Income tax nagaanee 40000 Rufiyaa ah vure matheege aamdhanee inn
image
ފިނޭންސް މިނިސްޓްރީ--
ފާތުމަތު ނަޒުފާ އިރުޝާދު
1 ކޮމެންޓް
 

އިންކަމް ޓެކްސް ނަގާނީ 40،000 ރުފިޔާއިން މަތީގެ އާމްދަނީން

އިންކަމް ޓެކްސް ދައްކަން ޖެހޭނީ އާމްދަނީގެ ގޮތުގައި މަހެއްގެ މައްޗަށް 40،000 ރުފިޔާއަށް ވުރެ ގިނައިން ލިބޭ ފަރާތްތަކުން ކަމުގައި ކަނޑައަޅަން ސަރުކާރުން ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން ނޫސްވެރިންނަށް މައުލޫމާތު ދޭން ބޭއްވި "ނުވަގަޑި" ގައި އެ މިނިސްޓްރީގެ ޓެކްސް ޕޮލިސީ ކޮންސަލްޓެންޓް އަރުޝަދު ޖަމީލް ވިދާޅުވީ ސަރުކާރަށް ހުށަހަޅާފައި ވަނީ މަހެއްގެ މައްޗަށް 40،000 އަށް ވުރެ މަތިން އާމްދަނީ ލިބޭ މީހުން ކަމަށާއި އެ އަދަދު ކަނޑައެޅީ ވަރަށް ގިނަ ކަންތައްތަކަށް ބެލުމަށް ފަހުގައި ކަމަށެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ރާއްޖޭގައި އިންކަމް ޓެކްސް ނަގާ ސީލިންގެއްގެ ގޮތުގައި 10،833 ރުފިޔާ ހަމަޖައްސަން ލަފާދީފައިވީ ނަމަވެސް ސަރުކާރުން ނިންމާފައި ވަނީ 40،000 ރުފިޔާ ހަމަޖައްސާށެވެ.

މިހާރު ކަނޑައަޅާ ގޮތަށް އަންނަ އަހަރު އިންކަމް ޓެކްސް ނަގާނަމަ ކޮންމެ އަހަރަކު 680 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވާއިރު 2020 ވަނަ އަހަރުގެ ބަޖެޓުގައި އިންކަމް ޓެކްސްގެ ގޮތުގައި 600 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ހިމަނާފައި ވެއެވެ.

އަރުޝަދު ވިދާޅުވީ އިންކަމް ޓެކްސް ދައްކަން ޖެހޭ މީހުން ކަނޑައަޅާފައި ވަނީ ދިރިއުޅުމުގެ ފެންވަރާއި ކުރާ ހަރަދުތަކަށް ބަލާފައި ކަމަށެވެ. އަދި އިންކަމް ޓެކްސް ދައްކަން ޖެހޭ މީހުންގެ އަދަދު 6،000 އަރާނެ ކަމަށް ބެލެވޭ ކަމަށާއި އެ ނަގަން ނިންމަނީ ޕްރޮގްރެސިވް ޓެކްސްގެ އުސޫލުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަރްޝަދު ވިދާޅުވީ ސަރުކާރުން ޕްރޮގްރެސިވް ޓެކްސް އުސޫލަށް އަމަލު ކުރަން ނިންމީ، ވީހާ ވެސް ފަސޭ އުސޫލަކުން އިންކަމް ޓެކްސް ނެގުމުގެ ގޮތުންނެވެ.

އިންކަމް ޓެކްސް ދައްކަންޖެހޭނެ ކަމަށް ލަފާކުރެވޭ މީހުންގެ އަދަދު

- 40،000 ރުފިޔާ އާއި 60،000 ރުފިޔާ އާ ދެމެދުގެ އާމްދަނީ: 2،621 މީހުން

- 60،000 ރުފިޔާ އާއި 100،000 ރުފިޔާ އާ ދެމެދުގެ އާމްދަނީ: 2،285 މީހުން

- 100،000 ރުފިޔާ އަށް ވުރެ ބޮޑު އާމްދަނީ: 960 މީހުން

މީގެ ތެރެއިން އާމްދަނީގެ ގޮތުގައި 40،000 އާއި 60،000 ރުފިޔާގެ އާމްދަނީ ލިބޭ މީހެއް ނަމަ އިންކަމް ޓެކްސްގެ ގޮތުގައި އަށް ޕަސެންޓް ދައްކަން ޖެހެއެވެ. 60،000 އާއި 100،000 އާ ދެމެދުގެ އާމްދަނީ ލިބޭ މީހުން 10 އިންސައްތަ ދައްކަން ޖެހޭއިރު 100،000 އަށް ވުރެ މަތިން ލިބޭ މީހުން ދައްކަން ޖެހޭނީ 15 އިންސައްތަ އެވެ.

އިންކަމް ޓެކްސް އާއި އެކު ރެމިޓެންސް ޓެކްސް، ލޭންޑް ސޭލްސް ޓެކްސް، ބިޒްނަސް ޕްރޮފިޓް ޓެކްސް، ބޭންކް ޕްރޮފިޓް ޓެކްސް، ޕެޓްރޯލިއަން ޓެކްސް އުވާލަން ވަނީ ނިންމާފަ އެވެ.
ފިނޭންސް
ހިޔާލު

ޔޫސުބު

ތިކަމާރައްޔިތުންގެމަޖުލިސް މެންބަރުން ހަމަރުހޭނެބާ ތިފައިސާ ނަގަން އަހަންނައްފެންނަނީ މާލޭމީހުން ހަމަ ރާއްޖޭގެ ރައްރަށުގެ ދަާއިރާތަކައް ކުރިމަތީ ނުލެވޭގޮތްވެސް ހަދަން