Thuhthu dharifulhuge kibain mi harakaai thah nufenna nama avahah docter ah dhakka!
image
0 ކޮމެންޓް
 

ތުއްތުދަރިފުޅުގެ ކިބައިން މިހަރަކާތްތައް ނުފެންނަނަމަ އަވަހަށް ޑޮކްޓަރަށް ދައްކާ!

ތުއްތުދަރުފުޅުގެ ހެދިބޮޑުވުމާއި އެކި ކަންތައްކަންތައްތައް ކުރަންފަށާ އުމުރަކީ ބެލެނިވެރިންނަށް އަބަދުވެސް ވަރަށް ހާއްސަ ކަންތަކެކެވެ. އަދި ބޭބީ އެކަންތައްތައް ކުރަނީ އެންމެ އެކަށިގެންވާ އުމުރުގައިތޯ އެނގުމަކީވެސް، ކުއްޖާ ހެދިބޮޑުވަނީ ފުރިހަމަގޮތުގައިކަން ކަށަވަރުކުރުމަށްޓަކާ ކޮންމެހެން އެނގެން ބޭނުންކަންތައްތަކެވެ. މިގޮތުން އެންމެ ތުއްތު އިރުންފެށިގެން އުމުރާއި އެއްގޮތަށް ކުރާ، ބައެއް ކަންތައް މިވަނީއެވެ.
ހިނިތުންވުން

ބޭބީގެ ފުރަތަމަ ހިނިތުންވުމަކީ މައިންބަފައިނަށް އަދި ކައިރީގަ އުޅޭއެންމެންނަށްވެސް ވަަރށް ހާއްސަ ވަރަށް އުފާވެރި ވަގުތުކޮޅެކެވެ. އުމުރުން އެންމެ 6 ހަފްތާ ގައި ބައެއްކުދިން މޫނަށްބަލާފަ ނުވަތަ އެއްޗަކަށްބަލާފަ ހީލައެވެ. ނަމަވެސް އާންމުކޮށް ކުދިން ހިނިތުންވާން ފަށަނީ12 ހަފްތާގައެވެ. އަދި އުމުރުން ހަމަސް ވާއިރު ހިނިތުންވާން ރަަނގަޅަށްއެނގޭނެއެވެ. މިއުމުރުގައި ކުއްޖަކު ހިނިތުންނުވާނަމަ ޑޮކްޓަރުގެ ލަފާ ހޯދަންވާނެއެވެ.

ވަކިއެއްޗަކަށް ބަލަންއެނގުން

ތުއްތުކުދިން އުފަންވާއިރު ، ވަކި ދިމާއަކަށްބަލާކަށް ނޭނގޭނެއެވެ. ނަމަވެސް ފުރަތަމަ މަސްތެރޭގައި އަޑުއަންނަދިމާއަށް ނުވަތަ ގަދަކުލަކުލައާއި ދިމާއަށް މޫނުއަނބުރާ ބަލާލަން އެނގެއެވެ. މިއުމުރުގައި މޫނުގާތްކޮށްލުމުން ލޮލަަށްބަލަން އެނގެއެވެ. މިއުމުރުގައިވެސް ކުއްޖާއާއި ގިނައިން ވާހަކަދައްކާ މޫނަށް ބަލައިހެދުމުން ކުއްޖާގެ ހިއްސުތައް ހެދިބޮޑުވުމުމަށް އެހީއަކަށްވެއެވެ.

ވަކި އެއްޗަކަށް ފޯކަސްކޮށްގެން ބަލަން އެނގެނީ އުމުރުން 2 މަހާއި 4 މަހާދެމެދުގައެވެ. ލަސްވެގެން އުމުރުން 5 މަހުގައި މޫނަށް ނުބަލާކަމަށްވާނަމަ ޑޮކެޓަރަށް ދެންކުމަކީ މުހިންމުކަމެކެވެ.

ފުރޮޅުން

އެންމެ ތުއްތުއިރު ކުދިންނަށް ފުރޮޅޭކަށް ނޭނގެއެވެ. ބައެއްކުދިން 3މަހާއި 4 މަހާދެމެދު ފުރޮޅެން ފަށައެވެ. ނަމަވެސް އާންމުކޮށް ކުދިން ފުރޮޅެނީ 5 މަހުގައެވެ. އެހެންކަމުން މިއުމުރުގައި ނިންދަވަން ބާއްވާއިރު ހާއްސަސަމާލުކަމެއްދޭންވާނެއެވެ. ކައިރީގައި ބާލީސްފަދައެއްޗެތި ނުބެހެއްޓުމާއި އެނދުން ވެއްޓިދާނެފަދަގޮތަކަށް ނުބޭއްވުމަށް ވިސްނަންވާނެއެވެ. ހަމަސް ފުރުމުންވެސް ނުފުރޮޅޭނަމަ ޑޮކަޓަރެއްގެ އިރުޝާދު ހޯދަންވާނެއެވެ. ނަމަވެސް އެކިކުދިން ހެދިބޮޑުވަނީ އެކި އުމުރުގައި އެކިމިންވަރަށްކަން އަބަދުވެސް ހަނދާން ބަހައްޓަންވާނެއެއެވެ.

އިށީނުން

ތަނެއްގައި ބޭންދުމުން އެއްޗެއްގެ އެހީއަކާއި ނުލައި އިށީންނަން ފަށަނީ 4 މަހާއި 7 މަހާއި ދެމެދުގައެވެ. 8 މަސްވާއިރު ގިނަ ކުދިންނަށް އަމިއްލައަށް އިށީންނަން އެނގެއެވެ. 9 މަހުގައި ވެސް ކުޑައިރުކޮޅަކަށްވެސް އިށީދެގެން ނީނދެވޭނަމަ އަވަހަށް ޑޮކްޓަރުގެ ލަފާހޯދަން ވާނެއެވެ.

ފިރުކުން

ބައެއްކުދިން އެއްގޮތަކަށް ވެސް ފިރުކޭކަށް ބޭނުމެއްނުވާނެއެވެ. ނުފިރުކުން އެއީ މައްސަލައެއްނޫނަކަމަށް ގިނަ ޑޮކްޓަރުންވެސް ބުނެއެވެ. އާންމުކޮށް ފިރުކެން ފަށަނީ 7 މަހާއި 10 މަހާދެމެދުގައެވެ. ބައެއްކުދިން އިށީނދެއިނދެގެން ފައި ދަމަމުން ފިރުކޭއިރު އަނެއްބައިކުދިން ބައުޖަހާފައި ވެސް ފިރުކެއެވެ. ފިރުކޭގޮތަކީ އެއްވެސް މައްސަލައެއްނޫނެވެ. މިއުމުރުގައި ފިރުކިފައި ގޮސް ގޮނޑި މޭޒު ކަހަލަ އެއްޗެތިގައި ހިފާފައި ތެދުވާން މަސައްކަތް ކުރެއެވެ. ބައެއްކުދިން ނުފިރުކި ތަންތަނުގައި ހިފާފައި ތެދުވެ ހިނގަން މަސައްކަތްކުރެއެވެ.

ފުރަތަމަ ބަސް

ބައެއް ތުއްތުކުދިން އެންމެ 4 މަހުގައިވެސް "މމމ" "ބބބ" ފަދަ އަޑުނެރެގެން މަންމަ ބައްޕަ ކިޔަން އުޅެއެވެ. ރަނގަޅަށް މިފަދަ ބަސްބަސް ކިޔަންފަށަނީ 6 މަހުގައެވެ. ނަމަވެސް އެއްވެސް މާނައެއްނެތި އެބަސްކިޔާފާނެއެވެ. ސީދާ މަންމައާއި ދިމާއަށް މަންމަ ނުވަތަ ބައްޕައަށް ބައްޕަ ކިޔަން އެނގެނީ އެއްއަހަރުވާފަހުންކަމަށްވެއެވެ. އުމުރުން އެއް އަހަރުވާއިރު އެއްވެސް އަޑެއްނުލައްވާ، މޫނަށް ނުބަލާ، ނަމުންގޮވުމުނަވެސް އިޖާބަ ނުދޭނަމަ ޑޮކްޓަރަށްދައްކަންވާނެއެވެ.

މިކަންތައްތައް މިހެން ހުރިނަމަވެސް އެކިކުދިންގެ ހެދިބޮޑުވާމިންވަރާއި ކަންތައްތައްކުރާއުމުރު ތަފާތުވާނެއެވެ. ބައެއްކުދިން މާއަވަހަށް ކަންތައްތައް ފަށާއިރު އަނެއްބައި ކުދިން ތަންކޮޅެއްލަސްވެދާނެއެވެ. އަދި ހާއްސަކޮށް ޕްރިމެޗުއާކޮށް ނުވަތަ ދުވަސްނުފުރާވިހާފައިތިބޭކުދިން ކަންތައްތައް ތަންކޮޅެއްލަސްވެދާނެއެވެ. ނަމަވެސް އާންމުކޮށް ކުދިންގެ ފަރާތުން މިއުމުރުތަކާއި އެއްގޮތަށް ހަަރަކާތްތައް ނުފެންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް 'ބެބީ ސެންޓަރުން' ލަފާދެއެވެ.



ހިޔާލު