Denmark gai Dheenai gulhey gothun Nasheedh dhekki vaahaka adu ahan Memberun beynumeh nuvi
image
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު --
0 ކޮމެންޓް
 

ދީނުގައި އޮންނަ "އަނެއް ގޮތާއި" ގުޅޭގޮތުން ނަޝީދު ދެއްކި ވާހަކަ އަޑުހަން މެންބަރުން ބޭނުމެއް ނުވި

ދެހާސް ތޭރަވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑެންމާކްގެ ކޯޕަންހޭގަން ޔުނިވާސިޓީގައި ތަގުރީރު ކުރައްވައި އިސްލާމްދީނާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކުގެ އޯޑިއޯ ރައްޔިތުންގެ މަޖިލީހުގައި އިއްވުމަށް ރައްޔިތުން މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން ނިންމައިފިއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔައީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން އާއްމުކޮށްފައިވާ ރިޕޯޓަކާއި ގުޅޭގޮތުން ނޮޅިވަރަމް ދާއިރާގެ މެންބަތު މުހައްމަދު ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރުމެވެ. މިއީ ފޯރިގަދަ ބަހުސަކަށް ވެގެން ދިޔައެވެ.

މަޖިލީހުގައި ހުރިހާ މެންބަރުން ކަހަލަ ގޮތަކަށް އެމްޑީއެން ކުށްވެރިކޮށް އެ ޖަމިއްޔާ އުވާލަންވެސް ގޮވިއެވެ. ނަމަވެސް ބައެއް މެންބަރުން އެމައްސަލަ "ވަރަށް ބޮޑަށް" ސިޔާސީ ކުރުމަށްޓަކައި ވާހަކަ ދެއްކެވިއެވެ. ހާއްސަކޮށް އެއީ 2015ވަނަ އަހަރު ނެރުނު ރިޕޯޓަކަށް ވާތީ އެކަން ސިޔާސީ ކޮށް ކުރީގެ ސަރުކާރުގެ ބޮލަށް "ކަނޑާލަން" މަސައްކަތް ކުރިތަން ފެނިގެން ދިޔައެވެ.

އެގޮތުން ވާހަކަދައްކަވަމުން މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އޯޑިއޯ ކްލިޕެއް އަޑު އިއްވާފައެވެ. އެ އޯޑިއޯ ކްލިޕްގައި ރައީސް ޔާމީން ވިދާޅުވަމުން ގެންދަވަނީ "އަޅުގަނޑުމެންނަކީ ﷲގެ ދެވަނަ ދަރިން ނޫން" މިފަދައިންނެވެ.

އަލީ އާޒިމް އެ އޯޑިއޯ މެންބަރުންނަށް އިއްވުމާއި އެކުގައި ނިޒާމީ މައްސަލައެއް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ނެންގެވިއެވެ. އަދި ވިދާޅުވީ އަލީ އާޒިމް އެ ކުރެއްވި ކަމަކީ "ކަނޑައެޅިގެން މަޖިލީހުގެ ގަވާއިދާއި ހިލާފު" ކަމެއް ކަމަށެވެ.

ޝިޔާމް އެފަދައިން ވިދާޅުވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އަލީ އާޒިމް ހިލާފުވީ ގަވާއިދުގެ ކޮން މާއްދާއަކަށްތޯ މެންބަރު ޝިޔާމްގެ އަރިހުން ސުވާލު ކުރައްވާފައެވެ. އެ ސުވާލަކަށް ޝިޔާމަކަށް ޖަވާބެއް ނުދެއްވުނެވެ.

"އިއްޒަތްތެރި މެންބަރު، އިއްޒަތްތެރި މެންބަރު، އަޅުގަނޑަށްވެސް މަޖިލީހުގެ ގަވާއިދު އެނގޭ. އަދި މަޖިލީހުގެ ގަވާއިދު ބަލަހައްޓަނީ އަޅުގަނޑު. އިއްޒަތްތެރި މެންބަރު ނިޒާމީ ނުކުތާއެއް ނަންގަވައިފި، އިއްޒަތްތެރި މެންބަރުގެ ހިތްޕުޅުގައި ވަނީ އެވާނީ ނިޒާމީ ކަމަކަށޭ. ނަމަވެސް އެއީ ކޮން މާއްދާއެއްގެ ދަށުންތޯއެއް އިއްޒަތްތެރި މެންބަރަކަށް ފާހަގައެއް ނުކުރެއްވޭ،" ނަޝީދު ވިދާޅުވިއެވެ.

އެ ވާހަކަފުޅަށްފަހު ރައީސް ނަޝީދު ވިދާޅުވީ ޔައުމިއްޔާއަށް މެންބަރު އަލީ އާޒިމް މަޖިލީހުގައި އިއްވެވި ރެކޯޑިން އަލުން އިއްވުމަށް އެދިލައްވާ ކަމަށެވެ. އޯޑިއޯ ދެވަނަ ފަހަރަށް އިއްވެވުމަށްފަހު އާޒިމް ވިދާޅުވީ އެ ވާހަކަތައް ރައީސް ޔާމީން ދެއްކެވިއިރު އަތްޖަހަން އިން ދެ މެންބަރުންގެ ތެރެއިން އެއް މެންބަރަކީ ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ކަމަށެވެ.

އަލަށް އަމަލުކުރަން ފެށި މަޖިލީހުގެ ގަވާއިދު ބުނާގޮތުން ދައްކަމުންދާ ވާހަކައަކާ ގުޅިގެން އިތުރު މައުލޫމާތު ދިނުމަށް އިތުރުވަސީލަތެއްގެ ބޭނުން ހިފާކަމަށްވާނަމަ، އެކަމެއް އެއީ، ކުރަން އެންމެ ރަނގަޅު ކަމެއް ނޫންކަމަށް މެންބަރަކަށް ފެނިގެން އެކަމަށް އިއުތިރާޒު ކޮށްފިނަމަ އެކަން ނިންމަން ވާނީ ބަހުސްކުރުމެއްނެތި ނަގާ ވޯޓަކުންނެވެ.

ރައީސް ޔާމީންގެ ރެކޯޑިން ތަކުރާރުކޮށް މަޖިލީހުގެ ތަޅުމުގައި އިއްވި ނަމަވެސް، އެ ރެކޯޑިން އިއްވުމަށް އިއުތިރާޒެއް އޮތްކަން ރިޔާސަތުން ސާފުކޮށްފައެއް ނުވެއެވެ.

އާޒިމް އެ ރެކޯޑިން އިއްވެމުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވަނީ ރައީސް މުހައްމަދު ނަޝީދު 2013ވަނަ އަހަރު ޑެންމާކުގެ ކޯޕަންހޭގަންގައި ދެއްކެވި ވާހަކަ ރެކޯޑިން މަޖިލީހުގައި އާޒިމްގެ ރެކޯޑިން އާގުޅިގެން މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ތޯރިގް ވަނީ ރައީސް ނަޝީދު 2013 ވަނަ އަހަރު ޑެންމާކްގެ ކޯޕަންހޭގަންގައި ދެއްކެވި ވާހަކައިގެ ރެކޯޑިން މަޖިލީހުގައި އިއްވައިފަ އެވެ.

ޑެންމާކަށް ކުރެއްވި ދަތުރުފުޅެއްގައި ކުރި ސުވާލާއި ޖަވާބު ސެޝަނެއްގެ ތެރެއިން ބޭރު މީހަކު ރައީސް ނަޝީދާ ކުރައްވާ ސުވާލަކީ ސަގާފީ އިސްލާމްދީނާއި "ޕްރޮގްރެސިވް" އިސްލާމްދީނާ ދެމެދު ހިނގަމުންދާ އަރާރުންވުމުގެ ތެރެއިން ސަގާފީ އިސްލާމް ފެތުރެމުންދާތީވެ އެކަމުގެ ހަގީގަތް ހުޅަނގުގެ އާއްމުންނާ ހިއްސާކޮށްދެއްވުމަށެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ މެދު އިރުމައްޗާއި ދެކުނު އޭޝިޔާގައި ފެތުރެމުންދާ ވައްހާބިޒަމްއާއި ހަރުކަށި އިސްލާމީ ފިކުރަކީ ހަގީގީ އިސްލާމްދީނެއް ނޫން ކަމަށާއި އެއީ ހިޖާޒުން ނުވަތަ ސައުދީ އަރަބިއްޔާ އިން އައިސްފައިވާ ފިކުރެއް ކަމަށެވެ.

"ހަރުކަށި ފިކުރުގެ މީހުން ވެއްޖިއްޔާ ކޮންމެ ސުވާލަކަށް އެމީހުންގެ ޖަވާބެއް އެބަ އޮތް. ދަންވަރު ގުޅާފައި "ޝޭހުއޭ. މިއުޅެނީ ނުނިދިގެންނޭ" ބުނެފި ނަމަ، ޝޭހު ދޭނެ ރަސޫލާގެ ހަދީސްއެއް ނުވަތަ ވަހީ ބަސްފުޅެއް ދަންވަރު ނިދުމުގައި ކަންކުރުމާ ބެހޭ ގޮތުން. އަޅުގަނޑުމެންގެ ނެތް މިކަހަލަ ހެލްޕްލައިނެއް. އަޅުގަނޑުމެންގެ އަތުގައެއް ނެތް "އެހެން ގޮތެއް". އެހެން ގޮތެއް ހޯދުމަކީ ވަރަށް މުހިއްމު ކަމެއް،" ރައީސް ނަޝީދު ވީޑިއޯގައި ވިދާޅުވެ އެވެ.

މިއަދު ތޯރިގް އެ އޯޑިއޯ މަޖިލީހުގައި އިއްވުމުން، އެމްޑީޕީ މެމްބަރުން ވަނީ އެ އޯޑިއޯ މަޖިލީހުގައި ޖެހުމަށް ދެކޮޅު ހަދައިފައެވެ. އަދި މެމްބަރުން އިއުތިރާޒު ކުރުމުން އޯޑިއޯ އިތުރަށް އިއްވުމަށް ފެންނަ ނުފެންނަ ވޯޓަކަށް ވަނީ ގޮސްފައެވެ.

ޑެންމާކުގައި ނަޝީދު ދެއްކެވި ވާހަކަ މަޖިލީހުގައި އިއްވަން ބޭނުން ކަމަށް ބުނެ ވޯޓު ދިނީ 10 މެމްބަރުންނެވެ. އެ އޯޑިއޯ އިތުރަށް އިއްވަން ނުފެންނަ ކަމަށް 54 މެމްބަރުން ވަނީ ވޯޓު ދީފަ އެވެ.

ރައީސް ނަޝީދުގެ އޯޑިއޯ އިއްވަން ފެންނަ ނުފެންނަ ވޯޓަކަށް ގޮސް، ރައީސް ޔާމީންގެ އޯޑިއޯ އިއްވަން ވޯޓަކަށް ނުދިއުމުން އިދިކޮޅު މެމްބަރުން ވަނީ ސުވާލު އުފައްދައިފަ އެވެ.

"އަޅުގަނޑު ނައިފަރު ދާއިރާގެ މެމްބަރު ގާތު ދެފަހަރަށް ތިން ފަހަރަށް އެހިން ކޮބައިތޯއޭ ނިޒާމީ ނުކުތާއަކީ، ކޮބައިތޯ އޭ މައްސަލައަކީ. މައްސަލައަކީ އެ އޯޑިއޯގެ މައްސަލަކަމަށް ފާހަގަވެފައި އަދި އެ މާއްދާއިން އަޅުގަނޑުމެންނަށް އެ މައްސަލަ ފާހަގަވީމާ އަޅުގަނޑު ކުރިއަކަށް ނުގެންދިޔައީމުސް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ އޯޑިއޯ އަޑު އިއްވަން އެމްޑީޕީ މެމްބަރުން ބޭނުން ނުވުމުން، ތޯރިގު ވިދާޅުވީ އެ ވޯޓުން ފެނިގެން ދިޔައީ ރައީސް ނަޝީދު އިސްލާމްދީނާ ރަސޫލާއަށް ފުރައްސާރަކޮށް ދެއްކެވި ވާހަކަތައް އަޑުއެހުމުގެ ގާބިލުކަން މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެމްބަރުންގެ ކިބައިގެން ނެތުންކަމަށެވެ.
މަޖިލިސް
ހިޔާލު