Nafsaanee dhulhaheyokamahtakaa amilla ah kurevidhaane 20 kameh
image
0 ކޮމެންޓް
 

ނަފްސާނީ ދުޅަހެޔޮކަމަށްޓަކާ އަމިއްލައަށް ކުރެވިދާނެ 20 ކަމެއް

ކުދިން ބެލުމާއި ގޭތެރޭގެ ބުރަ މަސްއޫލިއްޔަތު އަދާ ކުރަމުން ބުރަކޮށް އުޅޭ މަންމައިން ނުވަތަ ކުދިން ބަލާ މީހުންނަށް ގިނަ ފަހަރު އޮންނަނީ އަމިއްލަ ނަފްސަށްޓަކައި އެއްވެސް ކަމެއް ނުކުރެވިފަ އެވެ. އުޅެން ޖެހޭ ބުރަކަމާއި، އެހެނިހެން ވެސް ކަންތައްތަކުގެ ސަބަބުން އަބަދު ސްޓްރެސްވެ ނަފްސާނީ މައްސަލަތަކާއި ކުރިމަތިވުމަކީ މިފަދަ ފަރާތްތަކަށް އާންމު ކަމެކެވެ. އެހެންކަމުން އަމިއްލަ ނަފްސާއި މެދު އަޅާލާ ނަފްސަނީ ދުޅަހެޔޮކަމަށްޓަކާ ކުރެވިދާނެ ބައެއް ކަންތައް މިވަނީ އެވެ. މަންމައިންގެ އިތުރުން އެހެން މީހުންނަށް ވެސް މި ކަންތައް ކުރެވިދާނެ އެވެ.
މިއީ، ނަމާދު ކުރުމާއި ގުރުއާން ކިޔެވުން އަދި އެހެނިހެން އަޅުކަމާއި، އާންމުކޮށް ދުވަހުގެ ރޫޓިންގައި ކުރާ ކަންތައްތަކުގެ އިތުރުން ކުރެވިދާނެ ކަންކަމެވެ.

1. ފޮތް ކިޔުން – އެމީހަކު އެންމެ ކިޔާ ހިތްވާ ކަހަލަ ފޮތެއް ކިޔާލުމުން މައުލޫމާތާއި ބަސް މުއްސަނދިވުމުގެ އިތުރުން ހިތްހަމަޖެހުން ލިބެ އެވެ. މިގޮތަށް ކިޔާލެވިދާނެ އޮންލައިން އާޓިކަލްތަކާއި ފޮތްތައް ވެސް މިހާރު ވަރަށް ގިނަ އެވެ.

2.މައާފް ކުރުން އަދި ޝުކުރުވެރިވުން – ރުޅި އަންނަ ނުވަތަ ހިތްހަމަނުޖެހޭ މީހަކަށް ނުވަތަ ކަމަކަށް ހިތާހިތުން މައާފްކޮށްލާށެވެ. އަދި ލިބިފައިވާ ކުދިކުދި ނިއުމަތްތަކާއި މެދު އަބަދުވެސް ޝުކުރުވެރިވާށެވެ. އިސާހިތަކު ހިތްހަމަޖެހުން ލިބޭނެ އެވެ.

3.ކަސްރަތު ކުރުން - ގޭގައި ހުރެގެން ވެސް ކުރެވިދާނެ ކަސްރަތު ހުރެއެވެ. އެންމެ ރަނގަޅު ގޮތަކީ ބޭރަށް ދެވޭނަމަ ދުވެލަން ނުވަތަ ފަތާލަން ކަހަލަ ކަމަކު ގުދުރަތީ މާހައުލަކަށް ގޮސް ކަސްރަތު ކޮށްލުމެވެ.

4. ނިދާލުން - ރޭނގަޑުގެ ނިދީގެ އިތުރުން ދުވާލުގެ ވަގުތުގައި ވެސް ކުދިން ނިދާފައި ތިބޭއިރު ނުވަތަ ހުސް ވަގުތެއް ވެއްޖެ ނަމަ ނިދާލުމަކީ ސިކުނޑިއަށް ވަރަށް ލުއިވެގެންދާ ކަމެކެވެ.

5. ރައްޓެހިންނާ ވާހަކަދައްކާލުން – ރައްޓެއްސަކަށް ނުވަތަ ގާތް މީހަކަށް ގުޅައިގެން ނުވަތަ ބައްދަލުކޮށް ވާހަކަދައްކާލުމަކީ އުދާސްތައް ބޭރުކޮށްލެވޭނެ އެންމެ ފަސޭހަ ގޮތެވެ.

6. އާކަމެއް ދަސްކޮށްލުން – މިހާރު ޔޫޓިއުބާއި އެ ނޫން ވެސް ގޮތްތަކުން ބޭނުން ކަމެއް ދަސްކުރުމަށް ޓިއުޓޯރިއަލް ލިބެއެވެ. އެ ތަކެތީގެ ބޭނުން ހިފާ، ކޮންމެ ވެސް ކުރާ ހިތްވާ ކަހަލަ އާ ކަމެއް ދަސްކޮށްލެވުމަކީ ވަރަށް ހިތްހަަމަޖެހުން ލިބޭ ކަމެކެވެ. މިސާލަކަށް، ފެހުން، މާޖެހުން، ވިޔުން، ކަރުދާހުން އެއްޗެހި ހެދުން، އެކި ކަހަލަ ކްރާފްޓް ހެދުން، މޭކަޕް ކުރުން، ނުވަތަ އެނޫން ވެސް ކުރާ ހިތްވާ ކަމެއް ދަސްކޮށް އޭގެ ބޭނުން ވެސް ހިފިދާނެ އެވެ. ނުވަތަ ސައިކަލު ދުއްވުން ކަހަލަ ކަމެއް ވެސް ދަސްކުރެވިދާނެ އެވެ.

7. ކައްކަން ޝައުގުވެރިވާނަމަ، އާ އެކިއެކި ކާނާގެ ރެސެޕީ ހޯދައިގެން އެއެއްޗެތި ތައްޔާރުކޮށް އަޖުމަބެލުމަކީ ވެސް ހިތްހަމަޖެހޭ ކަމެކެވެ.

8. ޑައިރީ ލިޔުން – ނޯޓް ފޮތެއްގައި ނުވަތަ ފޯނުގެ އެޕެއްގައި ނަމަވެސް، ޑައިރީ ލިޔާށެވެ. ޑައިރީގައި ލިޔާނީ މުޅިން ވެސް އުދާސްވާ ކަންކަމެއް ނޫނެވެ. ކޮންމެ ދުވަހަކު ވެސް އަމިއްލަ ނަފްސާއި މެދު ލޯބިން ތައުރީފުކޮށް ބަހެއް ބުނެލާށެވެ. އަދި އަމިއްލައަށް ކުރެވުނު ރަނގަޅު ނުވަތަ މޮޅު ކަމެއް ލިޔެލާށެވެ. އަދި ދޭތެރެ ދޭތެރެއިން ކުރިން ލިޔެފައި ހުރި އެއްޗެހި ކިޔާލާށެވެ. މޫނު މައްޗަށް ހިނިތުންވުން ގެނެސްދީ ނަފްސަށް އޮންނަ އިތުބާރު އިތުރު ކޮށްދޭނެއެވެ.

9. ގިނައިން ހިނިތުންވާށެވެ. ފެންނަ ކޮންމެ މީހަކާއި ދިމާއަށް ވެސް ހިނިތުންވެލުމަކީ އަމިއްލައަށް އުފާ ވާނެ ކަމެކެވެ.

10. އެއްވެސް ހާލެއްގައި އެއްވެސް މީހަކަށް އަނިޔާއެއް ނުދޭށެވެ. ރުޅި އަޔަސް، ދަރިންނަށް ނުވަތަ ބައިވެރިޔާއަށް ވެސް ކުޑަ ނަމަވެސް ޖިސްމާނީ އަނިޔާއެއް ނުކުރާށެވެ. އެފަދަ ކަމެއް ކުރެވިއްޖެ ނަމަ އެކަމާ ހިތްހަމަ ނުޖެހި މުޅި މީހާ މާޔޫސްވެ ރުޅި ގަދަވެ، އެކަމުން އަރައި ނުގަނެވޭ ހިސާބަށް ހިނގައިދާނެ އެވެ. އެހެންކަމުން ކިތަންމެ ރުޅި އާދެވުނު ނަމަވެސް އެފަދަ ކަމެއް ނުކުރާށެވެ. ރުޅި އަންނަ ވަގުތު ރުޅި ކޮންޓްރޯލް ކުރާށެވެ.

11. ބޭރަށް ގޮސްލާށެވެ. ވަކި މަންޒިލެއް ނެތި އެކަނި ނަމަވެސް ހަމަ ހިނގާލަން ނިކުމެލުމަކީ ވެސް ހިތައް ފިނިކަން ގެނުވައިދޭ ކަމެކެވެ.

12. ހަށިގަނޑަށް ފައިދާ ހުރި ކާނާ ކާށެެވެ. އަދި ގިނައިން ފެންބޯށެވެ. ސިކުނޑި ތާޒާކުރުމަށްޓަކާ ހައިޑްރޭޝަނަކީ މުހިންމު ކަމެކެވެ.

13. ލަވަޖަހާ ނަމަ، އެންމެ ޝައުގުވެރިވާ އެންމެ ރީތި ލަވަކޮޅެއް އަޑުއަހާލަން ނުވަތަ ބަލާލަން ވަގުތުކޮޅެއް ހުސްކުރާށެވެ. ހީވެސް ނުކުރާ ފަދަ ހިންހަމަޖެހުމެއް ލިބިދޭނެ ކަމެކެވެ.

14. މުނިފޫހިފިލުވުމުގެ ގޮތުން އެންމެ ކުރާ ހިތްވާ ކަމެއް ކޮންމެ ދުވަހަކު ވެސް ކޮއްލަންވާނެ އެވެ. ނަމަވެސް އެކަމަށް ދެވިނުހިފާ މިންވަރަށެވެ. މިސާލަކަށް ޑްރާމާ ބެލިއަސް، ސީރީސް ބެލިޔަސް ދުވާކަލު އެއް އެޕިސޯޑު ބެލިދާނެ އެވެ.

15.ސޯޝަލް މީޑިއާ ބޭނުންކުރުން – ސޯޝަލް މީޑިއާގެ ބަހުސްއަކީ ވަރަށް ގިނަ ކޮޅުކޮޅަށް ދާ ބަހުސެކެވެ. ބައެއް މީހުން އެއީ ގެއްލުންދެނިވި ކަމެއް ކަމަަށް ބުނާއިރު އޭގެ ފައިދާ ވެސް ވަރަށް ބޮޑެވެ. ސޯޝަލް މީޑިއާ ބޭނުން ކުރަންވާނީ އެއަށް ދެވި ނުހިފާ، މައުލޫމާތު މުއްސަނދިވާ ފަދަ ގޮތަކަށެވެ. އަދި އެކަމަކީ ހިތް ނުތަނަވަސްވާ ކަމެއްް ނަމަ އެންމެ ބުއްދިވެރި ގޮތަކީ އެކަން ނުކުރުމެވެ.

16. 'ވިންޑޯ ޝޮޕިން' – ވަކި އެއްޗެއް ނުގަތަސް ފިހާރަތަކަށް ވަދެލާ ބޭނުންވާ ކަހަލަ އެއްޗެހި ބަލާލެވުނީމަ ވެސް ބައެއް މީހުން ހިންހަމަޖެހެއެވެ.

17. އިރު އޮއްސޭ މަންޒަރު، އިރު އަރާ މަންޒަރު ބަލާލަން ދިއުން – ހާއްސަކޮށް ވަށައިގެން މޫދު އޮންނަ، ރާއްޖޭގައި މިކަމަކީ ހަމަ ތެރަޕީއެއް ކަހަލަ ކަމެކެވެ.

18. ރީތި ވެލުމަށްޓަކައި ވަގުތު ހޯދާށެވެ. ސާފްތާހިރު ކަމާއި ރީތިކަމަކީ މުހިންމު ކަމެކެވެ. ކޮންމެ ދުވަހަކު ވެސް ރަނގަޅަށް ފެންވަރާ މީރުވަސް ދުވާ އެއްޗެއް ބޭނުންކޮށް ސާފުހެދުން އަޅަންވާނެ އެވެ. އެއީ އަމިއްލަ ނަފްސަށް ހިންހަމަޖެހުން ގެނުވައިދޭ ކަމެކެވެ. މީގެ އިތުރުން، ދޭތެރެއަކުން ޕެޑިކިޔޯ އެއް، ފޭޝަލްއެއް ނުވަތަ ހެއަ ޓްރީޓްމެންޓެއް ނަގާލުމަކީ ވެސް ކުރެވިދާނެ ކަންކަމެވެ.

19. މީހަކަށް އެހީވާށެވެ. މީހަކަށް އެހީވުމުގެ ގޮތުން ކުރެވޭ ކޮންމެ ކަަމަކީ ކިތަންމެ ކުޑަ ކަމެއް ނަމަވެސް ހިންހަމަޖެހޭ ކަމެކެވެ. އެހެންކަމުން ވީވަރަކުން މީހުންނަށް އެކި ގޮތްގޮތުން އެހީތެރިވާށެވެ. ނުވަތަ ކަންތައް ކޮށްދޭށެވެ. އަދި އެންމެނާ ވެސް ލޯތްބާއެކު ވާހަކަ ދައްކާށެވެ.

20. އެއްވެސް ކަމެއް ނުކޮށް ހުސް ވަގުތު ހޭދަ ކުރުމަކީ ވެސް ބައެއް މީހުންނަށް ހިންހަމަޖެހުން ލިބި ހިތައް ފިނިކަން ލިބޭ ކަމެކެވެ.

އެކި މީހުންގެ ޝައުގާއި ދިރިއުޅުމުގެ ވައްޓަފާޅި ވެސް ތަފާތު ވާނެ އެވެ. އެހެންކަމުން މިބުނި ކަންކަމުގެ ތެރެއިން ވެސް އެމީހަކަށް ހިންހަމަނުޖެހޭ ކަމެއް ނަމަ އެކަމެއް ކުރުން މުހިންމެއް ނޫނެވެ. އެމީހަކަށް އެންމެ ރަނގަޅު ގޮތެއް އެނގޭނީ ހަމަ އެމީހަކަށެވެ. މިއީ ހަމައެކަނި އަމިއްލަ ނަފްސަށްޓަކާ ކުރެވިދާނެ ކަންތަކުގެ ހިޔާލެކެވެ.
ހިޔާލު