Hibalhidhoo massallaigai Fandiyaarun rishwath ah edhunu kan haama vejje
image
ބ. ހިބަޅިދޫ --
1 ކޮމެންޓް
 

ހިބަޅިދޫ މައްސަލާގައި ފަނޑިޔާރުން ރިޝްވަތަށް އެދުނުކަން ހާމަވެއްޖެ

ބ. ހިބަޅިދޫ މައްސަލަ ވަކި ގޮތަކަށް ނިންމުމަށް ފަނޑިޔާރުން ރިޝްވަތު ހުށަހެޅިކަން ހާމަވެއްޖެއެވެ.
މިކަން ހާމަވީ ދައުލަތުން ބަދަލު ދޭނެ އުސޫލުތަކެއް ކަނޑައެޅުމާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީއިން ކުރަމުން ދާ މަސައްކަތުގެ ތެރެއިން، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މާލިއްޔަތު ކޮމެޓީއަށް ހާޒިރުކޮށް މިއަދު ދެއްކެވި ވާހަކަތަކުގެ ތެރެއިންނެވެ.

މާލިއްޔަތު ކޮމެޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި ވިޔަފާރިވެރިންނަށް އޮތް އެންމެ ބޮޑު ހުރަހަކީ ޝަރުއީ ދާއިރާ ކަމަށެވެ. އެގޮތުން ވިޔަފާރީގެ މައްސަލަތައް ނިންމުމުގައި ފަނޑިޔާރުން ރިޝްވަތު ނަގާ ކަމަށް މިނިސްޓަރު އަލީ ވަހީދު ތުހުމަތު ކުރެއްވިއެވެ.

އެގޮތުން މިނިސްޓަރު އަލީ ވަހީދު ވަނީ ބ. ހިބަޅިދޫއާ ގުޅޭ ގޮތުން ކޯޓުގައި ހިނގި މައްސަލައެއްގައި ކަން ހިނގާދިޔަ ގޮތް ކޮމެޓީގެ މެންބަރުންނާއި ހިއްސާ ކުރައްވާފައެވެ. ހިބަޅިދޫއަކީ ލެޓްސް ގޯ މޯލްޑިވްސް ޕްރައިވެޓު ލިމިޓެޑަށް 2011ވަނަ އަހަރު ދިން ރަށެކެވެ. އަދި ރަށް ފަހުން ވަނީ ބިޒްނަސް މޯލްޑިވްސް ކުންފުނީގެ ނަމަށް ރަޖިސްޓްރީ ކޮށްފައެވެ.

އެރަށުގައި ފަތުރުވެރިކަން ތަރައްގީ ކުރުމުގެ ހުއްދަ ދީފައިވަނީ 2014ވަނަ އަހަރުއެވެ. ނަމަވެސް އެރަށުން 2015ވަނަ އަހަރު ހަތިޔާރުތަކެއް ފެނި ސަރުކާރުން އެރަށަށް ދިން ހުއްދަ ބާތިލްކުރިއެވެ.

އެއްބަސްވުން ބާތިލުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ބިޒްނަސް މޯލްޑިވްސްއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ކޯޓުން ވަނީ އެގޮތަށް ނިންމާފަ އެވެ. ނަމަވެސް ސިވިލް ކޯޓުގެ ނިންމުން ދައުލަތުން ވަނީ މަތީ ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ.

އެ މައްސަލާގައި ކަން ހިނގާދިޔަ ގޮތް ހިއްސާ ކުރައްވާ މިނިސްޓަރު ވިދާޅުވީ ބިޒްނަސް މޯލްޑިވްސް އަދި ލެޓްސް ގޯ ކުންފުނީގެ ވެރިޔާ މުހައްމަދު ރިޔާޒު ފަނޑިޔާރުންނަށް ރިޝްވަތު ނުދީފި ކަމަށްވާނަމަ އެހެން ގޮތަކަށް މައްސަލަ ނިންމާނެ ކަމަށް ފަނޑިޔާރުން ބުނެފައިވާ ކަމަށެވެ.

"މި ދެންނެވީ އިންސިޑެންޓާ އެއްކޮށް. ކޯޓުން އެބަ ބުނެޔޭ މިވެނި ވަރެއް ދައްކާށޭ، އޭރުން މައްސަލަ ނިންމާލަ ދޭނަމޭ ތިބޭފުޅާއަށް ރަނގަޅަށް،" މިނިސްޓަރު އަލީ ވިދާޅުވި އެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވުމުން ކޮމެޓީގެ މެންބަރުން ވަނީ އެ މައްސަލައަކީ ސީރިއަސް މައްސަލައެއްކަން ފާހަގަކުރައްވާފައެވެ. އަދި އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅައިގެން މައްސަލަ ބެލުމަށް މެންބަރުން ވަނީ މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ މިފަދަ ކަންކަން ހުއްޓުވުމަށް ރާއްޖޭގެ ޝަރުއީ ނިޒާމު ހަރުދަނާކޮށް އިސްލާހު ކޮށްދެއްވުމަށް މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ހިޔާލު

ޖުމްހޫރީ

ޢަލީ ވަހީދަކީ ސޮނޭވާ ޖާނީގެ ސްޓާފް އެއް ގެ މައްސަލަ ބަލަމުން ދަނިކޮން ސޮނޭވާ ފުއްޓަށް ދިޔަ މީހެއް