Raajje ge eki sarahahdhu thakugai 5 tertiary hospital alhanee
image
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ސަރުކާރުގެ އެކްޝަން ޕްލޭން އިފްތިތާހް ކުރި ޖަލްސާގައި -- ފޮޓޯ / ރައީސް އޮފީސް
0 ކޮމެންޓް
 

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަސް ޓާޝަރީ ހޮސްޕިޓަލު އަޅަނީ

ދެހާސް ތޭވީހުގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަދުވެގެން ފަސް ޓާޝަރީ ހޮސްޕިޓަލު ގާއިމް ކުރުމަށް ސަރުކާރުގެ އެކްޝަން ޕްލޭންގައި ހިމަނައިފިއެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ސަރުކާރުން އިއުލާނުކުރި އެކްޝަން ޕްލޭންގައިވާ ގޮތުގައި ވޭތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ދިވެހިންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށް ވަނީ ބުނެފައެވެ. އެގޮތުން ދިވެހިންގެ އެވްރެޖް އުމުރު ދިގުވެފައިވާއިރު، ޅަފަތުގައި މަރުވާ ކުދިންނާއި ވިހެއުމުގެ ތެރޭގައި މަރުވާ މައިންގެ ނިސްބަތް ދަށްވެފައިވާ ކަމަށް ބުނެފައިވެއެވެ.

މި ދާއިރާއަށް ސަރުކާރުން ހުށަހަޅާ ސިޔާސަތުތަކުގެ ތެރެއިން ހާއްސަ އިސްކަމެއް ދޭ ކަންކަމަށް ބަލާއިރު، ހަށިހެޔޮ، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް ކުރި އެރުވުން ހިމެނެއެވެ. އޭގެތެރެއިން ވެސް އަސާސީ ސިއްހީ ހިދުމަތްތަކަށާއި ބަލިބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ވަކިން ހާއްސަ އިސްކަމެއް ދިނުމާއި، ތުއްތު ކުދިންނާއި މައިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމުގެ ޕްރޮގްރާމްތައް ވަރުގަދަކުރުމާއި ބަލި މީހުންނާއި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުން ހިމެނެއެވެ.

އަދި ހިދުމަތުގެ ފެންވަރު ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުންވެސް ހިމެނެއެވެ. މީގެއިތުރުން ހުރިހާ ފަރާތްތައް ހިމެނޭ ގޮތަށް، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމާއި ސިއްހީ ދާއިރާގެ ހިންގުން ހަރުދަނާކުރުމާއި އަދި އައި.ސީ.ޓީ މެދުވެރި ކޮށް ސިއްހީ ހިދުމަތް ތަރައްގީ ކުރުމާއި ކުއްލި ހާލަތުތަކުގައި ފޯރުކޮށްދެވޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުން ހިމެނެއެވެ.

ގައިންގަޔަށް ނާރާ ބަލިތަކުން މަރުވާ މީހުން 15 އިންސައްތައަށް!

ސަރުކާރުގެ ކުރިއަށް އޮތް ފަސް އަހަރުގެ އެކްޝަން ޕްލޭންގައިވާ ގޮތުގައި ހިތުގެ ބަލިތަކާއި ކެންސަރާއި ހަކުރު ބަލި ނުވަތަ ނޭވާލާ ނިޒާމުގެ ބަލިތަކުގެ ސަބަބުން މަރުވާ މީހުންގެ ނިސްބަތް 2018ވަނަ އަހަރާއި އަޅާ ބަލާއިރު 2023ވަނަ އަހަރުގެ ނިޔަލަށް 15 ޕަސެންޓު ދަށްވެފައި ވުމަކީ އަމާޒެކެވެ.

ކޮންމެ ރަށެއްގައިވެސް ގެއަށް ޒިޔާރަތްކޮށް ހެލްތު ޗެކަޕް ހަދައިދީ އަދި ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ތަމްރީނު ލިބިފައިވާ ވިލި ސިއްހީ ހިދުމަތްތެރިން ނުވަތަ ކޮމިއުނިޓީ ހެލްތު ވޯކަރުން 2023ގެ ނިޔަލަށް ތިބުމަކީވެސް އެކްޝަން ޕްލޭންގައި ހިމަނާފައިވާ ކަމެކެވެ.

ދެ ސަރަހައްދަކުން ސާމްޕަލް ޓްރާންސްފާ ކުރެވޭނެ!

މި އެކްޝަން ޕްލޭންގައި އެންމެ ފާހަގަކޮށްލެވޭ އަނެއް ކަމަކީ 2023ގެ ނިޔަލަށް ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ވިއުގަޔަކުން ގުޅާލުމެވެ. އަދި އެންމެ މަދުވެގެން ދެ ސަރަހައްދެއްގައި ސާމްޕަލް ޓްރާންސްފާ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަކީވެސް މި އެކްޝަން ޕްލޭންގައި ސަރުކާރުން ހިމަނާފައިވާ ކަންކަމެވެ.

ރާއްޖޭގެ ސިއްހީ ނިޒާމަކީ އަބަދުވެސް ރައްޔިތުންގެ އެންމެ ޝަކުވާ ބޮޑު އެއް ދާއިރާއެވެ. ސަރުކާރުގެ އެކްޝަން ޕްލޭންގައިވާ ގިނަ ކަންކަމަކީވެސް ރައްޔިތުންގެ ޝަކުވާތައް ލިބެމުން އަންނަ ދާއިރާތައްކަން ފާހަގަކޮށްލެވެއެވެ. އަދި އެ ދާއިރާތައް ރަނގަޅު ކުރުމަށް ސިއްހީ ދާއިރާގެ ކަންކަމުގެ ތެރޭގައި ސަރުކާރުން ވަނީ ހިމަނާފައެވެ.
ހިޔާލު