Male ga nurakkaatheri haadhisaa thah madhu kurumaa gulhey gothun mashvaraa koffi
image
މަޝްވަރާ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މާލޭގައި ނުރައްކާތެރި ހާދިސާތައް މަދުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

މާލެ ސަރަޙައްދުގައި ކުރިމަތިވެދާނެ ނުރައްކާތެރި އަލިފާނުގެ ހާދިސާތައް މަދުކުރުމަށް ސަލާމަތީ މިންގަނޑެއް ހިފެހެއްޓުމާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމު އިއްޔެ މަޝްވަރާ ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް އެ ބައްދަލުވުމުގައި ކެމިކަލާއި، ތެޔޮ ފަދަ އަލިފާން ހިފާ ޒާތުގެ ތަކެތި މާލެ ސަރަޙައްދުގައި ރައްކާ ކުރުމާއި ގެންގުޅުމުގެ އިތުރުން އެއްތަނުން އަނެއް ތަނަށް އެ ތަކެތި އުފުލުމުގައި ސަލާމަތީ މިންގަނޑެއް ހިފެހެއްޓުމާ ގުޅޭ ގޮތުން މަޝްވަރާކުރެވިފައި ވެއެވެ.

އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތައް މިހާރުން މިހާރަށް އެޅުއްވުމަށް ކަމާބެހޭ ފަރާތްތަކަށް އިރުޝާދު ދެއްވާފައެވެ. އަދި އަލިފާނުގެ ހާދިސާއެއް ހިނގާނެ ފަދަ އެންމެހާ ކަންކަމުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ ފަރާތުން އެކަށައަޅާފައިވާ މިންގަނޑަށް އެންމެހާ ފަރާތްތަކުން ތަބާވުމަށް ވެސް އިރުޝާދު ދެއްވާފައި ވެއެވެ.

އެބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ބައެއް ކަންކަމުގެ ތެރޭގައި އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، މާލޭ ސަރަހައްދުގައި ތެޔޮ ބައުޒަރުތައް ދުއްވުން ވީހާވެސް މަދުކުރުމަށާ، ކަނޑައަޅާ ސަރަހައްދުތަކެއް ތެޔޮ އެޅުމަށް ހާއްސަކުރުމާ، އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ތެލާއި ކެމިކަލް ފަދަ ތަކެތި ގެންގުޅުމާއި ރައްކާކުރުން ހުއްޓުވުމަށް މިހާރުން މިހާރަށް ފިޔަވަޅު އެޅުމާއިމެދު މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.

މާލޭ ސަރަޙައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހުރި ގޮންޖެހުންތައް ގިރާކުރުމަށް އަމާޒުކޮށް ސަރުކާރުގެ އެކި ވުޒާރާތަކުގެ އިތުރުން ހަކަތައިގެ ދާއިރާއާ ގުޅުންހުރި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާއެކު ބޭއްވެވި އެބައްދަލުކުރެއްވުމުގައި ތެލުގެ ހިދުމަތްދިނުމުގައި މިހާރުން މިހާރަށް އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ނައިބު ރައީސް ހިއްސާކުރައްވާފައިވެއެވެ. އަދި އެ ހިދުމަތްދިނުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާމެދު ވެސް މަޝްވަރާ ކުރައްވާފައިވެއެވެ.

އެބައްދަލުކުރެއްވުމުގައި، މިނިސްޓްރީ އޮފް ޑިފެންސް، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، ފިއުލް ސަޕްލައިސް މޯލްޑިވްސް، މާލެ ސިޓީ ކައުންސިލް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ހިޔާލު