Baeh project thah havaalu kurumugai bodethi massalathah!
image
ހުޅުމާލޭގައި އިމާރާތްކުރާ ހައުސިން ޔުނިޓެއް---ފޮޓޯ:ސޯޝަލް މީޑިއާ
0 ކޮމެންޓް
 

ބައެއް ޕްރޮޖެކްޓްތައް ހަވާލު ކުރުމުގައި ބޮޑެތި މައްސަލަތައް، ކޮންޓްރެކްޓަރުންގެ ކަންބޮޑުވުން!

ސަރުކާރުން ހިންގާ ބައެއް ޕްރޮޖެކްޓްތައް ހަވާލުކުރުމުގައި ޓެންޑާ ބޯޑުން ބައެއް ކަންކަން އުސޫލުން ބޭރުން ކުރާ ކަމަށް ބުނެ ބައެއް ކޮންޓްރެކްޓަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެގޮތުން ސީއެންއެމް އަށް ވާހަކަދެއްކި ބައެއް ކޮންޓްރެކްޓަރުން ބުނީ، ފަހަކަށް އައިސް ޓެންޑާ ބޯޑުން ބައެއް ޕްރޮޖެކްޓްތައް ހަވާލު ކޮށްފައިވަނީ އެކަށީގެންވާ ވަރަށް ނުބަލައި ކަމަށެވެ. އެގޮތުން ފާއިތުވާ ފަސް އަހަރު ތެރޭގައި ސަރުކާރުން ހަވާލުކުރި މަސައްކަތެއް، ކޮންޓްރެކްޓަރުގެ އިހުމާލުން ނުނިމި އޮތް ނަމަ، އެފަދަ ކުންފުނިތައް ކުރިން ޑިސްކޮލިފައި ކުރާއިރު މިހާރު އެ ކަމަށް ނުބަލާ ކަމަށް ބައެއް ކޮންޓްރެކްޓަރުން ބުނެ އެވެ.

އޭގެ އިތުރުން ސަރުކާރުގެ ޕްރޮޖެކްޓެއް ހަވާލުކުރާއިރު، ޓެކްސް ކްލިއަރެންސް ހައްދަން ޖެހެ އެވެ. ނަމަވެސް ފަހަކަށް އައިސް ބައެއް ޕްރޮޖެކްޓްތައް ދީފައިވަނީ އެ އުސޫލަށް ވެސް ބެލުމެއް ނެތި ކަމަށް ކޮންޓްރެކްޓަރުން ބުނެ އެވެ. ނަމަވެސް ޓެންޑާ ބޯޑުގެ ޗެއާ ޕާސަން މަރިޔަމް އަބްދުލް ނާސިރު ވިދާޅުވީ، ޕްރޮޖެކްޓްތައް ހަވާލުކުރަނީ ބަލަންޖެހޭ ހުރިހާ ކަންކަމެއް ބެލުމަށް ފަހު ކަމަށެވެ.

މަރިޔަމް އެހެން ވިދާޅުވި ނަމަވެސް އެފަދަ މައްސަލަތައް ހުރި ތިން ކުންފުންޏަކަށް ޕްރޮޖެކްޓްތައް ހަވާލު ކުރުމުގެ އެކި މަރުހަލާތަކުގައިވާކަން ސީއެންއެމް އަށް ވަނީ ކަށަވަރު ވެފަ އެވެ. އަދި އޭގެ ތެރެއިން ބައެއް ކުންފުނިތަކާ ޕްރޮޖެކްޓްތައް ހަވާލުކޮށް އެއްބަސްވުމުގައި މިހާރު ވަނީ ސޮއި ވެސް ކޮށްފަ އެވެ.

އެ ތިން ކުންފުނީގެ ތެރެއިން އެއް ކުންފުނިން ޖީއެސްޓީ ނުދައްކައިގެން، މީރާގެ ވެބްސައިޓުގައި ނަން ވެސް އިއުލާނު ކޮށްފައިވާ ކުންފުންޏެކެވެ.

ޓެންޑާ ބޯޑުން ޕްރޮޖެކްޓްތައް ހަވާލު ކުރާއިރު، ބައެއް ފޯމްތައް މަދު ކުންފުނިތަކަށް ވެސް "ފަހު ފުރުސަތު" ދީގެން އެ ފޯމްތައް އަލުން ހުށަހަޅާ ގޮތަށް ޕްރޮޖެކްޓްތައް ދީފައިވާ ކަމަށް ވެސް ބައެއް ކޮންޓްރެކްޓަރުން ބުނެ އެވެ. އެކަމަކު އެއީ މާލިއްޔަތު ގަވާއިދާ ހިލާފު ކަމެއް ކަމަށާއި، އެގޮތަށް ޕްރޮޖެކްޓްތައް ހަވާލުކުރާ މައްސަލަ ވަރަށް އަވަހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާނެ ކަމަށް ވެސް ސީއެންއެމް އަށް ވާހަކަދެއްކި ބައެއް ކޮންޓްރެކްޓަރުން ބުނެ އެވެ.

"އަޅުގަނޑުމެން ކަންބޮޑުވަނީ ޑޮކިއުމަންޓް ހަމަނޫން އިރު އިވެލުއޭޓް ކޮށް ނިންމާ، ޕްރޮޖެކްޓް އެވޯޑް ކުރަމުން އެ އެއްޗެހި ހުށަހަޅަން ލާސްޓް ޗާންސޭ ކިޔާފަ ފުރުސަތު ދޭތީވެ. އެހެން ހެދިގެން ނުވާނެ، އެއީ މާލިއްޔަތު ގަވައިދާ ސަރުކާރުގެ ޒީރޯ ޓޮލަރެންސް ޕޮލިސީއާ ވެސް ފުށުއަރާނެ ކަންކަން،" ކަންބޮޑުވެފައި ހުރި ކޮންޓްރަކްޝަން ކުންފުންޏެއްގެ ވެރިއަކު، ނަން ނުޖަހާ ގޮތަށް ވިދާޅުވި އެވެ.

"އިވެލުއޭޝަން އާއި ކޮލިފިކޭޝަން ކްރައިޓީރިއާގައި ހުންނަ ފޯމްތައް ނުފުރައި އަދި ސަޕޯޓިން ޑޮކިއުމަންޓްސް ނުލާ ހުންނަ އިރު، އެފަދައިން ހުންނަ ބިޑްތައް އިވެލުއޭޓް ކުރާނީ ކިހިނެއް؟"

ބިޑް ޑޮކިއުމަންޓް ހަމަ އަށް ހުށަހަޅާފައިނުވާ ކޮންޓްރެކްޓަރުންނަށް ޕްރޮޖެކްޓްތައް ޓެންޑާ ބޯޑުން އެވޯޑް ކުރާއިރު އެކަން ކުރަނީ، ބިޑްގެ ޓެކްނިކަލް އެނަލިސިސް ހަދާ، އެ ކަމާގުޅޭ އިދާރާއެއްގެ ފަންނީ މުވައްޒަފުންދޭ ލަފަޔަށް ވެސް ބެލުމެއް ނެތި ކަމަށް ސީއެންއެމް އަށް ވާހަކަ ދެއްކި ކޮންޓްރެކްޓަރުން ބުނެ އެވެ. އަދި އޭގެ ސަބަބުން ޓެކްސް އާއި އެހެނިހެން ފީތައް ދައްކައިގެން، މަސައްކަތްތައް ބަރާބަރަށް ނިންމާ ކުންފުނިތަކަށް އިންތިހާ އަށް ގެއްލުންވަމުން އަންނަ ކަމަށް ވެސް އެ މީހުން ބުނެ އެވެ.
ހިޔާލު