Raees Solih Gudhus ah vadaigathumuge dhauvathu Palastine ge Raees dhehvvaifi
image
ފަލަސްތީނު ރައީސްގެ ހާއްސަ މަންދޫބާއި ރައީސް ސަލާމް ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
1 ކޮމެންޓް
 

ރައީސް ސޯލިހު ގުދުސްއަށް ވަޑައިގަތުމުގެ ދައުވަތު ފަލަސްތީނުގެ ރައީސް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފަލަސްތީނުގެ ވެރިރަށް ގުދުސްއަށް ވަޑައިގަތުމުގެ ދައުވަތު އެގައުމުގެ ރައީސް މަހްމޫދު އައްބާސް ދެއްވައިފި އެވެ.
މި ދައުވަތު ރައީސް ސޯލިހަށް ދެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ފަލަސްތީނު ރައީސްގެ ހާއްސަ މަންދޫބު މިއަދު ރައީސް އޮފީހުގައި ރައީސް ސޯލިހާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެގައުމުގެ ގުޅުން ބަދަހި ކުރުމާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އަދި ވަކިން ހާއްސަކޮށް ފަލަސްތީނާއި އިޒްރާއީލްގެ ދުވަސްވީ ހަނގުރާމައާ ގުޅޭ ގޮތުން ވާހަކަދެއްކެވިއިރު ރައީސް ސޯލިހު ވަނީ އިޒްރާއީލްގެ އެ އަމަލުތައް ކުށްވެރި ކުރައްވާ ވާހަކަފުޅުދައްކަވާފަ އެވެ.

ފަލަސްތީން ރައީސްގެ ހާއްސަ މަންދޫބުގެ ވާހަކަފުޅުގައި ވަނީ އދ.ގެ އާއްމު މަޖިލީހުގައި ރައީސް ސޯލިހު ފަލަސްތީނުގެ ދިފާއުގައި ވާހަކަފުޅުދެއްކެވީތީ އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.

ނިމިދިޔަ އދގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ގޮންޖަހާފައި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް މިހާރު އަރައިގަންނަމުން ދަނީ މީގެ ކުރިން އެކަން ކުރަމުން ގެންދިޔަ މިންވަރަށްވުރެ މާ ގޯސްކޮށް ކަމަށް ވިދާޅުވެފައެވެ. ރައީސް ވަނީ އދ އިން ފަލަސްތީނުގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުންދާތާ އެތައް އަހަރެއް ފަހުން މިއަދުވެސް އެ މައްސަލަ އދ ގައި އެޖެންޑާ ކުރެވިފައިވާކަން ފާހަގަކުރައްވައިފައެވެ. އަދި މިއަދު އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާމެދު އަމަލުކުރަމުން ދަނީ މީގެ ކުރިން އަމަލުނުކުރާހާ ހަރުކަށިކޮށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ފަލަސްތީނުގެ މައްސަލައަށް ހައްލެއް ލިބޭނީ އިސްރާއީލާއި އަރަބި ދުނިޔޭގެ ގައުމުތަކާ މެދުު މަޝްވަރާކޮށް، އިސްރާއީލާއި ފަލަސްތީނު ވަކިވާ ގޮތަށް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމަށް އެއްބަސްވެވިގެން ކަމަށް ރާއްޖެއިން ގަބޫލު ކުރާ ކަމަށެވެ. އަދި އެ ނަތީޖާ ހާސިލު ކުރުމަށް މަސައްކަތްކޮށްދެއްވުމަށް އދއާއި އދގެ މެމްބަރު ގައުމުތަކަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ހިޔާލު

ޢަލީބެ

ފަލަސްތީނު ދައުލަތް އު ފެދިއްޖެނަމަ ދުނިޔެއިން ހަނގުރާމަ ފުހެވޭނެ. ޢޭރުން އެމެރިކާގެ ހަތިޔާރު ނުވިކޭނެ.