Rizma ge busybook: Kuda kudhin screen aa dhuru kureveyne molhu gotheh!
image
ރިޒްމާ އަދި އޭނާ ތައްޔާރުކޮށްފައިވާ ބައެއް ތަކެތި--
3 ކޮމެންޓް
 

ރިޒްމާގެ ބިޒީބުކް: ކުޑަކުދިން ސްކްރީނާއި ދުރު ކުރެވޭނެ މޮޅު ގޮތެއް!

ކުޑަކުދިން މާ ގިނައިރު ސްކްރީނާ ދިމާލަށް ބެލުމުގައި ވަގުތު ހޭދަ ކުރުމަކީ އެކި ގޮތްގޮތުން އެ ކުދިންނަށް ގެއްލުން ހުރި ކަމެކެވެ. ނަމަވެސް ކުދިން މަޑުން ބޭތިއްބުމަށްޓަކާ ފޯނެއް ނުވަތަ ޓެބްލެޓެއް ދީފައި ވަރަށް ގިނަ މީހުން ބައިތިއްބަ އެވެ. މަންމައެއްގެ ހައިސިއްޔަތުން، މިކަަމަށް ހައްލެއް ހޯދުމަށްޓަކާ ރިޒްމާ އުފައްދަނީ "ކުއައިޓްބުކް" ނުވަތަ "ބިޒީބުކް" އެވެ.
މިއީ ފެލްޓްޕޭޕަރާއި ފޮއްޗާއި ކަރުދާސް އަދި ރިބަނާއި ރޭނދާ ފަދަ ތަކެތި ބޭނުންކޮށްގެން ތައްޔާރު ކުރާ އެއްޗެކެވެ. ކަވި މަަސައްކަތެއް ނަމަވެސް ރިޒްމާ ބުނާ ގޮތުން މިއީ ވަރަށް ޝައުގުވެރި މަަސައްކަތެކެވެ. ތުއްތު ކުދިންނަށް ހާއްސަކޮށްގެން ތައްޔާރު ކުރާ މި ފޮތުގެ އިތުރުން ވެސް، ޕެންސިލްކޭސް އަދި ކުޅޭ އެއްޗެހި ފެލްޓްޕޭޕަރާއި ފޮތި ބޭނުންކޮށްގެން ރިޒްމާ ތައްޔާރު ކުރެއެވެ.


ރިޒްމާ ހަދާފައިވާ ޕެންސިލްކޭހެއް--

ރިޒްމާ ސީއެންއެމްއަށް ކިޔައިދިން ގޮތުގައި މި މަަސައްކަތް ފެށުނީ، މަންމައަކު އެދުނު އެދުމެއްގެ މަތިން ތަޖުރިބާއަކަށް އެއް ފޮތް ހަދާލުމުން ލިބުނު ތަރުހީބުގެ ސަބަބުންނެވެ. މިހާރު މި މަސައްކަތް ކުރާތާ އަހަރެއްހާ ދުވަސްވެފައި ވާއިރު ރިޒްމާ ބުނި ގޮތުގައި ވިޔަފާރީގެ ގޮތުން ބަލާއިރު ވެސް މިއީ ފުދޭ ވަރަކަށް ފައިދާވާ ކަމެކެވެ.

ރިޒްމާ މި ތަކެތި ތައްޔާރު ކުރަނީ އޯޑަރު ދިނީމާ އެމީހަކު ބޭނުން ގޮތަކަށެވެ. އެ ކުއްޖަކު އެންމެ ކުޅޭ ހިތްވާ ކަހަލަ ގޮތަކަށެވެ.

މިގޮތަށް ފޮތް ތައްޔާރު ކުރަނީ ކުދިންގެ އެކި ހުނަރުތައް ތަރައްގީ ކުރުމަށް އެހީވެދޭ ގޮތަށް ކަމުގައި ރިޒްމާ ބުންޏެވެ. އެކި ބައްޓަންތައް ދަސްކުރުމާއި، އަކުރުތައް ވަކި ކުރަން އެނގުމާއި، ފޮރުވިފައި ހުންނަ އެއްޗެހި ހޯދުމާއި، އެކި ކުލަ ވަކި ކުރަން ދަސްވުމާއި އިނގިލީގައި ލައްވާ ޕަޕެޓް ވެސް މީގެ ތެރޭގައި ހިމެނެ އެވެ. މިއީ ކުދިންނަށް ވަރަށް ޝައުގުވެރި އެއްޗަަކަށް ވެސް ވަނީ ވެފަ އެވެ.



ކުރިން ރިޒްމާއަކީ ޓީޗަރެއް ނަމަވެސް ތިން ކުދިން ލިބުމުން، ކުދިންގެ ކަންތަކުގައި ބުރަކޮށް ގޭތެރޭގައި އުޅެމުން މިފަދަ ހުނަރެއްގެ ބޭނުން ހިފާ، ކުޑަކުދިންނާއި ބެލެނިވެރިނަށް ބޭނުންތެރި އުފެއްދުމެއް އުފެއްދުމަކީ ރިޒްމާ ހުސްގަޑީގައި ކުރާ ކަމެކެވެ. ރިޒްމާގެ މި އުފެއްދުން އިންސްޓަގްރާމާއި ފޭސްބުކްގެ "އަވަ ކްރާފްޓް" ޕޭޖުން އޯޑަރު ކުރެވެ އެވެ.

ރިޒްމާގެ މި މަސައްކަތަކީ މިފަދަ އެހެން މަންމައިންނަށް، ގޭގައި ތިބެގެން އުފެންދުންތެރި ކަމެއް ކުރުމަށް ލިބޭނެ ހިތްވަރަކަށް ވާނެ އެވެ. ސީއެންއެމްއިން ރިޒްމާގެ މި މަަސައްކަތަށް ކުރިއެރުން އެދެމެވެ.
ހިޔާލު

ހެހެ

ވައިކަރަދޫ އަންހެނުން ނަކީ ފިސާރި މުރާލި ބައެއް.

ހެޔޮއެދޭ

މާޝާﷲ. ރިޒޫގެ ތިޔަ މަސަައްކަތުގައި މާތްﷲ ބަރަކާތް ލައްވާށި. އާމީން.

ާައަލިީ

ސާބަހޭ ބުނެލާނީ