JP inn CNM ge massala hushahelhee gaanoonaa hilaafah!
image
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް--
1 ކޮމެންޓް
 

ޖޭޕީން ސީއެންއެމްގެ މައްސަލަ ހުށަހެޅީ ގާނޫނާ ހިލާފަށް!

ޖުމްހޫރީ ޕާޓީގެ (ޖޭޕީ) ލީޑަރު ސިވިލް ސާވަންޓުންނާ ބެހޭ ގޮތުން ދެއްކެވި ވާހަކަ ރިޕޯޓު ކުރުމުން ސީއެންއެމްއާ ދެކޮޅަށް މޯލްޑިވްސް މީޑިއާ ކައުންސިލަށް ޖޭޕީން މައްސަލަ ހުށަހެޅީ ގާނޫނާ ހިލާފަށްކަން ހާމަވެއްޖެ އެވެ.
މީޑިއާ ކައުންސިލުގެ ސިޓީއެއްގައި ބުނެފައި ވަނީ "ގާސިމް އިބްރާހިމްގެ އިންޒާރެއް ސިވިލް ސާވަންޓުންނަށް" ސުރުހީގެ ދަށުން 1 އޮކްޓޯބަރުގައި ސީއެންއެމްގައި ޝާއިއުކުރި ހަބަރާއި ގުޅިގެން ޖޭޕީގެ ޝަކުވާއެއް ލިބުނު ކަމަށެވެ.

އެކަމަކު އެ ޝަކުވާ ހުށަހަޅާފައި ވަނީ ގާނޫނާއި ހިލާފަށް ކަމުން، ގާނޫނުގައިވާ އިޖުރާއަތުތައް ފުރިހަމަ ކުރުމަށް ޖޭޕީއަށް އަންގާފައިވާނެ ކަމަށް މީޑިއާ ކައުންސިލުން ބުނެ އެވެ.

"މީޑިއާގެ ވަސީލަތެއްގައި ޝާއިއުކޮށްފައިވާ އެއްޗަކާ މެދު ހިތްހަމަނުޖެހޭ ނަމަ ނުވަތަ އިއުތިރާޒެއް ކުރައްވާ ނަމަ ފުރަތަމަ އެކަން އެ ވަސީލަތެއްގެ އެޑިޓަރަށް ނުވަތަ އެ ވަސީލަތެއްގެ ލިޔުންތަކަށް ޒިންމާވާ ފަރާތަކަށް އަންގާނީ އެވެ. އަދި ދެ ފަރާތުގެ މެދުގައި މަޝްވަރާ ކުރެވިގެން އެ އުފެދިފައިވާ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދޭތޯ މަސައްކަތް ކުރާނީ އެވެ،" މީޑިއާ ކައުންސިލުގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވެއެވެ.

މީޑިއާ ކައުންސިލުން ބުނީ ގާނޫނުގައިވާ ގޮތަށް އަމަލު ކުރުމަށް ޖޭޕީއަށް ދަންނަވާފައި ވާނެ ކަމަށާއި، އެ މަސައްކަތުގައި ޖޭޕީއަށް އެއްބާރުލުން ދިނުމަށް ސީއެންއެމްގެ ކިބައިން އެދޭ ކަމަށެވެ.

"ވީމާ މަތީގައި ދަންނަވާފައިވާ ޝަކުވާގެ މައްސަލައަށް ހައްލެއް ހޯއްދެއްވުމަށް ދެ ފަރާތް ވާހަކަދައްކައިގެން ސުލްހަވެރިކަމާއެކު މަސައްކަތް ކުރުމަށް މައްސަލަ ހުށަހެޅި ފަރާތަށް މި ކައުންސިލުން ދަންނަވާފައި ވާތީ އެ މަސައްކަތުގައި އެ ފަރާތަށް އެއްބާރުލުން ދެއްވުން އެދި ދެންނެވީމެވެ،" މީޑިއާ ކައުންސިލުގެ ރައީސް ހިދާޔަތުﷲ ގެ ސިޓީގައި ވެއެވެ.

ސީއެންއެމްއާ ގުޅޭ ޝަކުވާއެއް ޖޭޕީގެ ފަރާތުން ހުށަހެޅީ އެ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަދި ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސާލިހު އެވެ.

"... ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް ދެއްކެވި ވާހަކަފުޅުގެ ހަބަރު ގެނެސްދިނުމުގައި އޮންލައިން ނޫސް ސީއެންއެމްގެ ފަރާތުން ވާނީ އެމަނިކުފާނު ވިދާޅުނުވާ ވާހަކަތަކެއް ވިދާޅުވި ކަމަށް ބުނެ ނޫހުގައި ޝާއިއުކޮށްފަ އެވެ. އަދި މި ހަބަރާއި ގުޅިގެން ޕާޓީން މިކަން އިސްލާހު ކޮށްދިނުމަށް އެދި ޖޭޕީ މީޑިއާ ވައިބަ ގްރޫޕުގައި ދެންނެވުމުން ވެސް މިކަން އިސްލާހުކޮށްފައި ނުވާތީ މިކަމާއި ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލުގެ ފަރާތުން މި މައްސަލަ ބައްލަވާ، އެޅެން ހުރި ފަޔަވަޅެއް އަޅުއްވައި ދެއްވުން އެދި ދެންނެވީމެވެ،" އޮކްޓޯބަރު 2 ވަނަ ދުވަހު ހުށަހެޅި ޝަކުވާގެ ސިޓީގައި ވެއެވެ.

ކުރީގެ ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ޖޭޕީއާ ގުޅުމަށް މިދިޔަ ހަފްތާގައި ބޭއްވި ހަފްލާގައި ގާސިމް ވަނީ ސިވިލް ސާވަންޓުން ވަޒީފާއިން ވަކިކުރުމަށް ތާއީދުކުރައްވާ ވާހަކަދައްކަވާފަ އެވެ.

އެގޮތުން ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންނާ މެދު އަމަލުކުރައްވަމުން ގެންދަވާ ގޮތަށް ތައުރީފު ކުރައްވާ، ގާސިމް ވަނީ ސިވިލް ސާވަންޓުންނަށް އިންޒާރުދޭ މޭރުމަކުން ވާހަކަދައްކަވާފަ އެވެ.

""އެމީހުން [ސިވިލް ސާވަންޓުން] ނަކީ ކަނޑާނުލެވޭނެ ބައެއް ނޫނޭ އެއިކީ. ގާނޫނުތަކާ ގަވާއިދުތަކާ އިމުން ބޭރުވާކަމަށް ވަންޏާ އެމީހުން ބޭރުވެސް ކުރާނެ. ބޭރުކުރަން ވެސް ޖެހޭނެ. އެއީ ގަބޫލުކުރަން އޮތް ހަގީގަތަކީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް އެފަދަ ގޮތަކަށް ވާހަކަދެއްކެވި ޓްރާންސްޕޯޓް އޮތޯރިޓީގެ 40 އަށް މުވައްޒަފުންނަށް އެއްވެސް އިންޒާރެއް ދިނުމެއް ނެތި ވަޒީފާއިން ވަކިކުރަން ލިސްޓު އެކުލަވާލުމަށް ފަހު ސިވިލް ސާވިސް ކޮމިޝަނުގެ ލަފައަކަށް އެދި ފޮނުވި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

އެކަމާ ގުޅިގެން މުވައްޒަފުންތަކެއް ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ސިޓީފުޅަކާއި ޕެޓިޝަނެއް ވެސް ފޮނުއްވާފަ އެވެ. އޭގައި ބުނެފައި ވަނީ ހާޒިރީގެ މައްސަލަ އުޅޭ ކަމަށް ބުނެ ކަނޑާލާނެ މުވައްޒަފުންގެ ލިސްޓެއް ނެގިއިރު، އެ މުވައްޒަފުންނަށް ނަސޭހަތް ވެސް ދީފައި ނުވާ ކަމަށެވެ.

މުވައްޒަފުން ކަނޑަން ޖެހޭ ކަމަށް ވިދާޅުވެ މިނިސްޓަރު ނަހުލާ ދެއްކެވި ވާހަކައެއްގެ އޯޑިއޯ ވެސް ވަނީ ލީކުވެފަ އެވެ. އެކަމަނާގެ ނިންމެވުމަށް ބައެއް ފަރާތްތަކުން ތަރުހީބު ދެމުން އަންނައިރު، ގަވާއިދުގެ ބޭރުން އެއްވެސް މުވައްޒަފަކާ މެދު ފިޔަވަޅު އެޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ވެސް ވެއެވެ.
ހިޔާލު

ބުރުމާ

މާބޮޑަށް ޤާނޫނު އެގޭ ކަމަށް ހެދިގެން ބުރުމާ އެއުޅެނީ.ފައްކާ ރޯނު އެދުރެއް.