Naib Raees 2 rashehge council aa bahdhalukurahvaifi
image
0 ކޮމެންޓް
 

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެ ރަށެއްގެ ކައުންސިލަރުންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލާއި މާލެ އަތޮޅު ގުޅީ ކައުންސިލަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކިހާދޫ ކައުންސިލްގެ މެމްބަރުންވަނީ ރަށުގެ ތަރައްޤީއަށް ރާވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާ ކުރައްވާފައެވެ.

މިގޮތުން ރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢު ލަސްވަމުންދާތީ ކުރިމަތިވަމުންދާ ދަތިތަކާއި، ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރެވިފައި ނެތުމުން ރަށުގެ ފެންފަށަލަ ތަޣައްޔަރުވެފައިވާ މައްސަލައާއި، ސްކޫލަށް ކުރިމަވެފައިވާ ބައެއް ދަތިތަކާއި، ރަށުގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށް ނުދެވޭތީ ކުރިމަތިވާ އުނދަގޫތައް ފާހަގަކުރައްވާ ކައުންސިލަރުންވަނީ މިކަންކަމާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުންވެސް، ރަށުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ކުރަމުންދާ މަސައްކަތްތަކާއި، ރަށުގެ ކުޑަކުދީންނަށް ޚާއްޞަކޮށްގެން ޕާކެއް ބިނާކުރުމަށް ކުރާ މަސައްކަތް ގޮސްފައިވާ މިންވަރު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ ރަށުގެ ތަޢުލީމީ ޙާލަތާއި ބެހޭ ގޮތުން މަޢުލޫމާތު ސާފުކުރައްވައި، ކިހާދޫ ދަރިވަރުން އެކި އިމްތިޙާނު ތަކުގައި ހޯދަމުންދާ އަލިގަދަ ކާމިޔާބީތައް ފާހަގަކުރައްވާފައެވެ. އަދި، ރަށު ކައުންސިލާ ކަމާއިބެހޭ އިދާރާތައް ގުޅިގެން ކުށް މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސާފުކުރެއްވިއެވެ. އަދި ކިހާދޫގެ ތަރައްޤީއަށް ރޭވިފައި ހުރި މަޝްރޫޢުތަކުގެ މަސައްކަތްތަކާ ގުޅިގެން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަން ބައްލަވައި ކަމާގުޅޭ މިނިސްޓްރީތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

އަދި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ގުޅީ ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް ރާވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރެއްވިއެވެ.

މިގޮތުން ރަށުގެ ބިންހިއްކުމުގެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުންނާއި ރަށުގައި ފެނާ ނަރުދަމާގެ ނިޒާމު ވީ އެންމެ އަވަހަކަށް ޤާއިމުކުރުމުގެ މުހިންމުކަމާ އަދި ރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގެދޮރުގެ ދަތިކަން ވެސް ކައުންސިލަރުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލު އިދާރާ ހިންގުމަށް އިމާރާތެއްގެ މުހިންމުކަމާއި ޞިއްޙީ ދާއިރާއާ ތަޢުލީމީ ދާއިރާއިން ހުރި ކަންބޮޑުވުންތަކާއި ރަށުގެ އިޖްތިމާޢީ ޙާލަތު ރަނގަޅުކުރުމަށް ކުރަންހުރި ކަންކަން ވެސް މިބައްދަލުވުމުގައި ކައުންސިލަރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރަށުގެ ތަރައްޤީއަށް ރޭވިފައި ހުރި މަޝްރޫޢުތަކުގެ މަސައްކަތްތަކާ ގުޅިގެން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަން ބައްލަވައި ކަމާގުޅޭ މިނިސްޓްރީތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ޤާނޫނާއި ޤަވާޢިދުތައް ތަންފީޒުކުރުމުގައާއި ޢާންމު އިޖްތިމާޢީ ޙާލަތު ރަނގަޅުކުރުމަށް ކައުންސިލުން މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ. ވަކިން ޚާއްޞަކޮށް ކުޑަކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.
ހިޔާލު