Dhah fenvarugai hidhumaih dhey konme faraathaka medhu fiyavalhu alhaanan: Minister Nahula
image
މިނިސްޓަރު ނަހުލާ-- ފޮޓޯ: ވަން އޮންލައިން
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

ދަށް ފެންވަރުގައި ހިދުމަތްދޭ ކޮންމެ ފަރާތަކާ މެދު ފިޔަވަޅު އަޅާނަން: މިނިސްޓާ ނަހުލާ

ރައްޔިތުންނަށް ފެންވަރު ދަށްކޮށް ހިދުމަތްދޭ ފަރާތްތަކާމެދު ފިޔަވަޅު އަލާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓްރު އެހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ޓްރާންސްޕޯޓު މިނިސްޓްރީން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކުރަން އުޅޭ ކަމުގެ ވާހަކަތަކަކާ ގުޅިގެން މެމްބަރަކު ސުވާލު ކުރެއްވުމުންނެވެ.

އެސުވާލަށް ޖަވާބު ދެމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ޓްރާންސްޕޯޓު މިނިސްޓްރީ އާއި ގުޅުންހުރި ހުރިހާ އޮފީހެއްގައި ހިދުމަތް ހޯދުމަށް އަންނަ ރައްޔިތުންނާ މެދު ނިކަމެތިކޮށް އަމަލުކުރާތަން ފެނުމަކީ ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި އެގޮތަށް ދަށް ފެންވަރުގައި ހިދުމަތްދޭ ކޮންމެ ފަރާތަކާ މެދު އެ މަގާމުގައި ހުރިހާ ދުވަހަކު ފިޔަވަޅު އަޅުއްވާނެ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

މީގެ ކުރިން ވަޒީފާއިން ވަކި ކުރުމުގެ ބިރު އެބަ އޮތް ކަމަށް ބުނެ، ޓްރާންސްޕޯޓު އޮތޯރިޓީގެ ގިނަ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ފޮނުވާފައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ 48 މުވައްޒަފުން ސޮއިކޮށްފައިވާ އެ ޕެޓިޝަނުގައި ބުނެފައި ވަނީ އެފަދަ ސިޓީއެއް ލިޔަން ޖެހުނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެ އޮތޯރިޓީގެ ގިނަ މުވައްޒަފުންތަކެއް ކަނޑާލުމުގެ ނިޔަތުގައި މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބުމުން ކަމަށެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ނަހުލާ ވިދާޅުވީ ކިތަންމެ ގިނަ ބަޔަކަށް ފިޔަވަޅު އަޅަން ޖެހުނަސް އެކަން ކުރައްވާނެ ކަމަށެވެ. އަދި އެތަނުގައި ގިނައީ "ހިތާމަވެރިކޮށް، ވަރަށް ދެރަވަރު ފެންވަރުގައި މަސައްކަތް ކުރާ ބޭފުޅުން" ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ޓްރާންސްޕޯޓު މިނިސްޓަރުގެ ޕާސަނަލް އެސިސްޓަންޓް ޖަޒްލާން މުހައްމަދު ވިދާޅުވީ، މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީގެ އެއްވެސް މުވައްޒަފަކު ކަނޑާލާނެ ކަމުގެ ބިރު އެއްވެސް މުވައްޒަފަކަށް ދައްކާފައި ނުވާ ކަމަށެވެ. ނަމަވެސް ހާޒިރީ އިން ފަރުވާ ކުޑަ ކަމަށް ފާހަގަކުރެވޭ މުވައްޒަފުންނާއި މެދު އަމަލު ކުރެވޭނީ ސިވިލް ސާވިސްގެ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށް ޖަޒްލާނު ވަނީ ވިދާޅުވެފަ އެވެ.
ހިޔާލު

ޖާދޫ

އައްސަރިބަހާ ސާބަސް. ޓްރާންސްޕޯޓް އޮތޯރިޓީ އަކީވެސް ވަރަށް ކޮރަޕްޓް އަދި ވަރަށް ފަރުވާ ކުޑަ ބައެއް ތިބޭ ތަނެއް. ފަރުވާ ކުޑަ މީހުން ގެޔަށް ފޮނުވާ ލަައިގެން ވިޔަސް ރައްޔިތުންނަށް ދޭ ޚިދުމަތް ފަސޭހަ ކަމާއެކު ދެވޭ ގޮތް ހެދުމަކީ މުހިންމު ކަމެއް. އިމިގްރޭޝަނުގެ ބޭރުމީހުންގެ ކަންތަކާއި ބެހޭ ބަޔަކީވެސް ވަރަށް ކޮރަޕްޓް އަދި ވަރަށް ފަރުވާ ކުޑަ ބައެއް އުޅޭ ތަނެއް.