VAAHAKA: Shakuwa
image
އައިމިނަތު ފަޒްނާ ރަޝީދު
0 ކޮމެންޓް
 

ވާހަކަ: ޝަކުވާ

ޝަކުވާ (4 ވަނަ ބައި)
ކޮޓަރިން ނުކުމެނުކުމެ ހުރި ނަސީމާއަށް މި މަންޒަރުތައް ފެނުމާ އެކު މަޑުޖެހިލެވުނެވެ. ނިތަށް ރޫތައް ގިނަވީ މާ ކުރިން ވެސް ނަސީމާ ދެކެމުން އައި ހުވަފެނެއް ނަވްޔާގެ ސަބަބުން ވިއްސިވިހާލި ވެދާނެކަމަށް ސިކުނޑި އިންޒާރު ދިނުމުންނެވެ.

ދަންވަރު ބާރަޖެހިއިރު ވެސް ނަސީމާގެ ލޮލަށް ނިދި އައި ކަމަކަށް ނުވިއެވެ. ހައްޔާންގެ ނަޒަރު ނަވްޔާއަށް ހުއްޓިފައި ހުރިގޮތް ސިފަވާ ކޮންމެ ފަހަރަކު ލޭ ކެކި ގަނެއެވެ. ހައްޔާނަކީ އެ ރަށުގެ އެންމެ މުއްސަނދި ޢާއިލާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. ހައްޔާންގެ ބައްޕަ، މާހިދުގެ ވިޔަފާރިތައް މާލެއަށް ވެސް ފުޅާ ކުރެވިފައިވާއިރު ހުޅުމާލެއިން ފްލެޓެއް ގަތް ވާހަކަވެސް ތުންތުންމަތިން އިވެއެވެ. އިމާޒާ އެއްކޮށް އުޅުނު ކަމުގައި ވިޔަސް އިމާޒާ ޚިލާފަށް ހައްޔާނަކީ ޒިންމާ ނަގާ ހަރުދަނާ ޒުވާނެއް ކަމަށް ނަސީމާ ޤަބޫލު ކުރެއެވެ. ހައްޔާން މާލެއިން ކިޔަވައި ނިމިގެން އައުމުން މާހިދު އެއްފަރާތަކަށް ޖެހިލާފައި ވިޔަފާރީގެ ހުރިހާ ކަމެއް ހަވާލުކޮށްފައި ހުންނަނީ ހައްޔާނާއެވެ. އަޒްކާއާއި ހައްޔާން ގުޅުވުމަކީ މާ ކުރިންސުރެ ނަސީމާ ދެކެމުން އައި ހުވަފެނެކެވެ. އެ ހުވަފެން ވިއްސިވިހާލިކޮށްލަން ނަވްޔާ ކިތަންމެ ފައިވިއްދާފައި ހުރި ނަމަވެސް ހަމަ ހިލާ އެހެންވިޔަކަ ވަސީމާ ނުދޭނެއެވެ. ހިތުގައި އެ ޢަޒުމު އުފެދުމާ އެކު ނަސީމާގެ ސިކުނޑިއަށް ލުއިވެގެން ދިޔަ ހެން ހީވިއެވެ.

އޭގެ ދެތިން ދުވަސް ފަހެވެ. ނިޒާރު ހަވީރު ގެއަށް އައިސް ކޮޓަރިއަށް ވަނުމުން ޓީ.ވީ ބަލަން އިން ނަސީމާ ނިކަން ހަލުވިކޮށް ބަދިގެ ފަރާތަށް ގޮސް ސައި ހަދަންފެށިއެވެ. ނަވްޔާ ހަދާފައި ހުރި މަސްރޮއްޓާއި ފޮނި ބޯކިބާ މޭޒު މައްޗަށް ނަގާ ފޯންޗުން ޖޯޑަށް ސައި އަޅާ ހަދަމުން ދިޔައިރު ނިޒާރުއާ ދައްކާނެ ވާހަކަ ސިކުނޑީގައި އަތުރަމުން ގެންދިޔައެވެ. ނިޒާރަކީ ވަރަށް އަވަހަށް ރޭގަނޑު ނިދާ މީހެއް ކަމުން މި ދެތިން ރޭ ވެސް ނަސީމާ ހިތުގައި އަޅައިގެން އުޅޭ ވާހަކަ އޮތީ ނުބުނެވިއެވެ. ނަމަވެސް މި ވަގުތު ގޭގައި އެއްވެސް މީހަކު ނެތުމުން ނަސީމާ ބޭނުންހާ ވާހަކައެއް ދައްކަން މަގު ހުޅުވިފައިވެއެވެ. ނަވްޔާ ވެސް ގޭތެރޭ މަސައްކަތް ނިންމާފައި ކޮންމެ ދުވަހަކު ހަވީރު ހަރީރާމެންގެ ގެއަށް ޓިއުޝަން ދޭން ދަނީ ނަސީމާގެ ހުއްދަ ލިބިގެންނެވެ. ލިބޭ މުސާރައިން ނަވްޔާގެ ޚަރަދުތައްކޮށްފައި ވެސް ނަސީމާއަށް މުސާރައިގެ އެއްބައި ދޭތީ ނަސީމާ ޖައްސާނެ މައްސަލައެއް ނޯވެއެވެ.

އެއްޗެހި ބަދަލުކޮށްލައިގެން ނިޒާރު ކޮޓަރިން ނުކުތް އިރު ނަސީމާ ސޯފާގައި ނެތުމުން ހައިރާންވިއެވެ. ޓީ.ވީން ދައްކާ ޑްރާމާތަކަށް ގެއްލި ހުސްވެފައި އިންނަ ނަސީމާއަށް އެހެން ދުވަސް ދުވަހު އެ ތަނުން ތެދުވެވޭނީ ނިޒާރު ކާގެއަށް ދާ ފަހުންނެވެ. ގޭގައި ކުރަން ޖެހޭހާ ވެސް މަސައްކަތަކީ ހަވީރުގެ ސައި މޭޒުމައްޗަށް ނަގައިލުން ކަމަށް ވިޔަސް އެކަން ވެސް ނަސީމާއަށް އޮންނަނީ ބޮޑު ކަމަކަށް ވެފައެވެ.

ނިޒާރު މޭޒު ދޮށުގައި އިށީނުމުން ނަސީމާ ސައިތަށި ކައިރި ކޮށްދިނެވެ. ނުރަޖަހާފައިވާ ތުނބުޅީގައި އަތް ކާއްތައި ލަމުން ނިޒާރު ބަލައިލީ ނަސީމާ ވާހަކައެއް ދައްކަން އުޅޭކަން ފަހުމްވާ ފަދައަކުންނެވެ.

"ނިޒާރޫ." ރާގުލާފައި ދަމާލަމުން ނަސީމާ ވާހަކަ ފެށިއެވެ.

"މާޒް ބުނިހެން އަހަރެމެންގެ އަޒްކާ އެހެރީ މިހާރު މީހަކާ އިންނަވަރު ވެފަ. ހިޔެއް ނުވޭ އެކަހަލަ ކަމަކާ އޭނާ ވިސްނާހެން. އެކަމަކު އަހަރެމެން ރަނގަޅު ކުއްޖަކު ދައްކައިފިއްޔާ އެއްބަސް ވެދާނެ."

އަނގައިން ނުބުނެ އިނދެ، މަސްރޮއްޓެއް ނަގާ ނިޒާރު ކާން ފެށިއެވެ. ނިޒާރަކީ ބަސް މަދު މީހެކެވެ. އިނދެގެން އުޅޭތާ މިހާރު 30 އަހަރު ވީ އިރު ނަސީމާ އެންމެ ފޫހިވާ ކަންތަކަކީ އެއީއެވެ.

"އަހަރެންނަށް ވަރަށް ކަމުދޭ ހައްޔާން." ނިޒާރު އިނީ އަޑުއަހަން ކަން އެނގޭތީ ނަސީމާ އިތުރުކޮށްލިއެވެ.

"ނަސީމާތަ އިންނަން ތި އުޅެނީ؟" އެއް ބުމަ އަރުވާލާފައި ނިޒާރު ބުނެލިއެވެ.

"ހޫނ. ވަރަށް ފޫހިވޭ. އަނގައިން ބުނަންޏާ އެކަހަލަ އެއްޗެއް ނޫނީ ނުބުނާނެ." ނަސީމާ ތުންގަނޑު ދަމައިލިއެވެ.

"އަހަރެން ބުނަން މި އުޅެނީ އަޒްކާ އިންނަން ކަމުދާ މީހަކު އެނގޭނީ އޭނައަށޭ. ނަސީމާއަކަށް ނޫނޭ. އަޚުލާގު ރަނގަޅު ކުއްޖެއްވިއްޔާ އަހަރެންގެ މައްސަލައެއް ނެތް."

"ކޮބާ މާޒް؟" ވަސީމާ ދެއްކި ވާހަކައަށް ދެން އިތުރަށް ބުނާނެ އެއްޗެއްނެތްކަން ނިޒާރު ހާމަކޮށްލިއެވެ.

"ފުޓްބޯޅަ ކުޅެން ދިޔައީ." ނަސީމާ ބުންޏެވެ.

"މުދާ ބާލަން ހަވީރު ބަނދަރު މައްޗަށް ދައްޗޭ ބުނިން." ނިޒާރު ބުންޏެވެ.

ހިތްހަމަ ނުޖެހުނު ނަމަވެސް އިތުރު އެއްޗެއް ނުބުނެ ބަނދަރުމައްޗަށް ދާން ނިޒާރު ނުކުތެވެ. ގައި ބާރު ދެރަވި ދުވަހު ދެ ފިރިހެން ދަރިން ވިޔަފާރީގައި ބައިވެރިވެ އެހީތެރިވާނެ ކަމަށް ނިޒާރު ކުރިން ހީކުރިއެވެ. ނަމަވެސް އެއްވެސް ކުއްޖަކީ ޒިންމާދާރު ކުއްޖަކަށް ނުވިއެވެ. އިޔާދު ވެސް ހިތަށްއެރި ފަހަރަކު ނޫނީ ފިހާރަ ދޮށަކަށް ނުދެއެވެ. ނަސީމާގެ ތަރުބިއްޔަތުން ބައެއް އުނިވަނީއޭ ކިޔާފައި ނިންމާލެވެން ނެތްކަން ޚުދު ނިޒާރު ވެސް ދަނެއެވެ. މި ކަމުގައި އޭނާގެ އިހުމާލު ވެސް އެބަ އޮތެވެ. ކުދިންގެ އަތުގައި ހިފައިގެން ރަނގަޅު މަގު ދައްކައި ދޭން ކުރި އެއްވެސް މަސައްކަތެއް ނެތުމާ އެކުއެވެ. އެ ވަގުތު ނިހާޔާގެ ހަނދާންތަކުން ނިޒާރުގެ މޭގައި ރިހުމެއް އުފެދުނެވެ.

ނިޒާރުގެ އުމުރުން އަށާރަ އަހަރުގައި ދިމާވި ކާރިސާއެއްގައި މަންމައާއި ބައްޕަ ނިޔާވުމުން ކޮއްކޮ، ނިހާޔާ ބެލުމުގެ ޒިންމާ ނެގީ ކިހާ އުންމީދަކާ އެކު ހެއްޔެވެ؟ އޭރު ނިހާޔާގެ އުމުރުން ވާނީ އެންމެ އަށް އަހަރެވެ. މަންމައާއި ބައްޕަ ނެތްކަމުގެ އިހުސާސު ނުކުރެވޭހާ ލޯބި ދީގެން ނިހާޔާ ތަރުބިއްޔަތު ކުރީ ހެވާއި ނުބައި ދަސްކޮށްދީ، އަމަލުން ދައްކަމުންނެވެ. ނަމަވެސް ފުރާ ފުރިހަމަ ވުމުން ނިޒާރު ވި ލޯތްބާއި ޤުރުބާނީގައި ކޮޅުފައިން ޖަހާފައި ނިޒާރުގެ ޙަޔާތުން ނިހާޔާ ހަމައެކަނި ދިޔައީކީ ނޫނެވެ. ނިޒާރު ދިން ތަރުބިއްޔަތަށް ވެސް ފުރައްސާރަ ކުރީއެވެ. ރަށު މީހުންގެ ކުރިމަތީގައި އިއްޒަތާއި އަބުރު ވެއްޔާ މޮޑެލީއެވެ. އެ ދުވަހުން ފެށިގެން ނިޒާރުގެ ހުސްވަގުތުތައް ހޭދަ ކުރީ މަސައްކަތުގައެވެ. ކުދިންނާ އެކު ވަގުތު ހޭދަކޮށް ރަނގަޅު ތަރުބިއްޔަތު ދިނުމަކީ ބޭކާރުކަމެއް ކަމަށް އޭރު ނިންމި ނިންމުގެ ހިތި ރަހަ މިއަދު ކަރު ބުޑުގައި އެބަލައެވެ.

ނިޒާރު ނުކުމެގެން ދިޔުމުން ނަސީމާ ތަށިތައް ހުރި ގޮތަށް ބަހައްޓާފައި އަނެއްކާ ވެސް އައިސް ޑްރާމާ ބަލަން ފެށިއެވެ. ނަސީމާ ބޭނުން ގޮތަށް ކަންތައް ނުދިޔަ ނަމަވެސް މާ ބޮޑު މައްސަލައަކަށް ނުވީ ދެން ކަންކުރާނެ ގޮތް ވެސް ހިތުގައި ވީތީއެވެ.

ޓިއުޝަންދީ ނިންމާލާފައި ހަރީރާމެންގެ ގެއިން ނަވްޔާ ނުކުތްއިރު ފަސްގަޑި ބައި ވެއްޖެއެވެ. އޭރު އަޒްކާއާއި ފަރްހާ ނަވްޔާގެ އިންތިޒާރުގައި ތިއްބެވެ. ފަަރްހާއަކީ ސްކޫލްގައި އުޅުނުއިރު ނަވްޔާއާ ވާހަކަދައްކާ މަދު ކުއްޖެއްގެ ތެރެއިން އެކަކެވެ. އަޒްކާގެ އިތުރުން ނަވްޔާގެ ހުރި ހަމައެކަނި ރަހްމަތްތެރިޔާއެވެ.

"ހިނގާ ބަލަ ތުނޑިއަށް ދާން." ފަރްހާ އެދުނެވެ.

"މާ ލަސް ނުވެ އަންނާނީ އޭ." ނަވްޔާ ފަސްޖެހިފައި ހުރީ ކީއްވެގެން އެނގޭތީ އަޒްކާ ބުންޏެވެ.

އެކިއެކި ވާހަކައިގައި ތިންކުދިންނަށް ތުނޑިއަށް ދެވުނުއިރު، އިރު އޮއްސެން ކައިރިވާން އުޅޭކަމުގެ ނިޝާންތައް އުޑުމަތިން ފާޅުވާން ހުއްޓެވެ. ހުދު ވިލާތަކުގެ ތެރެއިން ރަތާއި އޮރެންޖްގެ ކުލަތައް ފާއްދާލާފައިވާ ގޮތް ނުހަނު ހިތްގައިމެވެ. އަޒްކާއާއި ފަރްހާ ރުއް ބުޑެއްގެ މަތީގައި އިށީނުމުން ނަވްޔާ ފައިވާން ބާލައިފައި ރާޅުޖަހާ ހިސާބަށް ދިޔައެވެ. ކުދި ރާޅުބާނިތައް އައިސް ނަވްޔާގެ ފައިތިލައިގައި ބޮސްދީފައި އެ ދަނީ އެނބުރި އަންނާނެ ކަމަށް ވަޢުދު ވަމުންނެވެ. ޖެހެމުން ދިޔަ ނަލަނަލަ ވައިރޯޅީގެ ގޯނާތަކުން ދޫކޮށްލާފައިވާ އިސްތަށިގަނޑު ވިހުރެމުން ދިޔައިރު އެ ދޮން މޫނަށް އެޅިފައިވި ރަންކުލައިގެ އަވިން އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެއެވެ.

މޫދުން އަރައިގެން އައި ހައްޔާނަށް ތުނޑީކޮޅުގައި ހުރި އަންހެން ކުއްޖާ ފެނުމާ އެކު މަޑުޖެހިލެވުނެވެ. ހުރި ތަނުގެ ގޮތުން އެ ކުއްޖާގެ މޫނުގެ ބޮޑު ބައި ނުފެނު ނަމަވެސް އެއީ ނަވްޔާއޭ ހައްޔާންގެ ހިތް ބުނަމުން ދިޔައެވެ. އެ ރީތި ސޫރަ ދެކިލަން ކެތްމަދުވެފައިވާ ހާލު ކުރިއަށް ފިޔަވަޅު އަޅަން ފެށީ އަމިއްލަ ނަފްސަށް ކުރާ އިތުބާރެއްގެ ސަބަބުން ސާބިތުކަމާ އެކުގައެވެ.

އުދަރެހުގެ ކުލަ ރީތި މަންޒަރުތަކަށް ގެއްލިފައި ހުރި ނަވްޔާ ސިއްސައިގެން ދިޔައީ ކައިރިން މީހެއްގެ ހިލަންވެގެންނެވެ. އޭރު ހައްޔާން އައިސް އަރާ ހަމަވަނީއެވެ.

"ސޯ ބިއުޓިފުލް." ނަވްޔާއާ އަރާ ހަމަވުމުން ގުދުވެލާފައި ނަވްޔާގެ ކަންފަތްދޮށުގައި ހައްޔާން ބުނެލިއެވެ.
ކަނދުރާ ދޮށަށް އެޅުނު ހައްޔާންގެ ހޫނު ނޭވާ އިހުސާސް ކުރެވުމާ އެކު ނަވްޔާއަށް ތެޅިގަނެވުނެވެ. އިތުރު އެއްވެސް އެއްޗެއް ނުބުނެ ފަސްދީފައި ހައްޔާން ދިޔުމުން ނަވްޔާއަށް މޭގާ އަތް އަޅައިލިއިރު ބާރުބާރަށް ހިތް ތެޅެމުން ދިޔައެވެ. ލޭގެ ހިނގުން ވެސް އަވަސްވެ އަތްފައި ފިނިވެއްޖެއެވެ. ހައްޔާން ފެނުމުން އޭނާގެ ހިތާ ޖާނަށް މި ކުރަނީ ކޮން ކަހަލަ އަސަރުތަކެއް ހެއްޔެވެ؟

ވާހަކައިގައި ތިބި އަޒްކާއާއި ފަރްހާއަކަށް މި މަންޒަރެއް ނުފެނެއެވެ. އިރު އޮއްސި އަނދިރިވާން ކައިރިވީއިރު ވެސް ނަވްޔާގެ ޚަބަރެއް ނުވުމުން ދެ އެކުވެރިން ނަވްޔާގެ ގާތަށް ދިޔައެވެ. އޭރު މޭމަތީގައި އަތް އަޅައިގެން ދުރު ބަލަހައްޓައިގެން ހެވިފައި ނަވްޔާ ހުއްޓެވެ.

"ހޭލާ ހުރެވެސް ހުވަފެން ބަލަނީތަ؟" ދިމާކޮށްލުމުގެ ގޮތުން ފަރްހާ ބުނެލިއެވެ.

"ހޫނ. އަހަރެން ބަލާ ޕްރިންސް ޗާރމިންގެ ބޮއްކުރައެއްގަ، ފަލި ޖަހާފަ އަންނަތަން ފެނުނީ." ހީނގަނެފައި ނަވްޔާ ބުންޏެވެ.

"ވަރަށް ލަސް ވެސް ވެއްޖެ. ހިނގާ ދާން އަވަހަށް."

އެކަކު އަނެކަކާ ދިމާ ކުރަމުން، ހެމުން ގެއަށް ދާން ތިން ކުދިން ހިނގައިގަތެވެ. އޭރު ނަވްޔާގެ ހިތުގައި ކުޅެމުން ދިޔައީ، ރާޅުތައް ގޮނޑުދޮށުގައި ބީހިލާފައިވާދާ ހިތްގައިމު އަޑަށްވުރެ ރީތި ރާގެކެވެ. ދެކެމުންދިޔައީ، އުދަރެސް ޖަރީކޮށްފައިވާ ކުލަތަކަށްވުރެ ރީތި ކުލަ ހުވަފެންތަކެކެވެ. ނަމަވެސް ވަކި ހިސާބަކުން ކުރިމަތިން ހިނގާފައި އައި އަންހެންކުއްޖަކު ފެނުމުން ނަވްޔާގެ ހިނިތުންވުން ފަނޑުވެ، ފިޔަވަޅުތައް ލަސްވިއެވެ.

"ހުޔޫން!" ނަވްޔާއަށް ވައިއަޑުން ކިޔައިލެވުނެވެ.

(ނުނިމޭ)
ހިޔާލު