Rilwan massallaigai NIC Committee ah haaziru kurun faskoffi
image
ރައްޔިތުން މަޖިލީހުގެ 241 ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ: މަޖިލިސް
0 ކޮމެންޓް
 

ރިލްވާން މައްސަލާގައި އެންއައިސީ ކޮމިޓީއަށް ހާޒިރު ކުރުން ފަސްކޮށްފި

ނޫސްވެރިޔާ ރިލްވާން އަބްދުﷲ ގެ މައްސަލާގައި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ އިސްވެރިން ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރުކުރުމަށް ނިންމި ނިންމުން ފަސްކޮށްފި އެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހު ބޭއްވި 241 ކޮމެޓީގެ ބައްދަލުވުމުގައި އެންއައިސީ ހާޒިރު ކުރުމަށް ނިންމި އެވެ. އަދި މިއަދު 11:00 އަށް ކޮމެޓީގެ ބައްދަލުވުމެއް އެޖެންޑާ ކުރި އެވެ. އެ ޖެންޑާގައި ވެސް އޮތީ 241 ކޮމެޓީއަށް އެންއައިސީގެ މެންބަރުން ހާޒިރު ކުރުމެވެ. ނަމަވެސް ކޮމެޓީގެ ބައްދަލުވުން ކެންސަލް ކުރީ އެވެ. ސަބަބެއް ނާންގަ އެވެ.

ރިލްވާންގެ މައްސަލާގައި ފުލުހުންގެ އެއްވެސް އިހުމާލެއްވޭތޯ ބެލުމަށް އެ ކޮމިޓީއަށް އެންއައިސީގެ މެންބަރުން ހާޒިރު ކުރަން ނިންމިއިރު، އެންއައިސީން ބުނެފައި ވަނީ ރިލްވާންގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ އިހުމާލެއް އޮތް ކަމުގެ ހެއްކެއް ނެތް ކަމަށެވެ.

އެންއައިސީން މިހެން ބުނެފައި ވަނީ ރިލްވާންގެ މައްސަލާގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ބުނެ އޭނާގެ އާއިލާ އިން 2014 ވަނަ އަހަރު ހުށަހެޅި މައްސަލައިގެ ޖަވާބުގައެވެ.

އެގޮތުން މިދިޔަ މަހުގެ ފަސްވަނަ ދުވަހު އެންއައިސީން ރިލްވާންގެ އާއިލާ އަށް ދީފައިވާ ޖަވާބުގައި ބުނެފައި ވަނީ އެކަމުގައި ފުލުހުންގެ އިހުމާލެއް އޮތް ކަމުގެ ހެއްކެއް އަދި ގަރީނާއެއް ވެސް ލިބިފައި ނުވާތީ ފުލުހުންގެ އިހުމާލެއް އެކަމުގައި ނެތް ކަމަށެވެ.

ފުލުހުންގެ އިހުމާލު ނެތް ނަމަވެސް މަރު ކޮމިޝަނުން ތަހުގީގު ކުރި ރިލްވާންގެ މައްސަލާގައި ރިލްވާން ސީރިޔާއަށް ގޮސް މަރުވެފައިވާ ކަމަށް ދެއްކުމުގެ ގޮތުން އޭރުގެ އިމިގްރޭޝަން ކޮންޓްރޯލާ ހަސަން އަލީ އާއި އިންޓަލިޖެންސްގައި މަސައްކަތް ކުރަމުން ދިޔަ ދެ ފުލުހަކު ބައްދަލުކުރި ކަމަށް ވެއެވެ. އަދި އެ މައްސަލާގައި އެ ދެ ފުލުހުން ވަނީ މިހާރު ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރި ކުރުމަށްފަހު ވަޒީފާއިން ވަކިކޮށްފަ އެވެ. ނަމަވެސް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ އެ ދެ ފުލުހުން ވަޒީފާއިން ވަކިކުރީ ރިލްވާންގެ މައްސަލާގައި ނޫން ކަމަށެވެ. ދެ ފުލުހުން ވަޒީފާއިން ވަކިކުރީ އަދީބު އަތުން ފައިސާ ނެގި މައްސަލައެއްގައެވެ.
މަޖިލިސް
ހިޔާލު