Fannu expo gai atholhu fenvaruge vanathah hovanee
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ފަންނު އެކްސްޕޯގައި އަތޮޅު ފެންވަރުގެ ވަނަތައް ހޮވަނީ

ދިވެހި އުފެއްދުންތެރި ކަމަށް ހާއްސަ ގައުމީ މައުރަޒު "ފަންނު އެކްސްޕޯ" ގައި އެންމެ މޮޅު އަތޮޅުތައް ހޮވާ ގޮތަށް ކަނޑައަޅައިފި އެވެ.
ކުރިން ރަށު ފެންވަރުގައި ވަނަތައް ހޮވަން އިކޮނޮމިކް މިނިސްޓްރީން ކަނޑައެޅި ނަމަވެސް މިހާރު ވަނަތައް ހޮވަނީ އެކި އަތޮޅުތަކުންނެވެ.

އެގޮތުން މައުރަޒުން އެއްވަނަ، ދެވަނަ އަދި ތިންވަނަ އަތޮޅު ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު މާކެޓިން އެންޑް ޕްރޮމޯޓިން ފާތިމަތު ހިމާ ސީއެންއެމްއަށް ވިދާޅުވީ އަތޮޅު ފެންވަރުގައި ވަނަތައް ހޮވުމަށް ކަނޑައަޅާފައި ވަނީ އެ އަތޮޅަކުން މައުރަޒުގައި ބައިވެރިކޮށްފައިވާ ތަަކެއްޗާއި ވަނަތަކަށް ބަލައި، ލިބޭ މާކްސްތަކަށް ބެލުމަށް ފަހުގައި ކަމަށެވެ.

ހިމާ ވިދާޅުވީ ޖަޖިން ކްރައިޓީރިއާގައި ބައިވެރި ވާން ބޭނުންވާ މީހުންނަށް މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެޕްލިކޭޝަން ފޯމާއި އެކު ހުށަހަޅާ ތަކެތި ބަލައިގަތުން ކުރިޔަށް ދާނީ ދަރުބާރުގޭގަ އެވެ.

ފަންނު އެކްސްޕޯގައި މިއަހަރު ވާދަކުރުމުގެ ބައިންނާއި ޑިސްޕްލޭ ކުރުމުގެ ބައިގައި ބައިވެރިވުމަށް ހުޅުވާލާފައި ވާއިރު މިހާތަނަށް 396 މީހުން ބައިވެރިވެފައިވާ ކަމަށް ހިމާ ވިދާޅުވި އެވެ.

ހަތް ދާއިރާއަކުން 78 ގިންތިން ތަކެތި ބައިވެރިކުރެވޭ އެ ފަންނު އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު 22 އިން 28 ގެ ނިޔަލަށެވެ.
ހިޔާލު