Fehendhoo ge kuri magu, raajjeyge furathama guest village!
image
ފެހެންދޫ-- ފޮޓޯ: ބުކިން.ކޮމް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ފެހެންދޫގެ ކުރިމަގު، ރާއްޖޭގެ ފުރަތަމަ ގެސްޓު ވިލެޖު!

ބ. ފެހެންދޫއަކީ އާބާދީގެ ގޮތުން ބ. އަތޮޅުގައި އޮތް އެންމެ ކުޑަ ރަށެވެ. އެންމެ 302 މީހުން ދިރިއުޅޭ އެ ރަށުގެ ރައްޔިތުން އަސާސީ ގިނަ ހިދުމަތްތަކުން ވެސް މަހުރޫމްވެފައިވާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ރަށުގައި ސްކޫލެއް ނެތެވެ. ރަނގަޅު ސިއްހީ ނިޒާމެއް ނެތެވެ. ނަމަވެސް އެ ރަށު ރައްޔިތުންގެ އުންމީދެއް ނުގެއްލެއެވެ.
އަސާސީ ހިދުމަތްތަކުން މަހުރޫމުވެފައިވީ ނަމަވެސް ފެހެންދޫ އަށް ވަނީ ބޮޑު ނަސީބެއް ލިބިފަ އެވެ. ބޮޑު ފަޅެއްގެ ތެރޭގައި ވަކިން އޮތް އެކަނިވެރި ފެހެންދޫއަށް ލިބިފައިވާ އެންމެ ބޮޑު އެއް ނަސީބަކީ ރަށުގެ ގުދުރަތީ ރީތި ކަމެވެ. ފެހެންދުއަށް ޒިޔާރަތް ކުރާ ކޮންމެ މީހަކު ވެސް އެ ރަށުގެ ހިތްގައިމު ގޮނޑުދޮށާއި ޗާލު މޫދު ފެނިފައި އާޝޯހު ވާނެ އެވެ. ފަތުރުވެރިންގެ ސަމާލުކަން ވެސް ލިބޭނެ ވަކި އެހެން ކަމެއް އޮންނާނެ ހެއްޔެވެ؟ ހަމަ އެހެންމެ ތާރީހީ މުހިންމު ހާދިސާތަކާއި ގުޅިފައިވާ ފެހެންދޫއަކީ ފަތުރުވެރިންނަށް ކިޔައިދެވޭނެ ޝައުގުވެރި ވާހަކަތަކެއް ވެސް އޮތް ރަށެކެވެ.


ފެހެންދޫ ސްޓޭ-- ފޮޓޯ: ޕިއާ އައިލެންޑްސް

މީސްކޮޅު ކިތަންމެ މަދު ކަމުގައި ވިޔަސް ފެހެންދޫ އަކީ އެކުވެރި، އެއްބައިވަންތަ ބައެއް ދިރިއުޅޭ ރަށެކެވެ. ފެހެންދޫ ރައްޔިތުންގެ މެހެމާންދާރީ ފެނިފައި ރަށަށް އަންނަ ކޮންމެ މީހަކު ވެސް ދެވަނަ ފަހަރަށް އެ ރަށަށް ޒިޔާރަތް ކޮށްލަން ހިތް އެދޭނެ އެވެ. ރަށު ރައްޔިތުން އެ ރަށުގެ ތަރައްގީ އަށް ކުރާ އުންމިދުތަކުގައި ދިރުން އެބަ ހުއްޓެވެ. އެ އުންމީދުތަކުގައި ދިރުން ހުރިކަމުގެ އެންމެ ބޮޑު ހެއްކަކީ މިއަދު އެ އެރަށަކީ ފަތުރުވެރިަކަމުގެ ދާއިރާ އަށް ބަލާއިރު ތިޔާގި ރަށަކަށް ވުމެވެ.

ގެސްޓްހައުސް ވިޔަފާރި ހިންގުމުގެ ޝައުގުވެރިކަން ހުރި ކިތަންމެ ބަޔަކު މި ދާއިރާއަށް ނުކުމެފައި ވާތީ އެވެ. އާމްދަނީ ހޯދޭނެ ގިނަ މަގުތަކެއް އެ ރަށުގައި ތަނަވެސްވެފައި ނެތް ނަމަވެސް ފަތުރުވެރިކަން ތައާރަފްވެގެން ދިޔުމާއެކު ރަށަށް އިތުރު މުއްސަނދިކަމެއް ގެނުވި އެވެ.

ފެހެންދޫގައި މިހާރު ވެސް ތިން ގެސްޓްހައުސް ހިންގަމުން އަންނައިރު ކުރިއަށް އޮތް އަހަރުތަކުގައި ގިނަ ގެސްޓްހައުސްތައް ހުޅުވިގެން ދާނެ ކަމަށް ރަށު ކައުންސިލުން ލަފާކުރެ އެވެ.

ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް ސީއެންއެމް އަށް ވިދާޅުވީ އަމާޒަކީ ގެސްޓް ވިލެޖެއްގެ ގޮތުގައި ފެހެންދޫ ތަރައްގީވެގެން ދިޔުން ކަމަށާއި ކައުންސިލުން އެކަމަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގައެވެ.

''އަމާޒެއް އެއީ ގެސްޓް ވިލެޖެއްގެ ގޮތުގައި މި ރަށް ތަރައްގީ ވެގެން ދިއުން. އަޅުގަނޑުމެން ކައުންސިލުން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނަން،" މޫސާ ވިދާޅުވި އެވެ.


ވައިޓް ލެގޫން-- ފޮޓޯ: ޓްރިޕް އެޑްވައިޒާ

ރަށުގެ ހުސް ގޯތިތައް އެ ގޯތިތަކުގެ ވެރިންނާ ވާހަކަ ދެއްކުމަށްފަހު ގެސްޓް ހައުސް އަޅަން ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ބިންތައް ހަމަޖެއްސޭނެ އުސޫލެއް ވެސް އެކުލަވާލާނޭ ކަމަށް މޫސަ ވިދާޅުވި އެވެ. މިހާރު ވެސް ބެޑް ކެޕޭސީޓީ 50 އަށްވުރެ މަތީގައި ހުރި އިރު މިއަންނަ އަހަރު ޖެނުއަރީގައި އިތުރު ގެސްޓްހައުސްތައް ހުޅުވިގެން ދާނެ ކަމަށް ކައުންސިލުން ބުނެ އެވެ.

އެ ރަށުގައި އެންމެ ގަދައަށް ހިންގަމުން ގެންދާ އެއް ގެސްޓްހައުސް ކަމަށްވާ ޓްރޮޕިކަލް ވިލެޖްގެ މާކެޓިން އެންޑް ރިޒަވޭޝަން މެނޭޖަރު އަބްދުﷲ މުފީދު ސީއެންއެމް އަށް ވިދާޅުވީ ލޯކަލް ޓޫރިޒަމަކީ ރަނގަޅު ގޮތުގައި ހިންގައިފި ނަމަ އެ ހިންގާ ފަރާތްތަކުގެ އިތުރުން ރަށުގެ ރައްޔިތުންނަށް ވެސް އޭގެން މަންފާ ކުރާނެ ކަމެއް ކަމަށެވެ.


ޓްރޮޕިކަލް ވިލެޖް-- ފޮޓޯ: ބުކިން.ކޮމް

"ލޯކަލް ޓޫރިޒަމަކީ ރަނގަޅު ގޮތުގައި ހިންގައިފިއްޔާ ރަނގަޅު ފައިދާތަކެއް ކުރާނެ ކަމެއް. ހިންގާ ފަރާތްތަކަށް އެކަންޏެއް ނޫން. ރަށުގެ ރައްޔިތުންނަށް ވެސް ފައިދާ ކުރާނެ ކަމެއް،" މުފީދު ވިދާޅުވި އެވެ.

ފެހެންދޫގެ ފަތުރުވެރިކަމުގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުގެ އެއްބާރުލުން ވެސް ލިބޭކަން ފާހަގަކުރަމުން މުފީދު ވިދާޅުވީ ބ. އަތޮޅަކީ މާލޭ ފިޔަވައި ފަތުރުވެރިކަން އެންމެ ފުޅާ ދާއިރާގައި ހިންގަމުން އަންނަ އަތޮޅު ކަމުގައެވެ. މުފީދު އިތުރަށް ބުނީ ދަތުރުފަތުރުގެ ކަންތައްތަކާއި ގާބިލް މުވައްޒަފުން ނުލިބުމާއި ތިމާވެށީގެ މައްސަލަތައް ފަދަ ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

އާބާދީ ކުޑަ ފެހެންދޫ އަށް ލިބިފައިވާ ރީތި ކަމުގެ ބޭނުން ރަށު ރައްޔިތުން ދަނީ އެންމެ އެދެވޭ ގޮތުގައި ހިފަމުންނެވެ. އެންމެން މަސައްކަތް ކުރަމުން ދަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ނައްތާލާ އެ ދާއިރާއަށް އަލިވިލުމެއް ގެނެސްދޭށެވެ. އެކަން ކާމިޔާބު ކުރުމަށް ޓަކި ޖަހަން ޖެހުނު ކޮންމެ ދޮރެއްގައި ވެސް ޓަކި ޖެހުމަށް ފެހެންދޫ ރައްޔިތުން ތިބީ ތައްޔާރުގައެވެ.
ހިޔާލު