Zuvaanehge maraa eku Bangladesh ge university dharivarun muzaaharaa kuran fashaifi
image
ބަންގްލަދޭޝް ދަރިވަރުން މުޒާހަރާ ކުރަނީ--
0 ކޮމެންޓް
 

ޒުވާނެއްގެ މަރާއެކު ބަންގްލަދޭޝްގެ ޔުނިވާސިޓީ ދަރިވަރުން މުޒާހަރާ ކުރަން ފަށައިފި

ބަންގްލަދޭޝްގެ އެންމެ މަތީ ފަންތީގެ ޔުނިވާސިޓީއެއްގައި ދަރިވަރަކަށް އަނިޔާކޮށް މަރާލި މައްސަލައާ ގުޅިގެން، ގިނަ އަދަދެއްގެ ދަރިވަރުން މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފަށައިފި އެވެ.
ބަންގްލަދޭޝް ސަރުކާރަށް ފާޑުކިޔުމަށް ފަހު ސޯޝަލް މީޑިއާގައި ވާހަކަތަކެއް ޕޯސްޓު ކުރިތާ ދުވަސްތަކެއް ފަހުން، އުމުރުން 21 އަހަރުގެ އަބްރާރް ފަހަދުގެ މަރާލާފައިވާ ހަށިގަނޑު ފެނުނީ އޭނާ ޔުނިވާސިޓީގައި ހުންނަ ޑޮމިޓޮރީންނެވެ.

އެ މައްސަލައާ ގުޅިގެން ވެރިކަން ކުރާ އަވާމީ ލީގުގެ ދަރިވަރުންގެ ވިންގުގައި ހިމެނޭ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ މަރަށް ފަހު، ބަންގްލަދޭޝުގެ ޔުނިވާސިޓީތަކުގައި އޮންނަ މިފަދަ މައްސަލަތައް އާއްމުންގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ.

ވެރިކަން ކުރާ އަވާމީ ލީގުގެ ދަރިވަރުންގެ ވިންގު، ބަންގްލަދޭޝް ޗަތްރާ ލީގު (ބީސީއެލް) އަށް ތުހުމަތު ކުރެވޭ ގޮތުގައި އެ ވިންގުގެ މެމްބަރުން ދަނީ ދަރިވަރުންނަށް ލާއިންސާނީ އަނިޔާކޮށް، ދަރިވަރުން ލައްވާ ގަދަކަމުން ކަންކަން ކުރަމުންނެވެ.

އަބްރާރް ފަހަދުގެ މަރުގެ ފަހަތުގައިވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރު ވަނީ ވައުދުވެފަ އެވެ. އޭނާގެ ހަށިގަނޑު ފެނުނީ މިދިޔަ އާދީއްތަ ދުވަހު، ވެރިރަށް ދާކާގެ ބަންގްލަދޭޝް ޔުނިވާސިޓީ އޮފް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީންނެވެ.

ދާކާ އާއި އެހެން ސިޓީތަކުގެ ދަރިވަރުން މުޒާހަރާއަށް ނިކުންނަން ފެށީ ހޯމަ ދުވަހު އެވެ. މުޒާހަރާތަކާ ހެދި ޓްރެފިކް ބާރު ބޮޑުވެފައި ވާއިރު، އެ މަރުގެ ފަހަތުގައިވާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ބައެއް ދަރިވަރުން އަންނަނީ ގޮވާލަމުންނެވެ.

އެ މުޒާހަރާތަކުގައި ކުރީގެ ބައެއް ދަރިވަރުންނާއި، ޔުނިވާސިޓީތަކުގެ ބައެއް މުވައްޒަފުން ވެސް ބައިވެރިވެ އެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް 13 މީހަކު ހައްޔަރުކޮށްފައި ވާއިރު، ބީސީއެލްއިން ވަނީ 11 މެމްބަރަކު ސަސްޕެންޑު ކޮށްފަ އެވެ.
ބަންގްލަދޭޝް
ހިޔާލު