Maldive gas in direct purchase ge therein gas gathumah fenna kamah nimmaifi
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

މޯލްޑިވް ގޭހުން ޑައިރެކްޓް ޕާޗޭސްގެ ތެރެއިން ގޭސް ގަތުމަށް ފެންނަ ކަމަށް އެސްއޯއި ނިންމައިފި

މޯލްޑިވް ގޭސް ކުންފުނީގެ "ޑައިރެކްޓް ޕާޗޭސްގެ" ތެރެއިން ގޭސް ގަތުމަށް ފެންނަ ކަމަށް ސްޓޭޓް އެންޑް އެންޓަޕްރައިސަސް ކޮމިޓީ(އެސްއޯއި) ކޮމިޓީން ނިންމައިފިއެވެ.
އެ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ނިންމީ ތިން ވަނަ ފަރާތުން ގޭސް ގަތުމުގެ ބަދަލުގައި ސީދާ ކުންފުނިން ގޭސް ގަތުމަށް މޯލްޑިވް ގޭހަށް އެންގުމަށެވެ. "ޑައިރެކްޓް ޕާޗޭސް" ގެ ތެރެއިން ގޭސް ގަންނަ ގޮތަށް ހަދައިފިނަމަ ކޮންމެ ފުޅިއަކުން 20 ރުފިޔާ ކުޑަކުރެވޭނެ ކަމަށް އެ ކޮމިޓީން ފާހަގަކޮށްފައިވެއެވެ.

މޯލްޑިވް ގޭހުން އެ ކުންފުނީގެ އުސޫލުތަކާއި ހިލާފަށް ގޭސް ގަތް މައްސަލަ އެއް ވަނީ އެންޓިކަރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ސަމާލުކަމަށް ގެނެސް ބަލަން ފަށާފައިވާއިރު މޯލްޑިވް ގޭހުން ވަނީ އެކަމާއި ގުޅިގެން އޮގަސްޓް މަހު 27 ވަނަ ދުވަހު މަޖިލީހަށް ސިޓީ އެއް ވެސް ފޮނުވާފައެވެ.

މަޖިލީހުގެ ރައީސް އަށް އެޑްރެސްކޮށް މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ފޮނުވާފައިވާ ސިޓީގައި ވަނީ އެ ކުންފުންޏަށް ގޭސް ގަތުމަށްޓަކައި ފެށުނީއްސުރެ ސަޕްލަޔަރުން ހޯދާފައިވަނީ ޕްރޮކިއުމެންޓް ޕޮލިސީގައިވާ ގޮތުގެ މަތިން ކަމަށެވެ. އެއީ ޖެނެރަލް ޕްރޮކިއުމެންޓްގެ އުޞޫލުގެ ދަށުން "ޑައިރެކްޓް ޕާޗޭސް"ގެ ތެރެއިން "ސްޕޮޓް ކޮންޓްރެކްޓް" ހެދިގެން ކަމަށާއި އެހެންވުމުން ރަނގަޅު ކޮންޓްރެކްޓެއް ހޯދަން ދަތިވާ ކަމަށެވެ.

އަދި ގޭސް ފޯރުކޮށްދޭ މިންވަރުގެ އަގު މަތިވަނީ އެ ފަރާތްތަކުން އޯޑަރު ކުރާ އެންމެ ކުޑަ މިންވަރަކީ 2000 މެޓްރިކްޓަނަށް ކަމަށްވެފައި ރާއްޖޭގެ ކެޕޭސިޓީ އަކީ 1000 މެޓްރިކްޓަނަށް ވުމާއި ގުޅިގެން ކޮންމެ ފަހަރަކު ރާއްޖެއިން އޯޑަރު ކުރަނީ 1000 މެޓްރިކްޓަނަށް ވުން ކަމަށް ވާތީ ކަމަށް އެ ސިޓީގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން ގޭސް އުފުލާ ބޯޓުތަކުގެ ތެރެއިން އެންމެ ކުޑަ ބޯޓުގެ ކެޕޭސިޓީ އަކީ 3000 މެޓްރިކްޓަނު ކަމުގައި ވުމުން 1000 މެޓްރިކްޓަނު ސަޕްލައިކުރުމަށް އުޒުރުވެރިވާ ކަމަށްވެސް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އެސްއޯއީ ކޮމިޓީން މޯލްޑިވް ގޭހުގެ އިސްވެރިން އެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށް ވެސް ފާސްކޮށްފައިވާއިރު ކުންފުނީގެ އިސްވެރިން ކޮމިޓީއަށް ގެންދާނެ ދުވަހެއް އަދި ކަނޑައަޅާފައިނުވެއެވެ.




ހިޔާލު