Masahkath kuranee medhuminuge dheenee fikuruge dhalathe baahvan: MDP
image
ފައިލް ފޮޓޯ އަވަސް: --
1 ކޮމެންޓް
 

މަސައްކަތް ކުރަނީ މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ބާއްވަން: އެމްޑީޕީ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ (އެމްޑީޕީ) އަކީ މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ދިވެހިރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރާ ޕާޓީއެއްކަމަށް އެ ޕާޓީން ބުނެފިއެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީީ އެ ޕާޓީއަކީ އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފަށް ކުރާ އެއްވެސް ކަމަކަށް ތާއިދު ކުރާނެ ޕާޓީއެއްނޫނެވެ.

"މާތްވެގެންވާ އިސްލާމް ދީނުގެ ހަމަތަކަށާއި އުޞޫލުތަކަށާއި ކީރިތި ރަސޫލާއަށް ހަޖޫޖެހުމާއި ފުރައްސާރަކުރުމަށް ހިންގާ ކަންކަން މިޕާޓީން ކުށްވެރިކުރަމެވެ. އަދި، ޤާނޫނުއަސާސީން ލިބިފައިވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށްކަން މިޕާޓީން އަބަދުވެސް ޤަބޫލުކުރާނެއެވެ." ނޫސް ބަޔާނުގަ ބުނެފައިވެއެވެ.

އެ ޕާޓީން ޤާބޫލުކުރާ އެންމެ މުހިއްމު އެއް އުސޫލަކީ، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް ތަރުހީބު ނުދޭނެކަމެވެ. އަދި ހަމަ ކޮންމެ މީހަކާމެދުވެސް ޤާނޫނުގައިވާ ގޮތުގެ މަތީން ޢަމަލު ކުރެވުމެވެ. ޤާނޫނުގެ ބޭރުން އަދި ކަންކަން ހިންގުމަށް ކަނޑައަޅާފައިވާ އިޖުރާޢާތުތަކުގެ ބޭރުން ކަންކަން ކުރުމުގެ ފުރުސަތު ހަމަ އެއްވެސް ފަރާތަކަށް ނުދިނުކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

"މިޕާޓީ ޤަބޫލުކުރަނީ ޤާނޫނާ ޚިލާފަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރާ ފަރާތްތަކާ މެދުވެސް، އަދި އަނިޔާވެރިކަމަށް ހިތްވަރުދީ އެފަދަ ކަންކަމަށް ގޮވާލައި، ރައްޔިތުންނަށް ބިރުދައްކަމުންދާ ފަރާތްތަކާމެދުވެސް ފިޔަވަޅު އަޅަންޖެހޭކަމަށެވެ. ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދައްކާ ވާހަކަ ދެއްކުމަކީ އެއްވެސް މުޖްތަމަޢެއްގައި ހުއްދަ ކަމެއް ނޫން. އެފަދަ ކަންކަމުން ޤައުމަށް ލިބޭނޭ ހަމަޖެހުމެއް އަދި ދީނަށް ލިބޭނޭ ކުރިއެރުމެއް ނޯންނާނެ. އެފަދަ ވާހަކަތައް ދެއްކުމަކީ، ޤައުމުގައި ބައިބައިވުން އިތުރުވެ، ރާއްޖޭގެ އާންމު މަސްލަހަތަށާއި އަމަން އާންމަށް ނުހަނު ގެއްލުން ވެގެންދާ ކަމެވެ." އެމްޑީޕީން ބުންޏެެވެ.

އެ ޕާޓީން ބުނީ ހައްދުފަހަނައަޅާފައިވާ ހަރުކަށި ފަރާތްތަކުން ގޮވާލާ އެފަދަ ގޮވާލުންތަކުގެ ފައިދާ ސިޔާސީ ބައެއް ފަރާތްތަކުން ނަގައި، ދަނޑިވަޅުގެ ބޭނުންކޮށް ޤައުމު ހަލަބޮލިކޮށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރާ ކަމީ ހިތާމަ ކުރާ ކަމެއްކަމަށެވެ.

"ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމަޢުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ ޢަމަލުތައް ހިންގުން ހުއްޓުވާން ޖެހެއެވެ. ޖަލްސާތަކުގައާއި، އެކިއެކި ފޯރަމްތަކުގައާއި، މީސްމީޑިޔާގެ އެކިއެކި ވަޞީލަތްތަކުގައި އަނިޔާވެރިކަމަށް ގޮވާލައި، ރައްޔިތުންގެ މެދުގައި ނަފްރަތާއި ފަސާދަ އުފައްދަން ވަކާލާތު ކުރާ ފަރާތްތަކުގެ އެ މަސައްކަތްތަކަކީ މިޕާޓީ ބަލައިގަންނާނެ ކަންކަމެއްނޫނެވެ. އެފަދަ ހައްދުފަހަނައަޅާފައިވާ ހަރުކަށި ޢަމަލުތަކަކީ މިޕާޓީ އަބަދުވެސް ކުށްވެރިކުރާ ޢަމަލުތަކެކެވެ."

އެހެންކަމުން، ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމަޢުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ ޢަމަލުތައް ތަޙްޤީޤުކޮށް ޤާނޫނުގައިވާ ގޮތުގެ މަތީން އެފަރާތްތަކާމެދު ފިޔަވަޅު އަޅުއްވައިދެއްވައި، ރާއްޖެއަކީ އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރައްވަންޖެހޭ މަސައްކަތް ސަރުކާރުން ކޮށްދެއްވުމަށް އިލްތިމާސް ދަންނަވާކަމަށް ވެސް އެ ޕާޓީގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
ހިޔާލު

ޑިމޮކްރަސީ

ކޮބާތޯ މެދުމިނަކީ ﷲ އާއި އެކަލާންގެ ރަސޫލާއަށް ހަޖޫޖަހާ ބަދުބަސްކިޔުންތޯ މެދުމިނަކީ؟