School thakun jaaga hoadhumah olhuvalaigen liyun husha alha: Education ministry
image
އިސްކަންދަރު ސުކޫލްގެ ރިޕޯޓް ފޯމް ދިނުމުގެ ތެރެއިން-- ފޮޓޯ އިސްކަންދަރު ސުކޫލް ފޭސްބުކް ޕޭޖެ
0 ކޮމެންޓް
 

ސުކޫލުތަކުން ޖާގަ ހޯދުމަށް އޮޅުވާލައިގެން ލިޔުން ހުށަހަޅާ: އެޑިއުކޭޝަން މިނިސްޓްރީ

ޖަމާލުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލްގެ ގްރޭޭޑް އެކަކުން ޖާގަ ހޯދުމަށް އެ ސަރަހައްދުގައި ނޫޅޭ ފަރާތްތަކުން އޮޅުވާލައިގެން ލިޔުން ހުށަހަޅާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އެހެން ބުނެފައި ވަނީ މާލޭގެ ސްކޫލުތަކުން ޖާގަ ދިނުމުގައި، މާލޭގައި ރަށްވެހިވެފައިވާ ދަރިވަރުންނަށް އެންމެ ބޮޑު އިސްކަމެއް ދިނުމަށް ނިންމުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެންނެވެ.

އެގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާލޭ ސިޓީގެ ސުކޫލްތަކަށް ދަރިވަރުން ވެއްދުމާއި އެއް ސުކޫލުން އަނެއް ސުކޫލަށް ދަރިވަރުން ބަދަލުކުރުމުގައި އަމަލު ކުރާނެ މިންގަނޑު ކަނޑައަޅާފައި ވަނީ، ސުކޫލްތަކުގައި 2020 ވަނަ އަހަރަށް ޖާގަ ދެވެން ހުރި އެންމެ ގިނަ މިންވަރު ބަލައި، އެ ސުކޫލު ހިމެނޭ ސަރަޙައްދަކުން ވީހާ ވެސް ގިނަ ދަރިވަރުންނަށް ޖާގަ ދެވޭނެ ގޮތަށް ބަލައިގެން ކަމަށެވެ.

އެ އުސޫލުގެ ތެރެއިން އެ ކުއްޖަކު ދިރިއުޅޭ ސަރަހައްދުގައި ހިމެނޭ ސުކޫލަކުން ޖާގަ ހަމަޖެހުމުގެ ފުރުސަތު ގިނަ ކުދިންނަށް ކަށަވަރުވެގެން ދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިނިސްޓްރީން ބުނީ މާލޭގެ ސްކޫލްތަކުން ދަރިވަރުންނަށް ޖާގަ ދިނުމުގެ އުސޫލެއް ހަދަން ޖެހުމުގެ މައިގަނޑު ސަބަބަކީ އިސްކަންދަރު ސުކޫލާއި ޖަމާލުއްދީން ސުކޫލުގައި 2020 ވަނަ އަހަރު އަލަށް ގުރޭޑް އެކަކަށް ސުކޫލަށް ވައްދާ ދަރިވަރުންނަށް ދެވެން ހުރި ޖާގައިގެ އަދަދަށް ވުރެ، އެ ސުކޫލްތައް ހިމެނޭ ކެޗްމަންޓް އޭރިއާގައި ދިރިއުޅޭ ކަމަށް ހުށަހަޅާފައިވާ ދަރިވަރުންގެ އަދަދު އިތުރުވެފައިވުން ކަމަށެވެ.

އެގޮތުން އިސްކަންދަރު ސުކޫލަށް ގުރޭޑް 1 އަށް ޖާގަދެވެނީ 90 ދަރިވަރުންނަށް ނަމަވެސް، އެ ސުކޫލު ހިމެނޭ ކެޗްމަންޓް އޭރިއާގައި 288 އަށްވުރެ ގިނަ ދަރިވަރުން ހިމެނެއެވެ. ހަމަ އެހެންމެ ޖަމާލުއްދީން ސުކޫލުން ގުރޭޑް އެކަކަށް އަށް ޖާގަދެވެނީ 120 ދަރިވަރުންނަށް ނަމަވެސް އެ ސުކޫލު ހިމެނޭ ކެޗްމަންޓް އޭރިއާގައި 396 އަށްވުރެ ގިނަ ދަރިވަރުން ހިމެނޭ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ބައެއް ސުކޫލްތައް ހިމެނޭ ސަރަހައްދުތަކަށް ގަވާއިދާ ހިލާފަށް، އެ ސަރަހައްދުގައި ނޫޅޭ ފަރާތްތަކުން އެ ސަރަހައްދުގައި އުޅޭ ކަމަށް ލިޔެކިޔުން ހުށަހަޅައި ސުކޫލުން ޖާގަ ހޯދުމަށް މަސައްކަތް ކުރުމުގެ ސަބަބުން، އެ ސުކޫލު ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ ދަރިވަރުންނަށް ޖާގަ ލިބުމުގެ ފުރުސަތު ހަނިވެގެން ގޮސްފައިވާ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެގޮތުން އެ ދެ ސްކޫލް ހިމެނޭ ސަރަހައްދުގައި ހުރި ބައެއް ގޭގޭގައި 40 އާއި 50 އާ ދެމެދުގެ އަދަދަށް ގްރޭޑް އެކަކަށް ވަންނަ އުމުރުފުރާގެ ދަރިވަރުން ދިރިއުޅޭ ކަމަށް ސިޓީ ހުށައަޅާފައި ވެއެވެ. އަދި އެ މިނިސްޓްރީއިން ބެލި ބެލުމުގައި، އެ ގެތަކުގައި އެ އަދަދަށް ދަރިވަރުން ދިރި ނޫޅޭކަން ވަނީ ފާހަގަކުރެވިފައި ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެ އުސޫލުގެ ދަށުން އިސްކަންދަރު ސުކޫލާއި ޖަމާލުއްދީން ސްކޫލް ހިމެނޭ ސަރަހައްދުން ސުކޫލަށް ވަނުމަށް އެދިފައިވާ ދަރިވަރުންނަށް އިންސާފުވެރިކަމާއެކު ފުރުސަތު ދެވިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހަމައެއާއެކު މާލެ ސަރަހައްދުގައި ހިމެނޭ އެހެން ހުރިހާ ސުކޫލްތަކުން، އެ ސުކޫލް ހިމެނޭ ސަރަޙައްދުތަކުން ސުކޫލަށް ވަނުމަށް އެދިފައިވާ ދަރިވަރުންނަށް ޖާގަ ދެވޭނެ ކަމަށާއި މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރަނީ ދަރިވަރުންނާއި ބެލެނިވެރިންނަށް އެއްވެސް ތަފާތު ކުރުމެއް ނެތި ހަމަހަމަ ކަމާއި އިންސާފުން ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ހިޔާލު