Maandhoo adhi ensis in mahuge agu dhahkoffi! masverin kanboduvefai!
image
މަސް ބާނަނީ-- ފޮޓޯ: ޓުވިޓާ/ޒުވާން މަސްވެރިޔާ
ފާތުމަތު ނަޒުފާ އިރުޝާދު
2 ކޮމެންޓް
 

މާންދޫ އަދި އެންސިސް އިން މަހުގެ އަގު ދަށްކޮށްފި! މަސްވެރިން ކަންބޮޑުވެފައި!

މަސްވެރިކަމަކީ ދިވެހީންގެ ލެޔާއި ދިރިއުޅުމާއި ގުޅި ލާމެހިފައިވާ ސިނާއަތެކެވެ. ހަމައެކަނި ކަނޑުފަޅުތަކުން ލިބޭ މަންފާއިން ދިރިއުޅުން ބައްޓަން ކުރާ މީހުން ތިބިއިރު، ހިތާމައަކީ މަސްވެރިކަމަށް ހީނަރުކަން އަންނަމުންދާ ކަމެވެ. މަހަށް ހަމަ އަގު ނުލިބުމާއި އައިސް ނުލިބުން މިއީ ހައްތަހާވެސް މަސްވެރިންގެ ޝަކުވާތަކެވެ.
މަސް ގަންނަ އަމިއްލަ ކުންފުނިތައް ކަމަށްވާ މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އާއި އެންސިސް އިން މަހުގެ އަގު ދަށް ކުރުމާއެކު މަސްވެރިން ދަނީ އެކަމާ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ. ލިބޭ އެތިކޮޅުން އެކަށީގެންވާ މަންފާ އެއް ނުލިބޭތީ އެވެ.

ލ. އަތޮޅަށް ނިސްބަތްވާ މަސްވެރިއެއް ސީއެންއެމްއަށް ބުނީ މާންދޫ އިން 16 ރުފިޔާ އަށް މަސް ގަންނަ އިރު އެންސިސް އިން ގަންނަނީ 13 ރުފިޔާ އަށް ކަމަށެވެ. އެއާއެކު އައިސްގެ އަގުވެސް އުފުލިފައިވާ ކަމަށް އޭނާ ފާހަގަކުރި އެވެ.


އެންސިސް ފެކްޓްރީ--

"މާންދޫ އިން މިހާރު މަސް ގަންނަނީ 16 ރުފިޔާ އަށް. ހުޅުމާލޭ އެންސިސް އިން 13 ރުފިޔާ އަށް. މިވަރުން ކިހިނެއް އަހަރުމެން މަސް ބާނާނީ. ނުވިތާކަށް އައިސް ޓަނެއް ލިބެނީ 1400 ރުފިޔާ އަށް،" އޭނާ ބުންޏެވެ.

އަމިއްލަ ކުންފުނިތަކުން މަހުގެ އަގު ދަށްކޮށްފައި ވާއިރު މިފްކޯ އަދި ކޫއްޑޫ އިން މަސް ގަންނަމުންދަނީ 20 ރުފިޔާ އަށެވެ. އައިސް ޓަނެއް ލިބެން ހުރީ 1200 ރުފިޔާ އަށެވެ.

ރާއްޖޭގެ އުތުރުގައި މަސްވެރިކަން ރަނގަޅުވެފައި ވާއިރު ދެކުނު ހިސާބުގެ މަސްވެރިން އާންމުކޮށް މަސް ބާނަން ދަނީ އެ ސަރަހައްދަށެވެ. އެ ހިސާބަށް މަސްބާނަން ގޮސް ދަށް އަގުގައި މަސް ވިއްކަން ލިބޭއިރު އެއިން ލިބޭ ފައިދާ އެއް ނޯވެއެވެ.

"އާންމުކޮށް ލ. އަތޮޅު މަސްވެރިން ވ. އަތޮޅުން އެން ހިފައިގެން މިދަނީ މަސް ބާނަން. ފުދޭ ވަރެއްގެ ބޮޑު ހަރަދެއް އެބަދޭ ތެލަށް. ގާތްގަނޑަކަށް 1200 ލީޓަރު އެބަދޭ ދުވާލެއްގެ މައްޗަށް. 16 ރުފިޔާ އަށް އަގު ދަށްކޮށްފަ ހުރީމަ 1000 ކިލޯ އަށް މި ލިބެނީ 16000 ރުފިޔާ. މާންދޫ އިން ތެޔޮ ގަނެފަ ދެން ބާކީ މި އިންނަނީ 3000 ހާ ރުފިޔާ،" މަސްވެރިޔަކު ބުންޏެވެ.

އޭނާ އިތުރަށް ބުނީ ކުރިން މާންދޫ އިން ގަންނަމުން ދިޔައީ ދުވާލެއްގެ މައްޗަށް އެއް ޓަނު މަސް ކަމަށާއި މަހުގެ އަގު ދަށް ކުރުމަށްފަހު މިހާރު ހުރިހާ މަހެއް ގަންނަމުންދާ ކަމަށެވެ.


މާންދޫ ފިޝަރީޒް ކޮމްޕްލެކްސް--

މިކަމާއި ބެހޭ ގޮތުން ފިޝަރީޒް ކޮމްޕްލިއެންސްގެ ޑިރެކްޓާ އަހުމަދު ޒިޔާދު ސީއެންއެމްއަށް ވިދާޅުވީ މަސް ގަންނަމުން ދަނީ ކަނޑައަޅާފައި އޮތް އެންމެ ދަށް އަގަށް ވުރެ މަތިން ކަމަށާއި އަދި އެއީ ގަވާއިދުގައި އޮންނަ ގޮތް ކަމަށެވެ.

މަހުގެ އަގު ދަށްވުމުން އެކަށީގެންވާ މަންފާ އެއް ނުލިބޭތީ މަސްވެރިން ބޭނުން ވަނީ ސަރުކާރުގެ ސަމާލުކަމަށް މިކަން ގެންނާށެވެ.

ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެފައިވާ ދަނޑިވަޅެއްގައި މަސްވެރިންނަށް އެކަމުގެ ބޭނުން ހިފެން ނެތުމަކީ ހިތާމަ ކުރަންޖެހޭ ވަރުގެ ކަމެކެވެ.

މަސް ގަންނަ ކުންފުނިތަކުން ދަށް އަގުގައި މަސް ގަންނަމުން ދަނީ މަސްވެރިކަން ރަނގަޅުވި ނަމަވެސް ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވުމުން ކަމަށް ބެލެވެ އެވެ. މިކަމުގައި މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އަދި އެންސިސްގެ ބަހެއް އަދިއެއް ނުލިބެ އެވެ.

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވަނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަަގު ބޮޑުތަނުން މިހާރު ދަށްވެފައި ވީ ނަމަވެސް މިފްކޯ އިން ދަނީ މަސްވެރިންގެ އަތުން މަސް ގަންނަ އަގަށް ބަދަލެއް ނުގެނެސް ބާނާ ހުރިހާ މަހެއް ގަންނަމުން ކަމަށް ވިދާޅުވެފަ އެވެ.

ދުނިޔޭގެ މަހުގެ ބާޒާރަށް ބަލާއިރު އޭޕްރިލް މަހު ތައިލެންޑުގައި ކަޅުބިލަމަހެއްގެ ޓަނެއް ލިބެން ހުރީ 23،130 ރުފިޔާއަށެވެ. މެއި މަހު އެ އަގު ވަނީ 19،275 އަށް ވެއްޓިފަ އެވެ. ޖޫން އަދި ޖުލައި މަހު ކަޅުބިލަމަހުގެ ޓަނެއް ލިބެން ހުރީ 15،420 އަަށެވެ. ޖަޕާނުގެ ޓޯކިޔޯގެ މެޓްރޮޕޮލިޓަން ނީލަން ބާޒާރުގައި ވެސް ލޯބޮޑު ކަންނެލީގެ އަގު ވެސް ދަށްވަމުން ދާކަމަށް ފާހަގަކުރެވެ އެވެ. ޖުލައި މަހަށް ބަލާއިރު އެ މަހުގެ ފުރަތަމަ ހަފްތާގައި ލޯބޮޑު ކަންނެލީގެ ކިލޯއެއް 472 ރުފިޔާ އަށް ހުރިއިރު މަސް ނިމުނު އިރު ކިލޯއެއްގެ އަގު އުޅެނީ 221 ރުފިޔާ އަށެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭން އެކްސްޕޯޓު ކުރި މުދަލުގެ އެފްއޯބީ އަގު (ބޭރުކުރި މުދަލުގެ އަގު) އުޅެނީ 136 މިލިއަން ރުފިޔާގަ އެވެ.

ނަމަވެސް މި އަހަރުގެ ސެޕްޓެމްބަރު މަހު މި އަދަދު ވަނީ 166 މިލިއަން ރުފިޔާ އަށް އިތުރުވެ، 22 ޕަސެންޓުގެ ކުރިއެރުމެއް ލިބިފަ އެވެ. މައިގަނޑު ސަބަބަކީ ރާއްޖޭގެ މަސްވެރިކަން އާދަޔާ ހިލާފަށް މި އަހަރުގެ ފުރަތަމަ ތިން މަހުން ފެށިގެން ރަނގަޅުވެފައި ވުމެވެ.
ހިޔާލު

އެޑްމުންޑޯ

އެންސިސް އަކީ ދުނިޔޭގެ ބާޒާރަށް މަސް ބޭރުކުރާ ބައެއްނޫން ، އެމީހުން ދަޅުބަންދުކުރަނީ ، ހަމަ އެގޮތަށް މާންދޫ އިންވެސް ދަޅުގައި ބަންދުކުރަނީ ، ދެން ކޮން ދުނިޔޭގެ މާކެޓޭ ކިޔާކަށް

ފާތުމަަ މިސްކިތް

200 ރުފިޔާ އަށް މަސްކިލޯއެއް ނުވިކުނިއްޔާ މަހަށް ހަމަ އަގު ލިބޭކަމަކަށް ނުވޭ.