Anxiety hunna nama dhenegannaanee kihineh?
image
0 ކޮމެންޓް
 

އެންޒައިޓީ ހުންނަނަމަ ދެނެގަންނާނީ ކިހިނެއް؟

ފުރާވަރަށް އަރައިގެން އަންނައިރު ކުދިންނަށް ތަފާތު އެކިއެކި ނަފްސާނީ މައްސަލަތައް ކުރިމަތިވުމަކީ އާންމު ކަމެކެވެ. އެދުވަސްވަރު ހަށިގަނޑަށް އަންނަ ބަދަލުތަކާއި، ހޯމޯނަށް އަންނަ ބަދަލުތަކުގެ ސަބަބުންވެސް ކަންކަން ދިމާވެ އެވެ. ކުދިންނަށް އަންނަ ބަދަލުތަކުގެ ސަބަބު މިދުވަސްވަރު ދެނެގަންނަންވެސް ދަތިވެ އެވެ. އެހެންކަމުން އެންޒައިޓީގެ ބައެއް އަލާމާތްތައް ބަލާލުން މުހިއްމެވެ. މީގެތެރެއިން ބައެއް ކަމަކީ މާބޮޑަށް ފާހަގަނުވެދާނެ ކަންކަމެވެ.
ކުއްޖާގެ އުޅުމަށް އަންނަ ބައެއް ބަދަލުތައް

އިމޯޝަނަލް ބަދަލުތަކަކީ އެންޒައިޓީގެ އެންމެ އާންމު އަލާމާތެވެ. މިގޮތުން، ކަމަކާ ނުލާ އަވަސް އަވަހަށް ރުޅިއައުން، ބޮޑާހޭކުން، އެކަހެރިކޮށް އުޅެން ބޭނުންވުން، ހާސްވެ ކަންބޮޑުވެގެން އުޅުން، ރުއިން ނުވަތަ ރޯކަން ނާންގަން އުޅުން، މިފަދަ ކަންކަން ކުއްޖާގެ ފަރާތުން ފެންނަނަމަ އެއީ އެންޒައިޓީގެ އަލާމާތަކަށް ވެދާނެ އެވެ.

ގުޅުންތަކަށް އަންނަ ބަދަލުތައް

އެކަހެރިކޮށް އުޅުން، ރައްޓެހިންނާ މާގާތް ގުޅުމެއް ނުބޭއްވުން، ސްކޫލަށް ނުދާން އުޅުން، އިތުރު ހަރަކާތްތަކުން ވަކިވުން ނުވަތަ ނުދިޔުން، މީހުންނާ ވާހަކަ ނުދައްކާ އެކަނި އުޅެން ފެއްޓުން ފަދަ ކަންކަމަކީ ވެސް އެންޒައިޓީގެ އަލާމާތްތަކަށް ވެދާނެ އެވެ.

ޖިސްމާނީ ބަދަލުތައް

ހަށިގަނޑަށްވެސް ބަދަލު އައުން އެކަށީގެންވެ އެވެ. އެގޮތުން ކެއުން މަދުކޮށްލުމުން ބަރުދަން ލުއިވާ ގޮތްވެ އެވެ. ނުވަތަ މާގިނައިން ކާން ވެސް ފަށާފާނެ އެވެ. ބަނޑުގައި ރިއްސުން، ބޮލުގައި ރިއްސުން، ބަނޑުގައި ގޭސް ހެދިގެން އުޅުން ފަަދަ ކަންކަމުގެ އިތުރުން ބޮލަށް އެނބުރުން އެރުމާއި ގައިގެ އެކި ތަންތަނަށް ސަބަަބު ނޭގި ތަދުވުން ހިމެނެ އެވެ.

އެހެނިހެން ބަދަލުތައް

އެންޒައިޓީގެ ސަބަބުން މިނޫނަސް އެހެން ކަންކަމަށް ވެސް ބަދަލު އައިސްދާނެ އެވެ. މީގެތެރޭގައި ނިދުމަށް ބަދަލުއައުން، ނިދަން އުނދަގޫވުން، ހޭލަން އުނދަގޫވުން، ބިރުވެރި ހުވަފެން ފެނުން، ހާސްވުން، ކިޔެވުމަށް ބަދަލުއައުން، މަސައްކަތްތައް ނުކޮށް ފަހަށް ބެހެއްޓުން، ފިލާވަޅަށް ސަމާލުކަން ނުދެވުން ފަދަ ކަންކަން ހިމެނެ އެވެ.

މިއިން ގިނަ ކަންކަން ކުއްޖާގެ ކިބައިން ފާހަގަކުރެވޭނަމަ، ނަފްސާނީ ފަރުވާދޭ މީހެއްގެ ލަފާ ލަސްނުކޮށް ހޯދުމަކީ މުހިންމު ކަމެކެވެ. ކުއްޖާއަށް ވެސް އެއީ ދިމާވެދާނެ ކަމެއްކަން ވިސްނައިދީ ފަރުވާ ހޯދަންވާނެ އެވެ.

އެންޒައިޓީއާ ގުޅިގެން ދިމާވެދާނެ ސިއްހީ އަލާމާތްތައް

ހިތުގެ ތެޅުން އަވަސްވެ ބާރަށް ވިންދު ޖެހުން
ދާހިއްލުން
ތުރުތުރުއެޅުން
ބަނޑުގައި ރިއްސުން ނުވަތަ ބަނޑުދިޔާވުން
ނޭވާލާން އުނދަގޫވުން
މޭގައި ރިއްސުން
މަރުވާން އުޅޭހެން ހީވެ ނުވަތަ ސިކުނޑު ހަމަނުޖެހިދާނެ ކަމަށް ހީވެ ހާސްވުން
ހަތަރެސް ފައި އައްސިވުން
ވަށައިގެންވާ ކަންތައްތަކަކީ ހަގީގަތެއް ނޫންހެން ހީވުން

މިފަދަ ސިއްހީ މައްސަލަތަކެއް ދިމާވަނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދަން ވާނެ އެވެ.



ހިޔާލު