2 Bidheyseen Deport kohllumun Immigration ge is verin majieehah
image
މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވޭ ބިދޭސީ މީހާ ޑީޕޯޓު ކޮށްލަނީ--
0 ކޮމެންޓް
 

ދެ ބިދޭސީން ޑީޕޯޓުކުރުމުން އިމިގްރޭޝަންގެ ވެރިން މަޖިލީހަށް

ރާއްޖެއިން ދާދި ފަހުން ޑީޕޯޓުކުރި ދެ ބިދޭސީންގެ މައްސަލާގައި އިމިގްރޭޝަންގެ އިސްވެރިން ރައްޔިތުން މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމައިފި އެވެ.
މި ހުށަހެޅުން ކޮމެޓީއަށް ހުށަހެޅުއްވީ ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމެވެ. އުޝާމުގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ކޮމެޓީގެ ނާއިބު މުގައްރިރު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސައެވެ.

އުޝާމް ވިދާޅުވީ މިއީ ސީރިއަސް މައްސަލައެއް ކަމަށެވެ. މި މައްސަލާގައި އިމިގްރޭޝަނުން އަމަލު ކުރި ގޮތް ސިޓީއަކުން އަންގައިގެން ވިއަސް ސާފު ކުރަންޖެހޭ ކަމަށާއި އަދި ވަގުތުން ފިޔަވަޅު އަޅަންޖެހޭ ކަމެއް އޮތް ކަމަށްވާނަމަ މިކަމުގައި ފިޔަވަޅު އަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކެނދިކުޅުދޫ ދާއިރާގެ މެންބަރު އީސަ ވިދާޅުވީ މައްސަލައަކީ ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލައެއް ކަމަށެވެ. އެހެންކަމުން މިއީ ބަލަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެޓީގެ މުގައްރިރު އިބްރާހީމް ޝަރީފް ވިދާޅުވީ ސިޓީއެއް ފޮނުވައިގެން ކަން ހިނގާދިޔަ ގޮތް ބަލާނީ ކަމަށެވެ. އަދި ހާޒިރު ކުރަން އޮތް ކަމެއް ވާނަމަ އިމިގްރޭޝަންގެ ވެރިން ހާޒިރުކުރާނީ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އެހެން ނަމަވެސް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އިނގުރައިދޫ ދާއިރާގެ މެންބަރު އަހުމަދު ހަސަން ވިދާޅުވީ ސިޓީއެއް ފޮނުވައިގެން މައުލޫމާތު ސާފު ކުރަން ފޮނުވައިފި ނަމަ އިތުރު ވަގުތު ބޭކާރު ވާނީ ކަމަށެވެ. އެހެންކަމުން އިމިގްރޭޝަންގެ ވެރިން ކޮމެޓީއަށް ހާޒިރުވާން ސިޓީއެއް ފޮނުވަން މާ ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

މިގޮތަށް އޭނާ ވިދާޅުވުމުން ކޮމެޓީގެ މެންބަރުންގެ އިއްތިފާގުން ވަނީ އިމިގްރޭޝަންގެ ވެރިން ހާޒިރު ކުރަން ނިންމާފަ އެވެ.

އިމިގްރޭޝަނުން ދެ ބިދޭސީން ޑީޕޯޓު ކޮށްލިއިރު އޭގެތެރެއިން އެކަކަކީ ބިދޭސީން ރެކްރޫޓުކޮށް އަދި ހުއްދަނެތި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުން ދިޔަ ބިދޭސީއެކެވެ. ދެން ހުރި މީހާއަކީ މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވޭ މީހެކެވެ.
ބިދޭސީން މަޖިލިސް
ހިޔާލު