4 Aharuge thereygai 20000 aailaa ah gedhoru alhaidhenee
image
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ހަތަރު އަހަރުގެ ތެރޭގައި 20000 އާއިލާއަށް ގެދޮރު އަޅައިދެނީ

ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި 20000 އާއިލާއަކަށް ހައުސިން ޔުނިޓް ހޯދައިދިނުމަށް ސަރުކާރުގެ އެކްޝަން ޕްލޭނުގައި ހިމަނައިފި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ރިޔާސީ ވައުދުތައް ފުއްދަވާނެ ގޮތުގެ ތަފްސީލުތައް ހިމަނައި ރޭ ވަނީ ޕްލޭން ލޯންޗުކޮށްފަ އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި އެ ޕްލޭން އާންމުކޮށްފައި ވާއިރު ޕްލޭންގައިވާ ގޮތުން 2023 ގެ ނިޔަލަށް 20000 އާއިލާއަކަށް އާ ހައުސިން ޔުނިޓްތަކެއް އަޅައިދީ އެ ޔުނިޓްތައް ބޭނުން ކުރަން ފެށޭނެ އެވެ.

އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއްގެ ގޮތުގައި ވަނީ ހިމަނާފަ އެވެ. ބޯހިޔާވަހިކަމުގެ ދަތިކަމުގެ ސަބަބުން އިޖުތިމާއީ ގިނަ މައްސަލަތަކެއް އިތުރުވަމުން އަންނަ ކަމަށާއި އެކަމަކީ އަވަސް ފިޔަވަޅުތަކެއް އަޅައިގެން ހައްލުކުރަން ޖެހިފައިވާ ކަމެއް ކަމަށް ވެސް ފާހަގަކޮށްފައި ވެއެވެ.

އޭގެ އިތުރުން، އެ ޕްލޭންގައި 2023 ވަނަ އަހަރުގެ ނިޔަލަށް ނޭޝަނަލް އެފޯޑަބަލް ހައުސިން ލޯނު ސްކީމްގެ ދަށުން އެއް ބިލިއަން ރުފިޔާގެ ލޯނު ދޫކުރާނެ ކަމަށް ވެއެވެ.

ކުރިން ރައީސް ސޯލިހު ވަނީ ހުޅުމާލޭގައި 4200 ފްލެޓް އަޅަން ނިންމާފައިވާކަން އިއުލާނުކުރައްވާފަ އެވެ. އެގޮތުން އެ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ނަގާނީ 6000 ރުފިޔާ ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ އިތުރުން އަތޮޅު ތެރޭގައި 5000 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައި ވާއިރު އެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެއްޓޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ހިޔާލު