Anna honihiru dhuvahun feshigen bidheysee Regulation Program galolhu dhandugai
image
ގަލޮޅު ދަނޑު-- ފޮޓޯ: މުހައްމަދު ޝަރްހާން
0 ކޮމެންޓް
 

ހޮނިހިރު ދުވަހުން ފެށިގެން ބިދޭސީންގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމް ގަލޮޅު ދަނޑުގައި

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ހިންގާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ކިއު ހަދައިގެން ކޮޅަށް ތިބެން ޖެހޭ މައްސަލަ ހައްލު ކުރުމަށް، އެ މަސައްކަތް ގަލޮޅު ދަނޑަށް މިއަދު ބަދަލުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި ނުވަތަ ހުއްދައެއް އޮތް ނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ސައްހަ ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމުގައި ރަޖިސްޓްރީވުމަށް އެދި ދޫކުރަމުން ގެންދިޔަ ކިއު ނަމްބަރު މިއަދުން ފެށިގެން އެ މިނިސްޓްރީން ދޫނުކުރާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ރަޖިސްޓްރީ ވުމުގެ ކަންކަން ކުރިއަށް ގެންދާނީ ގަލޮޅު ދަނޑުގައި ކަމަށެވެ. އެގޮތުން ހެނދުނު 9:00 އިން 17:00 ގެ ނިޔަލަށް ގަލޮޅު ދަނޑުގައި އެ ޕްރޮގްރާމް ކުރިއަށް ދާނެ އެވެ.

މިނިސްޓްރީން ބުނީ އެޕޮއިންޓްމެންޓް ހެދުމަށް ގަލޮޅު ދަނޑަށް ވަންނާނީ ދެ ނަމްބަރު (އޮލިމްޕަސް ކުރިމަތި) ގޭޓުން ކަމަށް ވެސް ބުނެފައެވެ.

ރެގިއުލަރައިޒޭޝަން ޕްރޮގްރާމް މިދިޔަ މަހު ފެށުމަށް ފަހު 60 ދުވަހަށް ކުރިއަށް ގެންދަން ނިންމި ނަމަވެސް، ގިނަ އަދަދެއްގެ ބިދޭސީން އަންނަނީ ކޮންމެ ދުވަހަކު ވެސް އިކޮނޮމިކް މިނިސްޓްރީގެ އެ މަސައްކަތް ކުރާ އޮފީސް ދޮށުގައި ކިއު ހަދަމުންނެވެ.

ކިއު ދިގު ކަމުން މަގުމަތީގައި ވެސް ބިދޭސީން ސަފު ހަދައިގެން ތިބެން ޖެހޭއިރު، ވާރެ އާއި އަވީގައި އެމީހުން އެގޮތަށް ތިބެން ޖެހޭ މައްސަލާގައި އާއްމުންގެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ހިންގަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ އެތައް ސަތޭކަ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުންނެވެ. އެ ފުރުސަތުގައި ޕްރޮގްރާމުގައި ބައިވެރި ނުވާ ބިދޭސީންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި 120،000 އަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން އުޅޭ އިރު، 60،000 އަށް ވުރެ ގިނަ މީހުންނަކީ އެއްވެސް ސައްހަ ލިޔުމެއް ނެތި ގަވާއިދާ ހިލާފަށް އުޅޭ މީހުންނެވެ.
ހިޔާލު