Turkey aai dhekolhah Syria sifain Kurdheennah ehee vanee
image
0 ކޮމެންޓް
 

ތުރުކީ އާއި ދެކޮޅަށް ސީރިއާ ސިފައިން ކުރުދީންނަށް އެހީ ވަނީ

ތުރުކީގެ އަސްކަރިއްޔާއިން ކުރުދީންނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ސީރިއާގެ ސިފައިން އެގައުމުގެ އުތުރު ބޯޑަރު ސަރަހައްދަށް ފޮނުވަން ސީރިއާ ސަރުކާރުން އެއްބަސްވެއްޖެ އެވެ.
ސީރިއާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓު ކުރާ ގޮތުގައި މިހާރު ސިފައިން ވަނީ އެގައުމާއި ތުރުކީ ގުޅޭ އުތުރުގެ ބޯޑަރު ސަރަހައްދަށް ގޮސްފަ އެވެ.

ތުރުކީއިން އެ ސަރަހައްދުގައި ހަމަލާ ދޭން ފެށީ ކުރުދީންގެ ސިފައިން ބޯޑަރު ކައިރިއަށް އަތްގަދަ ކުރުމަށް މަސައްކަތް ކުރާތީ އެވެ.

ކުރުދީންގެ ބާރުގެ ދަށުގައިވާ ތަންތަން އަނބުރާ ހޯދުމަށް މި ނިމުނު ހަފްތާ ބަންދުގެ ތެރޭގައި ތުރުކީން ވަނީ ވައިގެ ހަމަލާތަކެއް ދީފަ އެވެ. އަދި ދެ އަވަށެއް ވަނީ ތުރުކީގެ ކޮންޓްރޯލުގެ ދަށަށް ގެނެސްފަ އެވެ.

ހަމަލާތަކުގައި ތުރުކީ އާއި ކުރުދީންގެ ގިނަ އަދަދެއްގެ އާއްމުންނާއި، ހަނގުރާމަވެރިން ދަނީ މަރުވަމުންނެވެ. ހަމަލާތަކުގެ ސަބަބުން އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ނުފޫޒު އަނެއްކާ ވެސް ފެތުރިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

އެގޮތުން ކުރުދީންގެ އޮފިޝަލުން ބުނީ ސީރިއާގެ އުތުރުގައިވާ އައިން އިސާ ރެފިއުޖީ ކޭޕްމުގައި ތިބި އައިއެސް ހަނގުރާމަވެރި އާއިލާތަކަށް ނިސްބަތްވާ 800 އަށް ވުރެ ގިނަ މީހުން ފިލާފައިވާ ކަމަށެވެ.

ތުރުކީން ހަމަލާ ދޭން ފެށުމާއެކު އެ ސަރަހައްދުގައިވާ އެމެރިކާގެ ފައުޖުތައް ވަނީ އަނބުރާ ގައުމަށް ގެންގޮސްފަ އެވެ. އެކަމަކު ކުރުދީންނަކީ އައިއެސްއާ ދެކޮޅަށް ކުރި ހަނގުރާމައިގައި އެމެރިކާއަށް އެންމެ އެހީވި އެއް ބަޔެވެ.

ނަމަވެސް ތުރުކީން ދެކޭ ގޮތުގައި ކުރުދީންނަކީ ޓެރަރިސްޓުންނެވެ. އަދި ތުރުކީން ބޭނުން ވަނީ އެގައުމުގެ ބޯޑަރާއި 30 ކިލޯމީޓަރު ދުރަށް ކުރުދީން ޖެއްސުމަށެވެ.

ތުރުކީގެ ރައީސް ރެސެޕް ތައްޔިބް އުރުދުގާން ބޭނުންވެ ވަޑައިގަންނަވަނީ ތުރުކީގައި ތިބި 3.6 މިލިއަން ސީރިއާގެ ރެފުއިޖީން އެ 30 ކިލޯމީޓަރުގެ ސަރަހައްދަށް ބަދަލު ކުރާށެވެ.
ހިޔާލު