައި އާއި ފަތިސް ގަޑީގައި ކިޔަވާ ވަގުތުތަކާ އެއްވެސް އޯވާ ލެޕިންއެއް ނޯންނާނެ،" ހާޝިމް ބުންޏެވެ.

ހާޝިމް ބުނި ގޮތުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ކޮންމެހެން މާލެ ސުކޫލަކަށް ދާކަން ނުޖެހޭނެއެވެ. އެގޮތުން ރަނގަޅު ނަތީޖާއެއް ލިބޭނީ އެ ކުއްޖަކު ގަދައަޅާ ކިޔަވާ، ކުރާ މަސައްކަތުގެ ސަބަބުން ކަމަށާއި ރަނގަޅު ނަތީޖާއަކީ އެ ކުއްޖަކު އަމިއްލައަށް ކުރާ މަސައްކަތުގެ ނަތީޖާ ކަމަށް ހާޝިމް ބުންޏެވެ.

"އެއްވެސް ވަގުތެއް ބޭކާރު ނުކުރޭ، ކޮންމެ ހިނދުކޮޅެއް ވެސް މުހިންމު، މިހާރު ވެސް ގަދައަޅާ ކިޔަވާ، އޭރުންނޭ ފަހުން އޭގެ ފައިދާ ކުރާނީ،" މިއީ ހާޝިމް އެހެން ކުދިންނަށް ދޭން ބޭނުންވާ މެސެޖެވެ.

ހާޝިމް އަށް އެންމެ ފަސޭހައީ ހިސާބު މާއްދާ އެވެ. އަދި އެންމެ އުނދަގުލީ ދިވެހި މާއްދާ އެވެ. ދިވެހި މާއްދާއިން ރަނގަޅު ނަތީޖާއެއް ހޯދުމަށްޓަކައި ވަރަށް މަސައްކަތް ކުރި ކަމަށް ހާޝިމް ބުންޏެވެ. އެގޮތުން ލިޔުންތެރިކަމުގެ ދާއިރާއިން ކުރިއެރުމަށް ވަރަށް ބައިވަރު މަޒުމޫނުތައް ލިޔެ، ޓީޗަރުންނަށް ދައްކާ ހެދި ކަމަށް ހާޝިމް ވަނީ ބުނެފަ އެވެ.

ހާޝިމް ބުނި ގޮތުގައި ކިޔެވުމުގައި އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އޭނާގެ މައިންބަފައިންނެވެ. އޭގެ އިތުރުން އޭނާގެ ދައްތައިންނާއި ޓީޗަރުންގެ ފަރާތުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދިޔަ ކަމަށް ހާޝިމް ބުންޏެވެ.

ބޭސްވެރިކަމަށް ޝައުގުވެރިކަން ހުންނަ އުމުރުން 17 އަހަރުގެ ހާޝިމް އެންމެ ދެކެން ބޭނުންވާ ދުވަހަކީ ބޭސްވެރިކަމުގެ ދާއިރާއިން ކުރިއަރާ ޑޮކްޓަރަކަށް ވާނެ ދުވަހެވެ.
ހިޔާލު

ރިނބުދޫމީހާ

ފ.ނިލަންދޫ އަކީ ތަޢުލީމަށް އިސްކަންދޭ، ތަޢުލީމީ ޤާބިލް ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް. ރިނބުދޫ ރައްޔިތުންގެ ނަމުގަ ހާޝިމްއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން. ސާބަސް ހާޝިމް.

ހަބޭސް222

ކިޔަވާ ހިތްވާ ކޮންމެ ކުއްޖަކަށް ކޮންމެ ތަނެއްގައި ހުއްޓަސް ކިޔެވިދާނެ! ނަމަވެސް ދަންނަވަންތޯ ޚުދު ހާޝިމްވެސް އެ ފާހަގަކުރައްވަނީ ނޫންތޯ ސަބަބު، ވަޞީލަތް މަދުކަން، ކޮންމެ ކުއްޖަކީ ހާޝިމެއް ނޫން! ކުދިންގެ ތެރޭގައި ތިބޭނީ ތޫނުފިލި ކުދިންނާއި ތޫފިލި ނޫން ކުދިން، ތޫނުފިލި ނޫން ކުދިން އަދި ކިޔެވުމަށް މަސައްކަތް ކުރާހިތް ނުވާ ކުދިން އިތުރަށް ޝައުގުވެރި ކުރުވުމަށްޓަކައި ގިނަ ވަޞީލަތް ބޭނުން ވާނެ! މާގިނަ ބަހަނާ ނުދައްކަވާ އަތޮޅުތެރެ މާލެއާއި އެއްފެންވަރަށް ތަރައްޤީ ކުރައްވާ! ވަޞީލަތް ޤާއިމް ކޮށްދެއްވާ! އަޅުގަނޑުމެން މާލެ އަންނާކަށް ބޭނުމެއް ނޫން!