Dengue fethurumuge furusathu bodu: HPA
image
ޑެންގީ ފަތުރާ އީޑީސް މަދިރިއެއް--
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ޑެންގޫ ހުން ފެތުރުމުގެ ފުރުސަތު ބޮޑު: އެޗްޕީއޭ

ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ޑެންގީހުން އިތުރުވުމަކީ އެކަށީގެންވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ސީއެންއެމް އަށް މައުލޫމާތު ދެމުން އެޗްޕީއޭ އިން ބުނީ ވިއްސާރަ މޫސުމާ ގުޅިގެން ޑެންގޫ ހުން ޖެހޭ މިންވަރު އިތުރު ވެދާނެތީ ސަމާލުވުން ވަރަށް މުހިންމު ކަމަށެވެ.

އެގޮތުން ޑެންގީފަދަ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުން ރައްކާތެރި ވުމަށް ކުރެވިދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި މަދިރި އުފެދި އާލާވާ ތަންތަން ނައްތާލަން މުހިންމެވެ. އެގޮތުން އުކާލެވިފައި ހުންނަ ދަޅު، ފުޅި ފަދަ ތަކެތި އެކަށީގެންވާ ގޮތުގައި ނައްތާލުމާއި ބާލިދީ ފަދަ ތަކެތިން ފެން ހުސްކުރުމަށް ފަހު ރަނގަޅަށް އުނގުޅާ ސާފުކުރުމުގެ އިތުރުން ޓަޔަރު އަދި ގަސްމުށި ފަދަތަކެތީގައި ލޯވަޅު އަޅާ ފެން ހަރުނުލާ ގޮތަށް ހެދުން މުހިންމެވެ.

އޭގެ އިތުރުން ބާލިދީ އަދި ތާންގީ ފަދަ ތަކެތި ރަނގަޅަށް މަތިޖަހާ ބަންދުކުރުމާއި ދިޔަދޮވި ފަދަ ތަންތަން ސާފުކޮށް ފެންހަރުނުލާ ގޮތަށް ހެދުން އަދި ފެންވަޅު އަދި ފެންގަނޑު ފަދަ ތަންތަނަށް މަދިރިފަނި ކާ ވައްތަރުގެ މަސް އެޅުން ވަރަށް މުހިންމެވެ.

އެޗްޕީއޭ އިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ވޭތުވެ ދިޔަ އަހަރު ތަކުގައި ޑެންގީ ހުން ޖެހިފައިވާ މިންވަރަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ގިނަކަމަށް ފާހަގަ ކުރެއެވެ. އަދި އޯގަސްޓް މަހާ އަޅާ ބަލާއިރު ސެޕްޓެމްބަރު މަހު ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ދަށް ކަމަށް ވެސް ރިޕޯޓުތަކުން ދެއްކިއެވެ.

އެގޮތުން މިއަހަރު މިހާތަނަށް ޑެންގޫ ހުން ޖެހިގެން 4141 ކޭސް ރިޕޯޓުކޮށްފައިވާއިރު މިދިޔަ މަހު ޑެންގޫ ހުން ޖެހިގެން 317 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.
ޑެންގޫ އެޗްޕީއޭ
ހިޔާލު