Gaingayah naaraa balithah madhukuran dhivehinnakee Fit bayakah vaan jehey: WHO Maldives
image
މީހަކު ދުވަނީ
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ގައިންގަޔަށް ނާރާ ބަލިތައް މަދުކުރަން ދިވެހިންނަކީ ދުޔަހެޔޮ ސިއްހަތެއްގައި ތިބި ބަޔަކަށް ވާންޖެހޭ: ޑަބްލިއުއެޗްއޯ

ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ފަލަ ނުވަތަ މާބޮޑަށް ފަލަ މީހުން ކަމަށާއި ގައިންގަޔަށް ނާރާ ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމަށް ދިވެހިންނަކީ ދުޔަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ވާން ޖެހޭ ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން މޯލްޑިވްސް އިން ބުނެފި އެވެ.
ޑަބްލިއުއެޗްއޯ މޯލްޑިވްސްއިން ހެދި ދިރާސާއަކަށްފަހު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ރާއްޖޭގައި 40 އަހަރާއި 49 އަހަރާ ދެމެދުގެ އަންހެނުންގެ އާބާދީގެ 69 އިންސައްތައަކީ ފަލަ ނުވަތަ މާބޮޑަށް ފަލަ މީހުން ކަމަށާއި އެ އުމުރުފުރާގެ ފިރިހެނުންގެ 53 އިންސައްތައަކީ ވެސް ފަލަ ނުވަތަ މާބޮޑަށް ފަލަ މީހުން ކަމަށެވެ.

މިކަމަކީ ގައިންގަޔަށް ނާރާ ނުރައްކާތެރި ބަލިތައް ފެތުރޭނެ ކަމެއް ކަމުން ދުޔަހެޔޮ ސިއްހަތެއްގައި ތިބުމަށް ކަސްރަތު ކުރުން ފަދަ ކަންކަން ކުރަން ޖެހޭ ކަމަށްވެސް ބުނެފައިވެ އެވެ.

މީގެއިތުރުން ރާއްޖެއަކީ ދުޔަހެޔޮ ބަޔަކު އުޅޭ ގައުމަކަށް ހެދުމަށް ހަރަކާތްތެރިވެ އުޅޭ ބަޔަކަށް ވާން ޖެހޭ ކަމަށްވެސް ބުނެފައިވެ އެވެ.

ޑަބްލިއުއެޗްއޯ މޯލްޑިވްސްގެ ތަފާސްހިސާބާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވަނީ "މިޝަން ފިޓް މޯލްޑިވްސް" އަށް ވާސިލުވުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން މޯލްޑިވްސްއިން ތަރުހީބު ދީފައިވާތީ އެކަމަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ޑަބްލިއުއެޗްއޯ މޯލްޑިވްސްގެ ތަފާސްހިސާބުތަކުން އެނގިގެންދަނީ މީހާ މާބޮޑަށް ފަލަވުމުން ކުރިމަތިވާ ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަން ކަމަށެވެ. އެހެންކަމުން މިޝަން ފިޓް މޯލްޑިވްސް ކެމްޕެއިނާއެކު މުޖުތަމައުން ރަނގަޅު ބަދަލުތަކެއް އަންނަ މަންޒަރު ފެނިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖެއަކީ ރަނގަޅު ސިއްހަތެއްގައި ތިބި ދުޅަހެޔޮ ބަޔަކު ދިރިއުޅޭ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން "މިޝަން ފިޓް މޯލްޑިވްސް"ގެ ނަމުގައި ފަށާ ޕްރޮގްރާމުގައި ބޮލީވުޑްގެ މަޝްހޫރު ތަރި ސުނިލް ޝެޓީ އާއި އޭނާގެ ޓީމުން މަސައްކަތް ކުރާނެ ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. ރާއްޖޭގެ ފިޓްނަސް އެންބެސެޑަރެއްގެ ގޮތުގައި ވެސް ސުނިލް ޝެޓީ ވަނީ ހަމަޖައްސާފަ އެވެ.

އަތޮޅު ތެރޭގެ ރަށްތަކުގައި ދިރިއުޅޭ މީހުންނަކީ ވެސް ދުޔަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ހެދުމުގެ މަގްސަދުގައި ރަށްރަށަށްވެސް ވަނީ ސްޕޯޓްސް ކައުންސިލަރުން ހަމަޖައްސާފަ އެވެ. އެގޮތުން އެމީހުން އަންނަނީ ތަފާތު އެކި ކަސްރަތު ޕްރޮގްރާމުތައް ވެސް ހިންގަމުންނެވެ.
ހިޔާލު