REPORT: Islaahu kuran thibi membarun islaahu vaan jehifai!
image
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ: މަޖިލިސް
1 ކޮމެންޓް
 

އިސްލާހު ކުރަން ތިބި މެންބަރުން އިސްލާހުވާން ޖެހިފައި!

ރައްޔިތުންގެ ފައިސާ އެތަނަކަށް އެންމެ ގިނައިން ހަރަދު ކުރާ ރައްޔިތުންގެ މަޖިލީހުގެ "އިއްޒަތްތެރި މެމްބަރުން" ރައްޔިތުން ހޮވާފައި ތިބީ ފޮނި އުއްމީދުތަކާ އެކު އެވެ. ރައްޔިތުންނަށް ފައިދާ ހުރި ބިލުތަކާއި ގާނޫނުތައް އެތަނުން ފާސްކޮށް އެކަންކަން ތަންފީޒު ކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ބާރު އަޅާނެ ކަމުގެ އުއްމީދުތަކުގަ އެވެ. ނަމަވެސް ރައްޔިތުން މަޖިލީހުގެ އިއްޔެގެ ޖަލްސާއިން ފެނިގެން ދިޔައީ މެންބަރުން އިންތިހާބު ކުރި ރައްޔިތުން ވެސް އެކަމަކާއި ލަދުން އަޑު އަހަން ވެސް ނުކެރޭވަރުގެ ވާހަކަތަކެވެ. "ލަދުން ދެފައި ކައިރި ކުރަން" ނުކެރޭވަރުގެ އަޑުތަކެކެވެ. މާދަމާ ގައުމުގެ ހުންގާނުގައި ހިފަން ތައްޔާރުވެ ހުރި ބޮޑުވެފައިވާ ދަރިފުޅާއި އެކީގައި އަޑުއަހާލަން ކެރޭ ވަރުގެ ވާހަކަތަކަކަށް ނުވިއެވެ.
އިއްޔެގެ ޖަލްސާގެ ކުރު ހުލާސާއެއް:

އިއްޔެ ރައްޔިތުން މަޖިލީހުގައި އޮތީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ޝާއިއުކޮށްފައިވާ ރިޕޯޓަކާއި ގުޅޭ ގޮތުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރުމުގެ މައްސަލަ އެވެ. މައްސަލައިގެ ހައްސާސް ކަމުން މަޖިލިސް ތަޅުން މައްސަލައާ އެއްވަރަށް ދިޔައީ ހޫނުވަމުންނެވެ.

ޖަލްސާއިން ފެނިގެން ދިޔައީ ނިޒާމީ މައްސަލައިގެ ބާނިތަކެއްގައި ޖެހި ބޭ އަދަބީ ބަހުން ވާހަކަ ދައްކަމުން ގެންދިޔަ މަންޒަރެވެ. މީގެ އިތުރުން މީގެ ކުރިން މަޖިލީހުގައި މެންބަރުން އަމަލު ނުކުރައްވާ ގޮތަށް ތަފާތު އޯޑިއޯ ކްލިޕުތައް އަޑު އިއްވާ ހުށަހެޅިފައިވާ މައްސަލައާ ދުރަށް ބަހުސް ކުރެވިގެން ދިޔަ މަންޒަރެވެ.



މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ތަޅުމުގައި އިއްވި އޯޑިއޯ ކްލިޕަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ޕޯޑިއަމެއްގައި ދެއްކެވި ވާހަކަފުޅެކެވެ. އަދި އެއަށްފަހު އުފެދުނު ހޫނު ބަހުސްގެ ތެރެއިން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު 2013 ވަނަ އަހަރު ޑެންމާކުގެ ކޯޕަންހޭގަންގައި ދެއްކެވި ވާހަކަފުޅުގެ އޯޑިއޯ ޕްލޭ ކުރެއްވި އެވެ.

މަޖިލީހުގެ ޖަލްސާތައް އާއްމު ރައްޔިތުން އަޑުއަހަނީ ރައްޔިތުންނާއި ގައުމާއި ގުޅުން ހުރި މައްސަލަތަކުގައި މެންބަރުން ވަކާލާތު ކުރައްވާ ގޮތް އަޑު އެހުމަށެވެ. ރަށްރަށުގެ ހޮޅުއަށިތަކާއި ތަފާތު އެކިއެކި މައިދާންތަކަށް ރައްޔިތުން އެއްވަނީ އެ ރައްޔިތުން އެތައް ގުރުބާނީއެއް ވެގެން އެތައް ފޮނި ހުވަފެންތަކެއް ދެކުނު މެންބަރުން ދައްކަމުން ގެންދާ ވާހަކަތައް އަޑު އަހާލާށެވެ. އެއްވެސް ހާލެއްގައި މެންބަރުން އަމަލު ކުރައްވާ ގޮތުން އިސްދަށަށް ޖަހާލައިގެން އެނބުރި ދާކަށް ނޫނެވެ.



މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ދެން ހިނގައިގެން ދިޔަ ކަންތައް ހިނގާ ދިޔައީ މަޖިލީހުގެ ހުސް ވަގުތު ކޮޅަށް ފަހު އެވެ. ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި މަޖިލީހުގައި އިންނެވި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ ޒާތީ ދިރިއުޅުމާއި ބެހެނީ ކަމަށް ވިދާޅުވެ މަހިބަދޫ ދާއިރާގެ މެންބަރު ތޯރިގް ނިޒާމީ މައްސަލައެއް ނެންގެވި އެވެ. އަދި ތޯރިގަށް ފަހު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ނިޒާމީ މައްސަލައެއް ނެންގެވި އެވެ.

ސައީދަށް ފަހު ނިޒާމީ މައްސަލައެއް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް ނެންގެވި އެވެ. ނިޒާމީ މައްސަލައެއް ނަންގަވާ ސައީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ "ފިނިފެންމަލެއް" ކަމަށް ސިފަ ކުރެއްވި ބޭފުޅެއް ކަމަށް ވިދާޅުވެ ސައީދަށް ބަހުގެ ހަމަލާއެއް ޝަމީމް ރައްދުކުރި އެވެ.



ޝަމީމްގެ ވާހަކައަށް ރައްދު ދިނުމަށް ސައީދު ވިދާޅުވީ "އަޅުގަނޑަށް ދެންނެވިދާނެ އިއްޒަތްތެރި މެންބަރު އަޅުގަނޑަށް ސިފަވަނީ ތެޔޮބި- އެއް ހެނޭ،" ސައީދު ވިދާޅުވި އެވެ.

"އެކި މީހުންނަށް އެކި އެއްޗެހި ފެންނާނީ، ބައެއް މީހުންނަށް ތެޔޮބި- ފެންނާނެ، ރާފުޅި ވެސް ފެންނާނެ، ބިޔަރު ދަޅުތައް ފެންނާނެ، ފިނިފެންމާ ވެސް ފެންނާނެ،" ސައީދު ވިދާޅުވި އެވެ.

ސައީދުގެ އެ ވާހަކަތަކަށް ރިޔާސަތުން ވިދާޅުވީ އެމްޑީޕީ މެންބަރުން ކިޔާނެ އެއްޗެއް ކިޔުމަށް ފުރުސަތު ދެއްވާ ކަމަށް ސައީދު ވިދާޅުވިއިރު އެމަނިކުފާނު ވެސް ބޭނުން އެއްޗެއް ދެންމެ ވިދާޅުވީ ކަމަށާއި އެހެންކަމުން ވަކި ބޭފުޅަކަށް ވަކި ގޮތެއް ރިޔާސަތުން ނުހައްދަވާ ކަމަށެވެ.

ސައީދުގެ އެ ވާހަކަތައް މެންބަރު ޝަމީމަށް ހަޖަމް ނުވި ފަދައެވެ. އިށީންދެ ވަޑައިގެންނެވި ވަރަށް ވުރެ ބާރަށް ތެދުވެވަޑައިގެން ސައީދަށް މެންބަރު ޝަމީމް ރައްދު ދެއްވި އެވެ.

"މާވަށު ދާއިރާގެ މެންބަރު ސައީދު ރައީސުލްޖުމްހޫރިއްޔާ އާއި ފިނިފެންމަލަކާއި އެއްވަރު ކުރެއްވެވުމަކީ ހަމަ ސީދާ ފިރި----. އެކަން ކުރާތީ ފިނިފެންމަލެކޭ ފިނިފެންމަލުގެ އަރާމާ ލޯތްބޭ، ފިނިފެންމަލަކީ އަންހެން ކުދިންނަށް ދީ އުޅޭ އެއްޗެއް. ދެން ކޮން ވާހަކައެއް މިތާ ދައްކަނީ. ހަމަ ސީދާ ލަ-------،" ނިޒާމީ ނުކުތާ ނެންގެވުމަށް ފަހު ޝަމީމް ވިދާޅުވި އެވެ.



މިއީ ފުކެއް ބޮޑުވަރެވެ. އިސްލާމީ ގައުމެއްގައި މާތްﷲ ގަންދީ ހުވާ ކޮށްގެން ތިބި ގާނޫނު ހަދާ މެންބަރުންގެ ބަސްމަގު މިހާ ހިސާބަށް ދިއުމުން މި މެންބަރުން އިންތިހާބު ކުރި ރައްޔިތުން ގަންނާނެ ލަދެއް މި މެންބަރުންނަށް އެނގިވަޑައިނުގަންނަވަނީ ބާއްވަ އެވެ.

"އަޅުގަނޑަށް ވަގުތު ނުލިބުނީ އެހެން ދަންނަވަން. އެއީ ނިޒާމީ މައްސަލަތައް ގިނަވެގެން ދިއުމާއި ވެސް އެކީގައި. އަޅުގަނޑު މަޖިލީހުގެ ރިޔާސަތަށް ދަންނަވަން އުޅުނީ މި އޯޑިއޯއެއް ވިއަސް އަދި ވީޑިއޯއެއް ވިއަސް އެއީ 18 އަހަރުން މަތީ މީހުން އެ އަޑު އެހުމަށް ރިޔާސަތުން އިއުލާން ކޮށްދެއްވުމަށް،" މަޖިލީހުގެ އިއްޔެ ޖަލްސާގައި އެންމެ ފުރަތަމަ އޯޑިއޯ ކްލިޕު އަޑު އިއްވެވި މެދު ހެންވޭރު ދާއިރާގެ މެންބަރު އާޒިމް ވިދާޅުވިއެވެ.

މަޖިލީހުގެ ބޭއަދަބީ ބަހުން ވާހަކަ ދެއްކުމާއި ގުޅޭ ގޮތުން ވެސް އާޒިމް ވިދާޅުވީ އިންތިހާބު ކުރި ރައްޔިތުންނަށް ދަށު ދަރަޖައިގެ އަމަލަކަށް ވާނެ ކަމަށް ގަބޫލު ކުރައްވަ އެވެ. އާޒިމް ވިދާޅުވީ ޑިމޮކްރަސީއެއްގެ ދަތުރު ކުރާއިރު އެޒާތުގެ ކަންކަމާއި ވެސް ޖެހޭނެ ކަމަށެވެ.

"އަޅުގަނޑު މި ދަންނަވާލީ އެ އޯޑިއޯ ކްލިޕް އަޑު އިއްވުމުގެ ކުރިން އަޅުގަނޑު ކަން ކުރަން ބޭނުންވި ގޮތް. އެކަމަކު އެކަން އެގޮތަކަށް ނޫން ދިޔައީ. މައްސަލައެއް ނެތް. ދެން ތި ކުރެއްވި ސުވާލު. ގަބޫލުކުރަން މަޖިލީހުގައި ބޭ އަދަބީކޮށް ވަރަށް ހޫނުކޮށް އިއްޔެ މަޖިލިސް މިދިޔައީ. އެކަމަކު މިއީ އަޅުގަނޑުމެން ޑިމޮކްރަސީއަކަށް ފައްކާވާއިރު ފެންނާނެ ކަންކަން،" އެމްޑީޕީގެ ޕީޖީ ލީޑަރު ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މަޖިލިސް ޖަލްސާތައް އަޑު އަހާނެ ކަމަށް ގަބޫލު ކުރަނީ 18 އަހަރުން މަތީގެ ބޭފުޅުން ކަމަށެވެ. އެއީ ރާއްޖޭގައި ވޯޓުލެވޭ އުމުރެވެ. އެއަށްވުރެ ކުޑަކުދިން މަޖިލިސް ޖަލްސާ އަޑުއެހުމަކީ އާޒިމް ވެސް އެދޭ ގޮތެއް ނޫނެވެ.

"އަޅުގަނޑުމެން ބަލަމާ ހިނގާ ދުނިޔޭގެ އެހެން ގައުމުތަކުގައި އެކަން އޮންނަ ގޮތް. އިންޑިއާ ބަލަމާ ހިނގާ އެންމެ ކައިރިން. އިންޑިއާގައި އަޅުގަނޑު އިހަށް ދުވަހު މިއައީ ގޮއްސަ އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް، ތެދެއް ދަންނަވާ ނަމަ ހަމަ ރީތި އެންމެ ބަހެއް ވެސް ނުކިޔާ. އެހެންވީމަ މިއީ އަޅުގަނޑު ދެކޭ ގޮތުގައި މަޖިލިސްތަކުގައި ޕާލިމަންޓުތަކުގައި ކަން ހިނގަމުންދާ ގޮތް. މިކަންކަން ނުފެންނަންޏާ ނުވޭ މަޖިލީހަކަށް،" އާޒިމް ވިދާޅުވި އެވެ.

އާޒިމްގެ ވާހަކަތަކާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ދެކޮޅެވެ. އެއީ ކޮންމެހެން އޭނާއަކީ އިދިކޮޅު މެންބަރަކަށް ވާތީއެއް ނޫނެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މަޖިލިސް ތެރޭގައި ބޭއަދަބީކޮށް ވާހަކަ ދެއްކުމަކީ ކުރެވިގެން ވާނެ ކަމެއް ނޫނެވެ. އެއީ ވަގުތުން ގެނެސްދޭ ޖަލްސާއަކަށް ވާއިރު މަޖިލިސް ޖަލްސާތައް އޮންނަ ދުވަހެއްގައި އެންމެ ގިނަ ރައްޔިތުން ބަލާ އެއްޗަކީ މަޖިލިސް ޖަލްސާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

"ބަދު އަހްލާގީ ބަސްތައް ކިޔާ ހިސާބަށް ދިޔައީމަ އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއް. އެކަމުގެ ސަބަބުން އަޅުގަނޑުމެން މި ކުޑަކުޑަ މުޖުތަމައުއަށް އަސަރު ކުރާނެ. އަޅުގަނޑުމެން މެންބަރުންނާއި ރައްޔިތުން މަޖިލީހަށް އާއްމުން ކުރާ އިހްތިރާމް ގެއްލޭނެ،" މަޖިލިސް ތެރޭގައި އިއްޔެ ހިނގާ ދިޔަ ކަންކަމާއި ގުޅޭ ގޮތުން އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ އިއްޔެ ރައްޔިތުން މަޖިލީހުގައި ކުރިއަށް ދިޔައީ ހައްސާސް މައްސަލައަކަށް ބަހުސް ކުރުން ކަމަށެވެ. ނަމަވެސް މައްސަލައިގެ ބާވަތަށް ބަލައިގެން ކިތަންމެ ވަރަކަށްވެސް ވާހަކަ ދެއްކިދާނެ ކަމަށާއި އެކަކު އަނެކަކުގެ ގަޔަށް ބޮލަށް އަރައިގަންނަ ހިސާބަށް ގޮސްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މައްސަލައެއް ނެތް. އެހެން ގައުމުތަކުގައި ޕާލިމަންޓުތައް އޮންނަނީ މިފަދައިން. ވަރަށް ސިޔާސަކޮށް ގިނަ ފަހަރު ދަނީ. އެކަމަކު އެހެން ގައުމުތަކުގައި އޮންނަ ގޮތަކަށް ނޫން ދެއްތޯ އަޅުގަނޑުމެންގެ ގައުމުގެ އާދަކާދައާ ސަގާފަތް އޮންނަނީއެއް. އަޅުގަނޑުމެންގެ ގައުމަށް ފަތުރުވެރިން އަންނަނީ ކީއްވެތޯ. ގައުމުގެ އާދަކާދައާ ސަގާފަތް އެހެން ގައުމުތަކާއި ތަފާތުވީމަ. އެހެންވީމަ ވަކި ގައުމެއްގައި ވަކި ގޮތަކަށް އޮންނާތީއޭ ކިޔާފައި ނުޖެހޭ މެންބަރުން ގަޔަށް ބޮލަށް އަރާ ޒާތީ ކަންކަމާއި ބެހޭކަށް،" އާދަމް ޝަރީފް ވިދާޅުވިއެވެ.

މާ ދުރަކަށް ނުދާނަމެވެ. އަވަށްޓެރި އިންޑިއާ އަދި ލަންކާއަށް ބަލާލާނަމެވެ. ހޫނު މައްސަލަތަކުގައި ބަހުސް ކުރާއިރު ޕާލިމަންޓުގެ ތަކެއްޗަށް ގެއްލުން ދީފައި އެބަހުއްޓެވެ. އެއް މެންބަރަކު އަނެއް މެންބަރެއްގެ ގަޔަށް އަތްލާ ހިސާބަށް ގޮސްފައި އެބަހުއްޓެވެ. އެއީ އެބޭފުޅުން ގަބޫލު ކުރާ ގޮތުގައި މަޖިލިސް ތެރެ އޮންނަންވާނެ ގޮތެވެ. ވާދަވެރިކަމުގެ ރޫހެއް އޮންނަން ޖެހޭނެއެވެ. އިދިކޮޅާއި ސަރުކާރު މެންބަރުންނާއި ދިމާލަށް ޒާތް ޒާތަށް އެއްޗެހި ގޮވެން ވާނެއެވެ.

މަޖިލީހުން އިއްޔެ ފެނިގެން ދިޔައީ މާޒީއެވެ. މީގެ އަހަރުތަކެއް ކުރީގެ މަޖިލީހެވެ. އެންމެންވެސް ދައްކަނީ 19ވަނަ މަޖިލީހުގެ ވާހަކައެވެ. އުފެއްދުންތެރިކަން "މަރުވެފައި" އޮއްވާ އަލުން ދިރުއްވީ މި މަޖިލިސް ކަމަށެވެ. ރައްޔިތުން ތިބީ އަތްޖަހަ ޖަހައެވެ. ނަމަވެސް މެންބަރުންގެ އަމަލުތައް ހުރީ އިސްލާހު ކުރަންޖެހިފައެވެ. މިއީ އިސްލާހު ކުރަން ތިބި މެންބަރުންނެވެ. އުފެއްދުންތެރިކަން ގެންގުޅެންވި މެންބަރުންނެވެ. ރައްޔިތުންނަށް ނަމޫނާ ދައްކަން ތިބި މެންބަރުންނެވެ. އެ މަޖިލީހުގެ މެމްބަރުންގެ އަމަލުތައް މިއަދު ހުރި ގޮތުން ހުރިހާ ދެރައަކާއި ހިތާމައެއް އަދި ލަދެއް ބޮލުގައި އަޅަން ޖެހެެނީ "ނިކަމެތި" ރައްޔިތު މީހާއެވެ.
މަޖިލިސް
ހިޔާލު

މޫސަ

ހެލޯ ސީއެންއެމް. ކީއްވެ މިހާރު ސިޔާސީ މިކަހަލަ ރިޕޯޓު ނުލިޔަނީ. އަހަރެމެން ކިޔުންތެރިންނާއި ހަމައަށް މިކަހަލަ ރިޕޯޓުތައް ގެންނަންވާނެ.
ރިޕޯޓަށް ކޮމެންޓު ކުރާނަމަ ބުނަން އޮތީ އާއްމު ރައްޔިތެއްގެ ހައިސިއްޔަތުން އިއްޔެ އަނދުން ހުސައިން ތެޅުނު ވައްތަރުން އަހަރެން ލަދުން ބޯ ހަލާކު ވެއްޖޭ. އަޅެ މެންބަރުންގެ ބަސް މަގު ހަމަ އެހެން ހުންނަން ޖެހޭތަ؟