Mihaaru emme kamudhanee fuppi aiy
image
0 ކޮމެންޓް
 

މިހާރު އެންމެ ކަމުދަނީ ފުއްޕި އަތް

ޒުވާން އަންހެން ކުދިންގެ މެދުގައި މިހާރު އެންމެ މަގުބޫލުވެފައި ވަނީ ފުއްޕިއަތްލީ ހެދުމެވެ. ކޮންމެ ކަހަލަ ހެދުމެއް ކަމުގައި ވިޔަސް އަތުގެ ކޮންމެވެސް ހިސާބަކުން ރޫކޮޅެއް ނަގާލާފައި ފުއްޕާލުމުން ހެދުމަށް ނިކަން ޗާލު ފަރި ގޮތެއް ގެނުވަ އެވެ.
ދިވެހިންނަށް އެންމެ ކަމުދާ ބޮލީވުޑްގެ ތަރިންގެ މެދުގައި ވެސް މި ސްޓައިލް ވަނީ މަގުބޫލުވެފަ އެވެ. އެގޮތުން ޕްރިޔަންކާ ދާދި ފަހުން ފެނިގެން ދިޔަ ގަަދަ ފެހި ކުލައިގެ ޖަމްޕްސޫޓާއި، އައިޝްވާރިޔާ، ޕެރިސް ފެޝަންވީކްގައި ލާފައިވާ މާޖެހި ހެދުމަށް މިދުވަސްކޮޅު ގިނަ ބައެއްގެ ތައުރީފް ދަނީ އޮހެމުންނެވެ.

މުޅި ދުނިޔޭގައި ވެސް އަދި ރާއްޖޭގައި ވެސް މި ސްޓައިލް ވަރަށް ހިނގަ އެވެ. އެގޮތުން އޮފީހަށް ދާންލާ ރަސްމީ ހެދުން މިހާރު އެންމެ ގިނައިން ފެންނަނީ އަަތުގައި ރޫނަގާފައި ހުންނަ ތަނެވެ. މީގެ އިތުރުން ކެޝުއަލް ޓޮޕް އަދި އަންހެން ކުދިންގެ ގަމީހާއި ދިގުކޮށް ހުންނަ 'އަބާޔާ' ފާޑުގެ ހެދުމުގައި ވެސް މިކަހަލަ އަތްލާފައި ހުރެ އެވެ. އަދި އަތްކުރު ހެދުންތަކުގައި ވެސް އެކި ގޮތް ގޮތަށް ފުއްޕާފައި ހުންނަ އަތް ލާފައި ހުރެ އެވެ.

"އަތުކުރީ ރޫޖައްސާލާފަ ހުރީމަ އެހެން ގޮތެއް ނުހެދިޔަސް ހެދުން ވަރަށް އޮފިޝަލް،" އޮފީހަށްދާ އަންހެން ކުއްޖަކު ބުންޏެވެ.

"އަބަދުވެސް ވިސްނަން ޖެހޭ އަބާޔާއަށް ހެދޭނެ ރީތި ގޮތެއް. އަތަށް ރޫޖެއްސުމުން އެ ނިމުނީ،" ދިގުކޮށް ހެދުންލާފައި، ބުރުގާ އަޅާ ކުއްޖަކު ބުންޏެވެ.

ބައެއް ހެދުންތަކުގައި އަތުގެ މަތިން ރޫނަގާ ފުއްޕާފައި ހުންނައިރު އަނެއް ބައި ހެދުންތަކުގައި އަތުގެ މެދުން ވަކި ބައެއް ގުޅުވާފައި އެބައި ފުއްޕާފައި ވެސް ހުރެ އެވެ.

ފުއްޕިއަތަކީ ހުރިހާ ޒަމާނެއްގައި ވެސް ކޮންމެ ކަހަލަ ހެދުމަކަށް ވެސް ފުރިހަމަ ކަމެއް ގެންނަ އެއްޗެކެވެ.
ހިޔާލު