Chemical thakun kudhin rakkatheri kuraanee kihineh?
image
1 ކޮމެންޓް
 

ކެމިކަލްތަކުން ކުދިން ރައްކާތެރި ކުރާނީ ކިހިނެއް؟

މިޒަމާނުގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ތަފާތު އެކި ވައްތަރުގެ ކެމިކަލްތަކާއި ނުލައި ދިރިއުޅުމަކީ ވާނެ ކަމެއް ނޫނެވެ. ނަމަވެސް އެ ތަކެތިން ލިބޭ ގެއްލުން ކުޑަކުރެވިދާނެ ގޮތްތައް ވިސްނާ، އާއިލާ، ހާއްސަކޮށް ތުއްތު ކުދިން ކެމިކަލުން ރައްކާތެރި ކުރުމަކީ މުހިންމު ކަމެކެވެ. މިގޮތުން ކުރެވިދާނެ ބައެއް ކަންތައް މި ވަނީ އެވެ.
ސެލްޓެކްސް ފަދަ ސްޕްރޭތަކުން ރައްކާތެރިވުން

ގޭތެރޭގައި އާންމުކޮށް މެހި މަދިރި ފަދަ ދިރޭ ސޫފާސޫފި ނަައްތާލުމަށްޓަކައި ބޭނުން ކުރާ، ސެލްޓެކްސް ފަދަ ސްޕްރޭތަކަކީ އޭގައި ނުރައްކާތެރި ވިހަ ކެމިކަލް ހިމެނޭ ތަކެއްޗެވެ. އެފަދަ ތަކެތި ސްޕްރޭ ކުރަން ވާނީ، ކުދިން ގޭގައި ނޫޅެ ވަގުތެއްގަ އެވެ. ނުވަތަ ސްޕްރޭ ކުރާތަނުން ނެރުމަށް ފަހު އޭގެ އަސަރު ނުކުރާ ގޮތަށެވެ. އަދި ސްޕްރޭ ކުރުމަށް ފަހު މަދުވެގެން 15 މިނިޓް ވަންދެން އެތަނަށް ކުދިން ވެއްދުން ރައްކާތެރިއެއް ނޫނެވެ.

ފެންވެރުވުމާއި ރީތި ކުރުމަށް ބޭނުން ކުރާ އެއްޗެއްސަކީ ރައްކާތެރި އެއްޗެއްތޯ ބެލުން

ތުއްތު ކުދިން ފެންވަރުވާ ރީތި ކުރުމަށް ބޭނުން ކުރާ ބްރޭންޑްތަކަކީ ރައްކާތެރި އެއްޗެއްތޯ އެތަކެތި ގަންނައިރު ބަލަން ވާނެ އެވެ. މިގޮތުން ، ޕެރަބޭންސް'، 'ތްލޭޓްސް'، 'އޮކްސިބެންޒޮން' އަދި 'ތްރޮކްލޯސް' ފަދަ ބާވަތްތައް ބޭނުންކޮށްފައި ހުރިތޯ ބަލަން ވާނެ އެވެ. އެންމެ ރަނގަޅު ގޮތަކީ، ގުދުރަތީ ތާސީރު އެކުލެވިގެންވާ އެއްޗެހި ބޭނުން ކުރުމެވެ. އަދި ބްރޭންޑެއް ހިޔާރު ކުރާއިރު، ޑޮކްޓަރާއި މަޝްވަރާ ކުރެވިދާނެ އެވެ. ނުވަތަ އެއާ ބެހޭ މައުލޫމާތު ހޯދާލެވިދާނެ އެވެ. މިވަރަށް ބެލުން މުހިންމުވާ ސަބަބަކީ ބައެއް ބްރޭންޑްތަކުގައި، ކެންސަރަށް މަގުފަހިވާ ފަދަ މާއްދާތައް ވެސް ހިމެނޭތީ އެވެ.

ސާފު ކުރުމަށް ބޭނުން ކުރާ ކެމިކަލްތަކުން ރައްކާތެރިވުން

އާންމުކޮށް ފާޚާނާ ސާފު ކުރުމާއި އެއްޗެހި ދޮވެ ލައްފިލުވުމަށް ބޭނުން ކުރާ ކެމިކަލްތަކަކީ ވަރަށް ނުރައްކާތެރި ތަކެއްޗެވެ. މިތަކެތީގެ އާވި ޖެހުމުން ވެސް ނޭލާވާ ނިޒާމަށް އަސަރުކޮށް، ފުރާނައަށް ނުރައްކާވާ ފަދަ ހާލަތްތައް މެދުވެރި ވެއެވެ. އެހެންކަމުން މިފަދަ ބާރުގަދަ ކެމިކަލް ބޭނުން ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. ހާއްސަކޮށް ތުއްތު ކުދިން ގެންގުޅޭ މާހައުލުގައި އެފަދަ ތަކެތި ބޭނުން ކުރުން އެއްގޮތަކަށް ވެސް ރަނގަޅެއް ނޫނެވެ. އޭގެ ބަދަލުގައި ވިނިގާ އާއި ފެނާއި އެއްކޮށްގެން ނުވަތަ ލުނބޯ ހުތް ފަދަ ގުދުރަތީ އެއްޗެހި ބޭނުންކޮށްގެން ސާފުކުރެވިދާނެ އެވެ.

ޕްލާސްޓިކް ހޫނު ނުކުރުން

ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ފުޅި، ތަށި ޕަންޕް އަދި ކުޅޭ އެއްޗެހި ވެސް ހޫނު ކުރުމަކީ ނުރައްކާތެރި ކަމެކެވެ. ހޫނު ކުރުމުން ޕްލާސްޓިކުން ކެމިކަލް ނިކުންނަ ކަމަށް ވެއެވެ. ބޯ ފެންފުޅި ވެސް ހޫނުވާ ހިސާބުގައި ނުބަހަށްޓާށެވެ. ސްޓެރަލައިޒް ކުރުމަށް ވެސް ޕްލާސްޓިކް ތަކެތި ހޫނު ކުރުމަކީ ރައްކާތެރި ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި، ބޭނުން ކުރުމަށް ފަހު ވަގުތުން ސާފުކޮށް 'މައިލްޑް' ސައި ބޯންޏެއް ބޭނުންކޮށްގެން ފެނުން ދޮވެ ސާފު ފޮތިކޮޅަކުން ފޮހެފައި ރައްކާތެރި ގޮތަކަށް ބަންދުކޮށް ބެހެއްޓުމުން ރަނަގަޅު ވާނެ އެވެ.

އެހެން ކެމިކަލްތަކުން ރައްކާތެރިވުން

މާބޮޑު ކަމަކަށް ނުހަދާ ކުރެވޭ ކަންކަމުން ވެސް ތުއްތު ކުދިންނަށް ކެމިކަލްގެ އަސަރު ކުރެއެވެ. މިސާލަކަށް، ދަރިފުޅު ގާތުގައި ހުރެ ބޮޑީ ސްޕްރޭ ޖެހުން، ބޮޑެތި މީހުނަށް ހާއްސަ ސެންޓު، ކޮލޯން، ލޯޝަން ފަދަ ތަކެތި ތުއްތު ކުދިން ބޭނުން ކުރުން ހިމެނެ އެވެ.

މޭކަޕް ކުރުމަށް ބޭނުން ކުރާ ސާމާނުތައްވެސް ކުޑަކުދިން ބޭނުން ކުރުން ރައްކާތެރިއެއް ނޫނެވެ.

އަދި ތުއްތު ކުދިންގެ ހެދުމުގައި ސޮޕްޓްނާ ފަދަ ތަކެތި ބޭނުން ކުރުން، ތަޅުންގަނޑުގައި ފެންފޮތިލާން ކެމިކަލް ބޭނުން ކުރުން ވެސް ހިމެނެ އެވެ.

ސަންސްކްރީން ބޭނުން ކުރުމުގައި މާގިނައިން ބޭނުންނުކޮށް، ސްޕްރޭ ކުރާ ސަންސްކްރީން ފަދަ ތަކެތި ބޭނުން ނުކުރުމަކީ ކުރެވިދާނެ ކަމެކެވެ. ބޭނުން ކުރާ ވަރަށް ގިނަ ތަކެތީގައި ކެމިކަލް އެކުލެވޭތީ އެއިން ރައްކާތެރި ވުމަށްޓަކާ މިފަދަ ކަންކަމުގައި ސަމާލުވާން ވާނެ އެވެ.

މީގެ އިތުރުން ވަށައިގެންވާ މާހައުލުގައި މިހާރު ކެމިކަލްގެ އަސަރު ވަރަށް ބޮޑެވެ. ތުއްތު ކުދިން އަބަދު އެކި އެއްޗެތީގައި އަތްލާ އުޅެ އެވެ. އެހެންކަމުން ވަށައިގެންވާ މާހައުލުން އަތުގައި ހޭކޭ ކެމިކަލް އިން ރައްކާތެރިވުމަށްޓަކައި ގިނައިން އަތް ދޮއްވުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.
ހިޔާލު

އަޙްމަދް

ދެއިރު އިރަކު ބޭހެއް ކާހެން ވެކްސިން ޖެހީމަ ކުޑަކުދިން ކެމިކަލުން ރައްކާތެރި ވާނީ.