Hurihaa fandiyaarunge Maalee bayaan aammu kuranee
image
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އިތުރު ދެ ފަނޑިޔާރަކު ހަފްލާއެއްގައި -- ފޮޓޯ / ރައީސް އޮފީސް
0 ކޮމެންޓް
 

ހުރިހާ ފަނޑިޔާރުންގެ މާލީ ބަޔާން އާއްމު ކުރަނީ

ހުރިހާ ފަނޑިޔާރުންގެ މާލީ ބަޔާން އާއްމު ކުރާ ގޮތަށް ސަރުކާރުގެ ފަސް އަހަރު ދުވަހުގެ އެކްޝަން ޕްލޭންގައި ހިމަނައިފިއެވެ.
ސަރުކާރުގެ އެކްޝަން ޕްލޭން އިފްތިތާހް ކުރުމަށް ބޭއްވި ޖަލްސާގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަށް އެކުލަވާލި މެނިފެސްޓޯގައިވާ ކަންކަން ކުރާނެ ތާރީހުތައް ހިމަނާފައެވެ. އަދި ސަރުކާރުން ބުނެފައިވަނީ އެ ތާރީހުތަކުގައި އެކަންކަން ނުކުރެވުނީ ކީއްވެގެންތޯ ވެސް ވަޒީރުންނާއި ސުވާލު ކުރެވޭނެ ކަމަށެވެ.

ޖުމްލަ ފަސް ކަމެއްގެ މައްޗަށް އެކުލެވޭ އެކްޝަން ޕްލޭންގައި ޝަރުއީ ދާއިރާ އިސްލާހު ކުރާނެ ގޮތާއި ކަން ކުރާނެ ތާރީހުތައް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ހެޔޮ ވެރިކަމުގެ ތެރެއިން ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ހިމަނާފައިވަނީ 2021 ވަނަ އަހަރުގެ ނިޔަލަށް ހުރިހާ ފަނޑިޔާރުންގެ ފެންވަރު ބަލައި ނިންމުމަށެވެ. އަދި 2023 ވަނަ އަހަރުގެ ނިޔަލަށް ހުރިހާ ފަނޑިޔާރުންގެ މާލީ ބަޔާން މަދުވެގެން އެއް ފަހަރު އާންމު ކުރުމަށް ވަނީ ހިމަނާފައެވެ.

މީގެއިތުރުން އިންތިގާލީ އަދާލަތަށް ހުށަހެޅޭ މައްސަލަތަކުގެ 50 ޕަސެންޓު މައްސަލައަށް 2023ގެ ނިޔަލަށް ހައްލެއް ލިބިފައިވުމަކީވެސް އެކްޝަން ޕްލޭންގައި ރާވާފައިވާ ކަމެކެވެ. ރާއްޖޭގައި މަދުވެގެން ދެ ސަރަހައްދެއްގައި ޑިސްޓްރިކްޓު ކޯޓުތައް ގާއިމް ކުރުމަށް ހިމަނާފައިވާއިރު ގާނޫނު ކިޔަވާދޭ ހުރިހާ ތަނެއްގެ ކަރްކިއުލަމް ބަދަލު ކުރުމަކީ 2021ގެ ކުރިން ކުރަން ނިންމާފައިވާ މުހިއްމު ކަމެކެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ އާންމު ކުރި ޕްލޭނުގައިވާ ގޮތުން ޝަރުއީ ދާއިރާ އިސްލާހު ކުރުމަކީ ސަރުކާރު އެންމެ ބޮޑު އެއް އަމާޒެވެ. ކޯލިޝަނެއްގެ ތެރެއިން ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ތެރޭގައި އެންމެ ބޮޑަށް އެމަނިކުފާނު ވިއްކަމުން ދިޔައީ ވެސް އިންސާފާއި ހަމަހަމަ ކަމާއި އެކު ހުކުމް ކުރާނެ ފަނޑިޔާރުގެއެއް ގާއިމް ކޮށްދޭނެ ކަމުގެ ވާހަކަތަކާއި އެކުގައެވެ.
ހިޔާލު