Addu ge magu thakuga sign board ge beynun nethifa!
image
އައްޑޫ ސިޓީގެ މަގެއް--
0 ކޮމެންޓް
 

އައްޑޫގެ މަގުތަކުގައި "ސައިންބޯޑު"ގެ ބޭނުން ނެތިފައި!

ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީގެ މަގުތަކުގައި އުޅަނދު ފަހަރު ސައިންބޯޑަށް ނުބަލާ މައްސަލަ ބޮޑެވެ. ސައިކަލު ދުއްވުމުގައި "އޯވާސްޕީޑް" ކުރުމާއި، ޕާކުނުކުރަން ކަނޑައަޅާފައި ހުންނަ ސަރަހައްދުތަކާއި އާއްމުންނަށް ދަތިވާ ފަދަ ތަންތަނުގައި ޕާކު ކުރުމަކީ އާންމު ކަމެކެވެ.
އައްޑޫގެ ލިންކް ރޯޑާއި އަދި މި ނޫން ވެސް މަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމަކީ ވަރަށް އާންމު ކަމެކެވެ. މިފަދަ އެކްސިޑެންޓްތަކުގައި އެތައް ފުރާނައެއް ވެސް ވަނީ ގެއްލިފަ އެވެ. ނަމަވެސް މަގުމަތީގެ ގަވާއިދާ ހިލާފަށް އުޅޭ މީހުން މިކަމާއި މެދު ވިސްނާ ފިކުރުކުރާ ހެނެއް ހިޔެއް ނުވެ އެވެ.

ބާރަށް ދުއްވުމާއި ގޯޅި އެޅުމާއި އޯވާޓޭކް ކުރުމުގައި ވެސް މާ ބޮޑު ބެލުމެއް ނެތި މަގުމަތީގެ ގަވާއިދާ ހިލާފަށް ދުއްވާ މީހުން ވަރަށް ގިނަ އެވެ. އައްޑޫގެ މަގުތައް ނުހަދާ ހުރުމާއި، ގަވާއިދުތައް މޮނިޓާކޮށް ބެލެހެއްޓޭނެ ނިޒާމެއް ނެތުމުން ވެސް ނުގަވާއިދުން ހިނގާ ކަންކަން އިތުރުވެ، އެކްސިޑެންޓުތައް ގިނަ ވެއެވެ.

އައްޑޫ ސިޓީގެ ރައްޔިތަކު ސީއެންއެމްއަށް ކިޔައިދިން ގޮތުގައި އައްޑޫގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާ އަކީ ރަށްރަށުގެ އެތެރޭގެ މަގުތައް އެއްވެސް ގޮތަކަށް ނުހަދާ އޮތުމާއި ޒަމާންވީ ލިންކު ރޯޑު މި ޒަމާނަށް ފައްތައިގެން މަރާމާތު ނުކޮށް އޮންނަ ކަމުގެ ޝަކުވާ އެވެ.


އައްޑޫ ސިޓީގެ މަގެއް-- ފޮޓޯ: ފޭސްބުކް

ވާރޭ ވެހިއްޖެ ނަމަ ފެންބޮޑުވެ، ކިލާ އުފެދި ދުއްވާ އެއްޗެހި ދުއްވުމަށާއި، ހިނގާ ބިނގާވެ އުޅުމަށް ވެސް ދަތިވެފައި އޮންނަ މަގުތަކުގެ ހާލަކީ ވެސް އެކްސިޑެންޓުތަކަށް މަގު ފަހި ކުރުވާނެ ކަމެކެވެ.

ނަމަވެސް ފަރުދީ ޒިންމާ ވެސް އޮންނާނެ އެވެ. މަގު ކޮންމެ ގޮތަކަށް އޮތަސް ތިމާ މީހާ ދުއްވުމުގައި މަގުމަތީގެ ގަވާއިދުތަކަށް ސަމާލުކަންދީގެން ދުއްވުމާއި ގަވާއިދާ އެއްގޮތަށް އެހެން މީހުންނަށް ދަތި ނުވާނެހެން ޕާކު ކުރުމަކީ ކޮންމެ މީހަކަށް ވެސް ކުރެވޭނެ ކަމެކެވެ. ނަމަވެސް އެއްވެސް ބެލުމެއް ނެތި އާންމުންނަށް ދަތިވާ ފަދަ ތަންތަނުގައި ސައިކަލުގެ އިތުރުން ކާރާއި ޕިކަޕު ފަދަ އުޅަނދުތައް ވެސް ވަރަށް ގިނައިން ޕާކުކޮށްފައި ހުރެ އެވެ.


އައްޑޫ ސިޓީގެ ފިހާރައެއްގެ ދޮރު މަތީގައި ވެހިކަލްތަކެއް ޕާކުކޮށްފަ-- ފޮޓޯ: ފޭސްބުކް

ސްކޫލުތަކަށް ކުދިން ގެންދާ ބެލެނިވެރިން ސައިކަލު ފަދަ އުޅަނދުތަކުގައި ކުދިން ގޮވައިގެން ދާއިރު، އެ ދަތުރު ކުރާ ގޮތަކީ، ފަހަތުގައި އިންނަ ކުއްޖާއަށް ވެސް އެއީ ރަނގަޅު ގޮތް ކަމުގައި ދަސްވާނެ ގޮތެވެ. ސްކޫލު ނިމި އަށާރަ އަހަރު ފުރޭ އިރަށް އޭނާ ވެސް އަރާނީ ސައިކަލަކަށެވެ.

އެންމެ ކުޑަ އިރުން ފެށިގެން ބެލެނިވެރިޔާ ދުއްވާ ގޮތް ފެނި އާދަވެފައިވާ ގޮތަށް ނޫނީ އެ ކުއްޖާއަށް ވެސް ނުދުއްވޭނެ އެވެ. އެ ސިޓީގެ މީހުން މައުލޫމާތު ދޭގޮތުގައި މިގޮތަށް ކަންތައް ހިނގާފައި ވެސް އެބަ ހުއްޓެވެ. ކުދިން ނަމޫނާއަކަށް ބަލަނީ ބެލެނިވެރިންނެވެ. އެހެންކަމުން ބެލެނިވެރިން މިކަމަށް ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ.

"ސްކޫލުތައް ކައިރީ އެއްވެސް ހަމައެއް ނެތި ޕާކު ކުރާތީ ވަރަށް އުނދަގޫ އަސްލު،" ހިތަދޫ މީހަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކުދިން ގޮވައިގެން އަންނަ މީހުން ވެސް އަދި މުވައްޒަފުން ވެސް ސްކޫލު ދޮރުމަތީގައި ވެސް ޕާކުކޮށްފާނެ އެވެ. އެހެން ހެދުމުން ކުދިންނަށް ވެސް އަދި މަގުގައި ހިނގާ މީހުންނަށް ވެސް އުނދަގޫ ވެއެވެ. އަދި ކުދިންނަށް އެ ދަސްކޮށްދެވެނީ ނުގަވައިދުން ކަންތައް ކުރުމުގެ ނުރަނގަޅު އާދަ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ސީއެންއެމްއަށް މައުލޫމާތު ދެއްވި ގޮތުގައި އައްޑޫއަކީ ސިޓިއެއް ކަމުގައި ވެފައި، ބޮޑު އާބާދީއެއް ދިރިއުޅޭ ތަނެއް ކަމުގައި ވިޔަސް އައްޑޫގައި ޓްރެފިކް ޕޮލިހުން ނުތިބެ އެވެ. މަގުމަތީގެ ގަވާއިދާ ހިލާފުވުމާއި އާންމުންނަށް އުނދަގޫވާ ފަދަ ގޮތަށް ޕާކުކުރުން އާންމުވެފައިވާ އެއް ސަބަބު ކަމަށް ސިޓީ ކައުންސިލުން ފާހަގަކުރަނީ އައްޑޫގައި ޕޮލިހުން ތިބި ނަމަވެސް ޓްރެފިކަށް ހާއްސަ ޓްރެފިކް ފޮލިހުން ނޫޅޭތީ އެވެ. އައްޑޫގެ މަގުތައް ބެލެހެއްޓުމާއި މަރާމާތު ކުރުން މިހާރު ބަލަަހައްޓަމުން ގެންދަނީ އައްޑޫ ސިޓީި ކައުންސިލުންނެވެ.

އައްޑޫގެ މަގުތަކުގެ ހާލަކީ ބަދަލު ކުރަން ޖެހިފައިވާ ކަމެކެވެ. ހަމައެހެންމެ، ގަވާއިދު ތަންފީޒުވާ މިންވަރު މޮނީޓާ ކުރުމަށް، އައްޑޫގައި ޓްރެފިކް ޕޮލިހުން ތިބުން މުހިއްމެވެ. ޖުމްލަ އާބާދީގައި 33،821 މީހުން އޮތް އައްޑޫއަކީ ވެސް ތަރައްގީވަމުން އަންނަ އިރު، ހެޔޮކޮށް ތަރައްގީ ކުރެވޭ ސިޓީއަކަށް ހެދޭނީ ކަންކަން ސުޕަވައިޒުކޮށް ބަލާނެ ފަރާތްތައް ތިބެގެންކަން ޔަގީނެވެ.

މޮނިޓާ ކުރާނެ ފަރާތެއް ނެތުމުން، ގަވާއިދަށް ބެލުމެއް ނެތި އެމީހަކު ހިތުހުރި ގޮތަކަށް އަމަލު ކުރަމުން ދަނީ އެވެ. ސައިންބޯޑެއް ހުއްޓަސް ނެތަސް ތަފާތެއް ނެތެވެ. ސައިންބޯޑުތަކުގެ ބޭނުން ކެނޑިފައިވަނީ ފަރުދީ ޒިންމާ އަދާ ނުކުރުމުގެ އިތުރުން، އެކަންކަން ތަންފީޒު ކުރަން ހަރުދަނާ ބަޔަކު ނެތީމަ އެވެ.

ދެން އޮތީ ފަރުދީ ޒިންމާގެ ވާހަކަ އެވެ. މަގުތައް ނުހެދި އޮތް ނަމަވެސް، ޓްރެފިކް ޕޮލިހުން ނެތް ނަމަވެސް، ފަރުދީ ޒިންމާ އަދާކޮށް ސައިންބޯޑުތަކަށް ބަލައިގެން، މަގުމަތީގެ ގަވައިދާ އެއް ގޮތަށް އެހެން މީހުންނަށް އުނދަގޫ ނުވާނެހެން ކަންތައް ކުރުމަކީ ކޮންމެ ރައްޔިތަކަށް ވެސް ކުރެވިދާނެ ކަމެކެވެ.
ހިޔާލު