Qaanoon hedhumuge hurihaa masakkatheh Majileehah kureveyne: Nasheed
image
މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު--
0 ކޮމެންޓް
 

ގާނޫނު ހެދުމުގެ ހުރިހާ މަސައްކަތެއް މަޖިލީހަށް ކުރެވޭނެ: ނަޝީދު

ގާނޫނު ހަދާ މަޖިލީހަށް ގާނޫނު ހެދުމުގެ ހުރިހާ މަސައްކަތެއް ކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވާއިރު، މި ދައުރުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލުތައް ޑްރާފްޓު ކުރުމުގެ މަސައްކަތް މަޖިލީހުން ކުރާނީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީއާ އެކުގައި ކަމަށް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބިލުތައް ޑްރާފްޓް ކުރުމުގެ ސަރުކާރުގެ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން އިއްޔެ ވަނީ ފަށާފަ އެވެ. އެއާއެކު ސަރުކާރާއި ބައެއް މަޖިލީސް މެމްބަރުންނާއި ދެމެދު ބަހުސެއް އުފެދުނެވެ. އެގޮތުން ސަރުކާރުގެ ބިލުތައް ޑްރާފްޓު ކުރާނީ އެޓާނީ ޖެނެރަލުގެ އޮފީހުން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ ވިދާޅުވެފަ އެވެ. އަދި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވީ ބިލްތައް ގުޅިފައި ވަނީ ސަރުކާރުން ވެފައިވާ ވައުދުތަކާއި ކަމަށާއި، ނަޒާހަތްތެރި މަޖިލީހަކުން އެ ބިލްތައް ހުށަހަޅާނެ ފުރުސަތު ދޭނެ ކަމަށެވެ.

އެކަމާއި ގުޅިގެން މިއަދު މަޖިލިސް ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ ގާނޫނު ހަދާ މަޖިލީހަށް ގާނޫނު ހެދުމުގެ ހުރިހާ ކަމެއް ކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

"ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް އެބަވޭ މިއީ ގާނޫނު ހަދާ މަޖިލީހޭ، މި މަޖިލީހުން ގާނޫނު ހެދުމުގެ އެންމެހާ ކަންކަން ކުރެވޭނެ ކަމާއި ކުރަން ޖެހޭނެ ކަމަށް ވަރަށް ސާފު އިބާރާތުން ބަޔާންކޮށްފައިވޭ،" ނަޝީދު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކަށް ބިލު ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރީ ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބޭ ހާލަތްތަކުގައި ވެސް ސަރުކާރުގެ ވައުދުތައް ފުއްދުމަށް މަގުފަހި ކުރުމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"... އެހެން ޕާޓީއެއްގެ ރައީސަކު ހުންނަ ނަމަ ދެން އަގުލަބިއްޔަތު އޮތް މަޖިލީހުގެ މެމްބަރުންނަށް ވައުދުތައް ފުއްދައި ދިނުމުގައި ގާނޫނުތައް ހަދައިދޭން އުނދާގޫ ވާނެ، ސިޔާސީ ޕާޓީތަކަށް ބިލު ހުށަނޭޅޭ ކަމަށް ވަންޏާ. ސިޔާސީ ޕާޓީތަކަށް ބިލު ހުށަހެޅޭ ގޮތަށް ބަދަލުވެފައި އެ ވަނީ މި ދެންނެވި ބޮޑު ފުށުއެރުން ފޫބެއްދުމުގެ ބޭނުމުގައި،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މި ދައުރުގައި 20 ބިލެއް ހުށަހަޅަން ބޭނުންވާ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އަންގަވާފައިވާ ކަމަށެވެ.

އެކަމަކު އޭގެ ތެރެއިން ދެ ބިލަކީ މާލީ ކަންކަމާއި ގުޅުން އޮތް ދެ ބިލު ކަމުން، އެ ދެ ބިލު ހުށަހެޅޭނީ ހަމައެކަނި ސަރުކާރަށް ކަމަށް، މަޖިލީހުގެ ގަވާއިދުގައިވާ ކަމަށެވެ. އެއީ އިންކަމް ޓެކްސްގެ ބިލާއި، ވަޒީފާ ހޯދަން މަސައްކަތް ކުރާ ފަރާތްތަކަށް ދޭ އެލަވަންސްގެ ބިލެވެ.

ގަވާއިދުގައި އޮންނަ ގޮތުން ނަމަ، ޕާޓީއަކުން ހުށަހެޅުން އައުމުން މަޖިލީހުގެ ރައީސަށް ޖެހެނީ އެ ބިލެއްގެ މަސައްކަތް ކޮމިޓީއަށް ފޮނުވަން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ބިލްތަކަކީ އެކިއެކި ކަންކަމާ ގުޅޭ ބިލްތައް، ބިލްތައް ހާއްސަ ވަނީ އެކިއެކި ކޮމިޓީތަކަށް. އެހެން ނަމަވެސް އެމްޑީޕީގެ ފަރާތުން ފޮނުވާފައިވާ ބިލުތަކުގެ ތެރޭގައި ގަވާއިދުން ސިޔާސީ ޕާޓީއަކަށް އެކުލަވާލަން ތަން ނުދޭ ދެ ބިލެއް އެބަވޭ. އެއީ އާމްދަނީން ޓެކްސް ނެގުމުގެ ބިލާއި ވަޒީފާ ހޯދާ ފަރާތްތަކަށް ދޭ އެލަވަންސް ދިނުމުގެ ބިލް. އެއީ މާލީ ދެ ބިލް ކަމަށް ވާތީ މިހާރުގެ ގަވާއިދު ބުނަނީ އެ ބިލް އެއީ ސަރުކާރުން ހުށަހަޅާ ބިލެއްގެ ގޮތުގައި،" ނަޝީދު ފާހަގަކުރެއްވި އެވެ.

"ސަރުކާރުން ހުށަހަޅާ ބިލު މި ހުށަހަޅަނީ ސަރުކާރުގެ މަޖިލީހުގެ މެމްބަރުން. އެއީ ރައީސް ނިސްބަތްވާ ޕާޓީގެ މެމްބަރުން. ހަމަ އެ ޕާޓީން މި ހުށަހަޅަނީ މި ދެންނެވި 18 ބިލު ވެސް،" ނަޝީދު ވިދާޅުވި އެވެ.

"އެ މަސައްކަތް ކުރިއަށް ދާނީ ސަރުކާރުގެ ފުރިހަމަ އެހީ އާއި އެއްބާރުލުމާ އެކުގައި. ބަންޑާރަ ނައިބުގެ އޮފީސް އަދި އެހެން ވުޒާރާތައެއް އިދާރާއެއް ވިޔަސް، އަދި ސަރުކާރުގެ އެހެން މުއައްސަސާއަކުން ވިޔަސް،" ނަޝީދު އިތުރަށް ވިދާޅުވި އެވެ.
ހިޔާލު