Gaaf Alif atholhah beynunvaa mashroo thakaa behey gothun mashvaraa koffi
image
އިއްޔެގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ގއ. އަތޮޅަށް ބޭނުންވާ މަޝްރޫއުތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފި

ގއ. އަތޮޅުގެ ރަށްރަށަށް އުމުރާނީ ގޮތުން ބޭނުންވާ މަޝްރޫއުތަކާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯހިލުއާ، ގއ. އަތޮޅު ކައުންސިލަރުން ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި އެވެ.
އެ ބައްދަލުކުރެއްވުން އޮތީ އިއްޔެ މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެ ބައްދަލުކުރެއްވުމުގައި، ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި އަތޮޅުގެ އެކި ރަށްރަށަށް އުމުރާނީ ގޮތުން ބޭނުންވާ ބައެއް މަޝްރޫއުތައް ފާހަގަކުރައްވާފައި ވެއެވެ.

އޭގެ ތެރޭގައި ފެނާއި ނަރުދަމާގެ މަޝްރޫއު އާއި ބަނދަރާއި ބިން ހިއްކުމާއި އަދި އަތޮޅުގެ ވަކިވަކި ރަށްރަށަށް ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާއިން ބޭނުންވާ ބައެއް ކަންކަން ކައުންސިލަރުން ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ކައުންސިލަރުން ވަނީ އަތޮޅުގެ ފަތުރުވެރިކަމުގެ ދާއިރާގެ ފައިދާ އަތޮޅުގެ ރައްޔިތުންނަށް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ލިބުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި ދަތުރުފަތުރުގެ ދާއިރާއިން ބޭނުންވާ ކަންކަން ވެސް ކައުންސިލަރުން މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވި އެވެ.

އެ ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ގއ. ކައުންސިލަރުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ކައުންސިލަރުންނާ ހިއްސާކުރެއްވި އެވެ.

އޭގެ އިތުރުން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާ ކުރައްވައިގެން ހައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ހިޔާލު