Faaskuraa gaanoonu thakuge 75 percent rayyithunge khiyaalu hoadhanee
image
ރައީސް ސޯލިހު އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ / ރައީސް އޮފީސް
0 ކޮމެންޓް
 

ފާސްކުރާ ގާނޫނުތަކުގެ 75 ޕަސެންޓު ރައްޔިތުންގެ ހިޔާލު ހޯދަނީ

ރައްޔިތުން މަޖިލީހުން ފާސްކުރާ ގާނޫނުތަކުގެ 75 ޕަސެންޓު ރައްޔިތުންގެ ހިޔާލު ހޯދާ ގޮތަށް ސަރުކާރުގެ އެކްޝަން ޕްލޭންގައި ހިމަނައިފިއެވެ.
ސަރުކާރުގެ އެކްޝަން ޕްލޭންގައި ހިމަނާފައިވާ ގޮތުގައި 2023ގެ ނިޔަލަށް ފާސްކުރެވޭ ގާނޫނުތަކުގެ ތެރެއިން 75 ޕަސެންޓަކީ ރައްޔިތުންގެ ހިޔާލު ވަކިން ހޯދައިގެން ފާސްކުރެވޭ ގާނޫނުތަކަކަށް ހަދަންޖެހެއެވެ.

މީގެއިތުރުން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުންތައް ކޮންމެ އަހަރު 25 ޕަސެންޓު އިތުރު ކުރުމަށްވެސް އެކްޝަން ޕްލޭންގައި ވަނީ ހިމަނާފައެވެ. ޖަވާބުދާރީ ކުރުވަނިވި ދައުލަތުގެ ތެރޭގައި އެންމެ ބޮޑަށް ހިމެނިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކަންކަމެވެ.

އެގޮތުން 2023ގެ ނިޔަލަށް ކޮންމެ އަހަރަކު އެއްފަހަރު ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހުށަހަޅަންޖެހޭނެ ކަމަށްވެސް އެކްޝަން ޕްލޭންގައި ބުނެފައިވެއެވެ. ފާސްކުރާ ގާނޫނުތަކުގެ ތެރެއިން 75 ޕަސެންޓު ރައްޔިތުންގެ ހިޔާލު ހޯދަން އެކްޝަން ޕްލޭންގައި ހިމަނާފައިވާއިރު މިހާރުވެސް މަޖިލީހުން ބައެއް ގާނޫނުތައް ފާސްކުރަނީ ރައްޔިތުންގެ ހިޔާލު ހޯދައިގެންނެވެ.

އެގޮތުން ދާދިފަހުން ފާސްކުރި ސަގާފީ ތަރިކައިގެ ބިލަކީވެސް އާއްމުންގެ ހިޔާލު ހޯދުމަށްފަހު ފާސްކުރި ބިލެކެކެވެ. އަދި ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުން އަންނަނީ ބައެއް މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރައްވާއިރުގައިވެސް އާއްމުންގެ ހިޔާލަށް ހުޅުވާލަމުންނެވެ.

އެގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކާއި މެދު ޝަކުވާއެއް ނުވަތަ މައްސަލައެއް އޮތްތޯ ބެލުމަށް އާއްމުންނަށް ހުޅުވާލިއެވެ.
ހިޔާލު