Information commissioner ge magaamah ayyan kuran 3 beyfulhegge nan thalhumah fonuvaifi
image
މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: މަޖިލިސް
0 ކޮމެންޓް
 

އިންފޮމޭޝަން ކޮމިޝަނަރަށް އައްޔަން ކުރަން ތިން ބޭފުޅެއްގެ ނަން ތަޅުމަށް ފޮނުވައިފި

އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަންކުރަން ގާނޫނުގައި ބުނާ މުއްދަތު ހަމަވެ، އެ މުއައްސަސާ އަށް ގާނޫނީ ހުސްކަމެއް އައިސްފައި ވަނިކޮށް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރެއްވުމަށް ތިން ބޭފުޅުންގެ ނަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވައިފި އެވެ.
ގާނޫނުގައި އޮންނަ ގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމް ހުސްވާތާ ލަސްވެގެން 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަންޖެހެ އެވެ. އެ މަގާމުގައި ހުންނެވި އަބްދުލް އަޒީޒު ޖަމާލް އަބޫބަކުރުގެ ދައުރު ހަމަވެ، އެ މަގާމު ހުސްވެފައި ވަނީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މަޖިލީހަށް އެ ކޮމިޝަނަށް އައްޔަން ކުރެއްވުމަށް ފޮނުއްވީ ހަތަރު ބޭފުޅުންގެ ނަމެވެ. އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލީ ބޭފުޅުންނާ މެދު އާއްމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ ތެރޭގައި ހުޅުވާލި ނަމަވެސް މަޖިލިސް ޗުއްޓީއަށް ދިޔައީ ވެސް އެ މަސައްކަތް ނިންމާ ނުލަ އެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވެފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް ވީއެވެ.

ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވި ތަރުތީބު:

1- ހުސެއިން ފިޔާޒް މޫސާ، އަތަމާގެ ތ. ވިލުފުށި
2- އަހުމަދު ފަޔާޒް ހަސަން، މ. ހަޒާރީވިލާ
3- އަހުމަދު އާހިދު ރަޝީދު، ހ. ގުރުވަ
4- ފާތުމަތު ސައުޝަން، މ. ވެންކޫވަ

މި ހަތަރު ބޭފުޅުންނާއި ވެސް އިއްޔެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން އިންޓަވިއު ކޮށްފައި ވާއިރު ސައުޝަން ނޫން ދެން ތިއްބެވި ތިން ބޭފުޅުންގެ ނަން މަޖިލީހުގެ ތަޅުމަށް ވަނީ ފޮނުވާފަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މީގެ ފަސް އަހަރު ކުރިން ފާސްކުރި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުން އައްޔަން ކުރާ މަގާމެކެވެ.
ހިޔާލު