1 billion Rufiyaa ge tharaggeege mashroo nimijje: Finance Minister Ameer
image
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު--
0 ކޮމެންޓް
 

އެއް ބިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫއު ނިމިއްޖެ: ފިނޭންސް މިނިސްޓަރު އަމީރު

މިއަހަރުގެ މިހާތަނަށް އެއް ބިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫއު ނިމިފައިވާ ކަމަށާއި މިހާރު ވެސް ގިނަ މަޝްރޫއުތަކެއް ކުރިއަށްދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ސުވާލަކާ ގުޅިގެން އަމީރު ވަނީ މިއަދު މަޖިލީހުގެ ޖަލްސާއަށް ހާޒިރުކޮށްފަ އެވެ. ޖާބިރު ސުވާލު ކުރެއްވީ ނިމުނު ޕްރޮޖެކްޓުތަކާއި ކުރިއަށްދާ ޕްރޮޖެކްޓުތަކާ ގުޅޭ ގޮތުންނެވެ.

"މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު، ފާއިތުވެ ދިޔަ މުއްދަތުގައި ނިމުނީ ކިތައް ޕްރޮޖެކްޓުތޯ؟ އަދި ނިމުނު ޕްރޮޖެކްޓުތަކުގެ ތެރެއިން ކިތައް ޕްރޮޖެކްޓައްތޯ ފައިސާ ދައްކާ ނިމުނީ؟" ޖާބިރު ސުވާލުކުރެއްވި އެވެ.

ޖަވާބުގައި އަމީރު ވިދާޅުވީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 42 މަޝްރޫއެއް ނިމިފައިވާ ކަމަށާއި، އެ މަޝްރޫއުތަކުގެ އަގު އެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

"މިހާތަނަށް މި މަޝްރޫއުތަކަށް 759.8 މިލިއަން ރުފިޔާ ދައުލަތުން ދައްކާފައިވޭ. އަދި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 171.6 މިލިއަން ރުފިޔާ ދައްކާފައިވޭ،" އަމީރު ވިދާޅުވި އެވެ.

އެއަށްފަހު ޖާބިރު ސުވާލުކުރެއްވީ ދެން ކުރިއަށް ހުރި މަޝްރޫއުތަކަށް ފައިނޭންސް ކުރާނެ ގޮތްތަކާ ބެހޭ ގޮތުންނެވެ. އަމީރު ވިދާޅުވީ ދެން ހުރި ޕްރޮޖެކްޓުތައް ވެސް ބަޖެޓުކޮށްފައި ވާނެ ކަމަށެވެ.

"ބަޖެޓުކޮށްފައިވާ ޕްރޮޖެކްޓުތައް ގެންދާނެ ގޮތުގެ ތަފްސީލް 2019 ވަނަ އަހަރަށް ހުށަހެޅި ފާސްވެފައިވާ ބަޖެޓުގައި ހިމަނާފައި ވާނެ. މިހާތަނަށް ނޭޝަނަލް ޓެންޑާ ތްރޫކޮށް 136 ޕްރޮޖެކްޓެއް އެވޯޑުކޮށްފައި ވާނެ. އޭގެ ޖުމްލަ އަގު 3.8 ބިލިއަން ރުފިޔާއަށް އެބަ އަރާ،" ފިނޭންސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން މިހާރު ވެސް 43 ރަށެއްގައި 29 މަޝްރޫއު ކުރިއަށްދާ ކަމަށާއި އެ މަޝްރޫއުތަކަށް ފައިސާ ހަމަޖައްސާފައި ވަނީ ޑޮމެސްޓިކް އަދި ފޮރިން ފައިނޭންސިން އިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން އިންޑިއާގެ ސަރުކާރުގެ އެހީގައި ލިބުނު ބަޖެޓު ސަޕޯޓަށް 200 މިލިއަން ޑޮލަރާއި، އޭގެ އިތުރުން ޑޮމެސްޓިކް ފައިނޭންސިން އަށް ގާތްގަނޑަކަށް 300 މިލިއަން ރުފިޔާގެ ޓީބިލް ވިއްކިފައި ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް މިއަދުގެ މަޖިލީހުގައި މެމްބަރުން ވަނީ ގިނަ މަޝްރޫއުތަކާ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރާ ސުވާލުކުރައްވާފަ އެވެ.
މަޖިލިސް ފިނޭންސް
ހިޔާލު