Yamin mahsalaiga hukumihvun november 5 vana dhuvahu
image
ކުރީގެ ރައީސް އަބްދުﷲ ޔާމީން --
0 ކޮމެންޓް
 

ޔާމިން މައްސަލައިގައި ހުކުމް އިއްވުން ނޮވެމްބަރު 5 ވަނަ ދުވަހު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން ކުރުމުގެ ކުށުގެ ދައުވާގެ ހުކުމް ކުރުން އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު ކަމަށް ޝަރީއަތުން ކަނޑައަޅައިފިއެވެ.
މިއަދުގެ ޝަރީއަތުގައި ވަނީ ދެ ފަރާތުން ވެސް ހުލާސާ ބަޔާން އިއްވާފައެވެ.

ހުލާސާ ބަޔާން އިއްވަމުން ދައުލަތުން ބުނީ ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފްއިން ޖަމާކޮށްފައިވާ ފައިސާއަކީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ގާނޫނުގެ ދަށުން ކޮރަޕްޝަން ފައިސާ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން އެ ފައިސާ ޖަމާކޮށްފައިވާ އެސްއޯއެފް ކުންފުންޏަކީ އެމްއެމްޕީއާރްސީއާ ގުޅިގެން ދައުލަތުގެ ފަޅުތަކާއި ފަޅުރަށްތައް ވިއްކުމުގެ އަމަލުތައް ކޮށްފައިވާ ކުންފުންޏެއްކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގުން ވެސް ސާބިތުވެފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނީ 1 ޖެނުއަރީ 2014އިން 11 ނޮވެމްބަރު 2018ގެ ނިޔަލަށް އޮޑިޓާ ޖެނެރަލް އަށް ފޮނުވާފައިވާ މާލީ ބަޔާނުން ވެސް ރައީސް ޔާމީންގެ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން ހާމަވެގެންދާ ކަމަށެވެ. އެގޮތުން އެ ރިޕޯޓުގައި އެ ފައިސާއަކީ އެމްއެމްޕީއާރްސީގެ ފައިސާއިން ދިން ކަމަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ބުނެފައިވާ ފައިސާ ކަމަށާއި އެ ފައިސާ ވާނީ އޭސީސީގެ އެންގުމުގެ މަތިން ބީއެމްއެލްގެ އެކްސްކްރޯ އެކައުންޓަކަށް ޖަމާކޮށްފައި ކަމަށް ރައީސް ޔާމީން ހުށަހެޅި މާލީ ބަޔާނުގައި ބުނެފައިވާ ކަމަށް ދައުލަތުން ބުނެއެވެ.

ދައުލަތުން އިތުރަށް މި މައްސަލާގައި ބުނެފައިވަނީ ދެ ފަހަރެއްގެ މަތިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓެއްގައި ބޭނުންކޮށް އޭގެެއިން ރައީސް ޔާމީން މަންފާ ހޯދަމުންދާ ކަމަށް ބޭންކް ސްޓޭޓުމަންޓުތަކުން ވެސް އެނގޭ ކަމަށާއި އެކަން ޝަރީއަތުގައި ހުދު ރައީސް ޔާމީންވެސް ވިދާޅުވެފައިވާ ކަމަށް ބުންޏެވެ.

ޚުލާސާ ބަޔާން އިއްވަމުން ދައުލަތުން ބުނެފައިވަނީ އެސްއޯއެފުން ޖަމާކުރި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެވަޑައިގެންނެވި ނަމަވެސް އެފައިސާ ނޫން އެހެން ފައިސާއެއް އެހެން ފަރާތެއް މެދުވެރިކޮށް ހޯދި އެއްމިލިއަން ޑޮލަރު އެސްކްރޯ އެކައުންޓުގައި ބެހެއްޓި ކަމަށާއި އެފައިސާގެ އަޞްލު އޮޅުވާލާފައިވާ ކަމަށް ދައުލަތުން ހުށައެޅި ޝަފަހީ ހެއްކާއި ކިތާބީ ހެކިން ހާމަވާ ކަމަށެވެ. އެ ހެއްކަށް ބަލާއިރު ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ޤާނޫނު ޢަސާސީގެ 51 ވަނަ މާއްދާގެ (އ)ގައި ބަޔާންވާ މިންވަރަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި ދެއްވުމަށް އެދޭކަމަށެވެ.

ހުލާސާ ބަޔާން އިއްވަމުން ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވިދާޅުވީ މިއީ ހަމައެކަނި ދައުލަތަށް ހީވާ ހީވުމެއްގެ މައްޗަށް އުފުލާފައިވާ ދައުވާއެއް ކަމަށާއި މި ދައުވާ އަކީ ގާނޫނު އަސާސީގައި ބަޔާންކުރާ ހަމަހަމަކަމާއި ތަފާތު ނުކުރުމުގެ ހައްގާއި ހިލާފަށް އަދި ގާނޫނުން ލިބެންޖެހޭ އެންމެހާ ރައްކާތެރިކަމާއި އަމާންކަން ދިނުމެއް ނެތި އުފުލާފައިވާ ދައުވާއެއް ކަމަށެވެ.

މި މައްސަލާގައި ދައުލަތުން މައްސަލަ ސާބިތު ކުރުމަށް ގިނަ ހެކިތަކެއް ހުށަހެޅިއެވެ. އެގޮތުން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީގެ) ރައީސް އަދި ނާއިބު ރައީސް ހިމެނެއެވެ.
ހިޔާލު