Boot eh gannan faisaa nulibunu dhuvahun feshigen Hima Champion akah vee gothuge vaahaka!
image
ހިމާ ދާސް-
0 ކޮމެންޓް
 

ބޫޓެއް ގަންނަން ފައިސާ ނުލިބުނު ދުވަހުން ފެށިގެން ހިމާ ޗެމްޕިއަނަކަށްވީ ގޮތުގެ ވާހަކަ!

އިންޑިއާގެ އަވަށެއް ކަމަށްވާ އައްސާމްގެ ކުޑަ ވިލެޖަކުން ކޮމަންވެލްތް ޖޭމްސްއަށް މިސްރާބު ޖެހި ގޮތް އިންޑިއާގެ ދުވުންތެރިޔާ ހިމާ ދާސް މިވަނީ ހިއްސާކޮށްފަ އެވެ. އުމުރުން އެންމެ 19 އަހަރުގެ ހިމާއަކީ ފަގީރު އާއިލާއެއްގެ ކުއްޖެކެވެ. އާއިލާއިން އާމްދަނީ ހޯދަމުން އައީ ދަނޑުވެރިކަން ކޮށްގެންނެވެ.
އެކި މީހުންނާ ގުޅޭ ވާހަކަތައް ގެނެސްދޭ ފޭސްބުކް ޕޭޖެއް ކަމަށްވާ، "ހިއުމަންސް އޮފް ބޮމްބޭ" އަށް ދިން އިންޓަވިއުއެއްގައި ހިމާ މިވަނީ ކާމިޔާބަށް ވާސިލުވުމަށް އޭނާ ކުރި ދަތުރުގެ ވާހަކަތައް ކިޔައިދީފައެވެ

ދުވުމުގެ ދާއިރާއިން ހަގު އުމުރެއްގައި ބޮޑެތި ކާމިޔާބީތައް ހޯދަމުން އަންނަ ހިމާ ބުނީ، އޭނާގެ އާއިލާގައި ފައިސާ ނެތުމުން ދުވަން އެރުމަށް ގަންނާނެ ބޫޓެއް ނެތިގެން ވެސް އުޅުނު ކަމަށެވެ. އެތައް ދުވަހަކު ބޫޓަށް ނާރާ ވެސް ދުވަން ޖެހުނު ކަމަށެވެ.

އެކަމަކު މައިންބަފައިންގެ ފަރާތުން އަބަދުވެސް އެއްބާރުލުން ލިބުންކަން ފާހަގަކޮށް ހިމާ ވަނީ އަތުގައި ހުރި އެއްޗެއްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އަބަދުވެސް މައިންބަފައިން ނަސޭހަތްތެރިވި ކަމަށް ހިމާ ބުންޏެއެވެ.

މިދިޔަ އަހަރު އޭނާ ކޮމަންވެލްތު ގޭމްސްއަށް ކޮލިފައިވި ވާހަކަ ބުނުމުން އެއީ ކޯއްޗެއްކަން އެމީހުންނަށް ނޭނގުނު ނަމަވެސް ތިބީ ވަރަށް އުފަލުން ކަމަށާއި ސަބަބަކީ އޭނާ ޓީވީން ފެނިގެންދާނެތީ ކަމަށް ވެސް ހިމާ ބުންޏެވެ.

ހިމާ ބުނީ އޭނާގެ ދުވުމުގެ ސްޕީޑް ފެނި އެންމެ ފުރަތަމަ އިމްޕްރެސްވީ އޭނާގެ ފިޒިކަލް އެޑިއުކޭޝަން ޓީޗަރު ކަމަށެވެ. އެގޮތުން އެތުލީޓުންގެ މެދުގައި ބާއްވާ އިންޓަ ޑިސްޓްރިކްޓް މުބާރާތްތަކުގައި ބައިވެރިވުމަށް ޓީޗަރުގެ ފަރާތުން ހިތްވަރު ލިބުން ކަމަށާއި މުބާރާތުގައި ބައިވެރިވެ މޮޅުވުމުން އިތުރު ދޮރާށިތައް ވެސް ހުޅުވިގެން ދިޔަ ކަމަށް ހިމާ ބުންޏެވެ.

ބޮޑު މޮޅާއެކު އޭނާއަށް ދުވުމުގެ ދާއިރާއިން އިތުރަށް ކުރިއަށް ދިއުމަށް މަސައްކަތް ކޮށްދިނުމަށް ދެ ކޯޗަކު އަމިއްލައަށް ހުށަހެޅިއެވެ. އެކަމަކު އާއިލާއާ ވަކިން އުޅެން އުނދަގޫ ނަމަވެސް އެކަމަށް ކުރިމަތިލުމަށް ބައްޕަގެ ފަރާތުން ހިތްވަރު ލިބުން ކަމަށް ވެސް ބުންޏެވެ.

އެ ހުރިހާ މަސައްކަތަކާއެކު އޭޝިއަން ޔޫތްޕިއަންޝިޕަށް އޭނާ ކޮލިފައިވިއިރު އެ މުބާރާތުން އޭނާއަށް ހަތް ވަނަ ލިބުނެވެ. އެއަށް ފަހު ވޯލްޑް ޔޫތު ޗެމްޕިއަންޝިޕުގައި އޭނާ ބައިވެރިވިއިރު އެ މުބާރާތުން އޭނާއަށް ފަސް ވަނަ ލިބުނެވެ. އޭގެ އިތުރުން އޭޝިއަން ގޭމްސްގައި އިންޑިއާ ތަމްސީލު ކުރުމުގެ ފުރުސަތު އޭނާއަށް ލިބިގެންދިޔައިރު އެ މުބާރާތުން އޭނާ ވަނީ ގޯލްޑް މެޑަލްއެއް ހޯދާފައެވެ.

އޭގެ އިތުރަށް މިދިޔަ އަހަރުގެ އައިއޭއޭއެފް ވޯލްޑް އެތްލިޓިކްސް ޗެމްޕިއަންޝިޕްގެ ވިހި އަހަރުން ދަށުގެ ބައިން ހިމާ ވަނީ ގޯލްޑް މެޑަލެއް ހޯދާފައެވެ. އެއާއެކު އޭނާ ވެގެން ގޮސްފައިވަނީ އެ މުބާރާތުން މިހާތަނަށް ގޯލްޑް މެޑަލެއް ހޯދި ފުރަތަމަ އިންޑިއާގެ އަންހެން އެޓްލީޓަށެވެ.

ފަގީރު އާއިލާއަކަށް ނިސްބަތްވި ނަމަވެސް މައިންބަފައިންގެ އެހީތެރިކަން ލިބި ގަދައަޅާ މަސައްކަތްކޮށްފިނަމަ ހާސިލުކުރަން ބޭނުންވާ ކޮންމެ ކަމެއް ވެސް ހާސިލުވެދާނެކަން ހަގު އުމުރެއްގައި ހިމާ މިވަނީ ސާބިތު ކޮށްދީފައެވެ.

ކުޅިވަރުގެ ދާއިރާއިން އޭނާ އިންޑިއާއަށް ހޯދައިދީފައިވާ ރީތި ނަމުގެ ސަބަބުން އޭނާ އަށް ވަނީ އަރުޖުނާ އެވޯޑު ވެސް ދީފައެވެ. އެ އެވޯޑަކީ އިންޑިއާގެ ކުޅިވަރު ވުޒާރާއިން ކުޅިވަރުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން 1961 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.
ހިޔާލު