Sarukaarun Noomadia ah 55 million dollar dhahkaifi
image
0 ކޮމެންޓް
 

ސަރުކާރުން ނޫމަޑި އަށް 55 މިލިއަން އެމެރިކާ ޑޮލަރު ދައްކައިފި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފްލެޓު އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކުރިއިރު، އެ ކުންފުންޏާއެކު ހެދި ސެޓްލްމެންޓް އެގްރިމެންޓުގެ ބަދަލުގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ދައްކާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫށް ބަޔާނެއްގައި ބުނީ، އެ ދެ މައްސަލާގައި ނޫމަޑިން ދިވެހި ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 155 މިލިއަން އެމެރިކާ ޑޮލަރާއި އާބިޓްރޭޝަނާގުޅޭ އިތުރު ހަރަދުތައް ހޯދުމަށް އެދި ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅި ކަމަށެވެ.

ނަމަވެސް ނޫމަޑިއާއެކު ވެފައިވާ އެއްބަސްވުމާ ގުޅިގެން އުފެދިފައިވާ ދެބަސްވުންތައް އާބިޓްރޭޝަނުން ބޭރުގައި ހައްލުކޮށް ދިވެހި ސަރުކާރުގެ ފަރާތުން ނޫމަޑިއަށް ފުލް އަދި ފައިނަލް ސެޓެލްމަންޓްގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އޮގަސްޓް 25، 2019 ގައި ސޮއިކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ހައުސިން މިނިސްޓްރީން ބުނީ ސަރުކާރުން އެގޮތަށް ނިންމީ، އެ މައްސަލަ އާބިޓްރޭޝަނުން ބޭރުގައި ހައްލުކުރުމަށް މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ދެކި ރައީސުލްޖުމްހޫރިއްޔާގެ ވެސް މަޝްވަރާގެ މަތިންކަމަށެވެ.

ނޫމަޑިން ބަދަލު ހޯދަން އެދުނީ، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށްޓަކައި ޖެނުއަރީ 20، 2011 ގައި ސޮއިކުރި އެއްބަސްވުމަކާއި 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް އެކެއް އަދި ތިން ރަށެއްގެ ނަރުދަމާގެ ނިޒާމް ތަރައްގީކުރުމަށް މެއި 30، 2013 ގައި ސޮއިކުރި އެއްބަސްވުން ބާތިލްކުރި މައްސަލައިގައެވެ.
ހިޔާލު