Anehkaa ves Economic Ministry dhoshugai bidheyseenge bodu Que eh
image
ގިނަ އަދަދެއްގެ ބިދޭސީން އިކޮނޮމިކް މިނިސްޓްރީ ދޮށުގައި ކިއުގައި-- ފޮޓޯ: ސީއެންއެމް
0 ކޮމެންޓް
 

އަނެއްކާ ވެސް އިކޮނޮމިކް މިނިސްޓްރީ ދޮށުގައި ބިދޭސީންގެ ބޮޑު ކިއުއެއް

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް ދެވަނަ ފުރުސަތެއް ދިނުމުގެ ގޮތުން ހިންގާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ބައިވެރިވުމަށް އަނެއްކާވެސް ގިނަ އަދަދެއްގެ ބިދޭސީން އިނޮކޮމިކް މިނިސްޓްރީ ދޮށުގައި ކިއުގައި ޖެހިއްޖެ އެވެ.
މިދިޔަ މަހުގެ ފަހުކޮޅު ފެށި މިޕްރޮގްރާމުގައި ބައިވެރިވުމަށް މީގެ ކުރިން ވެސް ވަނީ އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓު، ހިންގަމުން ގެންދާ ޕީޖީ އޮފީސް ކުރިން ހިންގި އިމާރާތް ހުރި ސަރަހައްދުގައި ގިނަ އަދަދެއްގެ ބިދޭސީން ކިއުގައި ޖެހިފަ އެވެ.

ކިއުގެ މައްސަލަ ބޮޑުވެ މި މަހުގެ ފަސްވަނަ ދުވަހު ވަނީ ގަލޮޅު ދަނޑުގައި ކައުންޓަރުތަކެއް ބަހައްޓައިގެން ނަމްބަރު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ. އެ ދުވަހު ވެސް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި މުޅި ދަނޑު އެއްކޮށް ފުރުނެވެ.

މިއަދު ހެނދުނުއްސުރެ އަނެއްކާވެސް އިކޮނޮމިކް މިނިސްޓްރީ ދޮށުގައި ބިދޭސީން ކިއު ހަދާފައިވާއިރު ސޯސަން މަގާ ހަމައަށް އެވަގުތު ކިއު އޮތެވެ. އަދި މިހާރުވެސް ގާތްގަނޑަކަށް 200 އަށް ވުރެ ގިނަ ބިދޭސީން އެ ސަރަހައްދުގައި ކިއުގައި އެބަތިއްބެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދުގެ ތެރެއަށް ވަނުމަށް ސަރުކާރުން ދީފައިވަނީ ހަ މަސް ދުވަހެވެ. އޭގެ ފަހުން ގަވައިދާ ހިލާފަށް އުޅޭނަމަ ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި ނުވަތަ ހުއްދައެއް އޮތް ނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ސައްހަ ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވަނުމަށް އިތުރު ފުރުސަތެއް ދިނުމުގެ ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ރާއްޖޭގައި 120،000 އަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން އުޅޭއިރު 60،000 އަށް ވުރެ ގިނަ މީހުންނަކީ އެއްވެސް ސައްހަ ލިޔުމެއް ނެތި ގަވާއިދާ ހިލާފަށް އުޅޭ މީހުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ހިޔާލު