VAAHAKA: Dhin Ufaa Loabin
image
ފުނަމާ
0 ކޮމެންޓް
 

ވާހަކަ: ދިން އުފާ ލޯބިން

(21 ވަނަ ބައި)
ކުރެވުނު ހުރިހައި އުއްމީދެއް އޮޔާއެކު ޣަރަގުވީ ހެއްޔެވެ؟ އަމިއްލަ ނަސީބާމެދު ސިކުނޑީގައި ޝަކުވާ އުފެދުނެވެ. ނިކަމެތި އަންހެނަކަށް އެހީވުމަށް އުމުރުގައިވެސް ލިބުނު މިއީ ފުރަތަމަ ފުރުސަތެވެ. އެ ނަސީބުވެސް މުސްކާންގެ ހަޔާތުން ބީވެދިޔައީ ހެއްޔެވެ؟ ގައިގައި އެއްވެސް އާރެއް ބާރެއް ނެތް މީހަކުފަދައިން ވެއްޓިގަތެވެ. ގޮނޑިއާއި އަމާޒުވިކަން އެއީ މުސްކާންގެ ނަސީބެވެ. ނޫންނަމަ، ބޮޑު އަނިޔާއެއްވުން އެކަށީގެންވެއެވެ. ކޯތާފަތް ހުރަސްކޮށްލި ކަރުނައިގެ ހޫނު ތިކިތައް މުސްކާންގެ ދެއަތުން ފޮހެލިއެވެ. ހިތްދިރުވާލުމަށްފަހު އެސްފިޔަޖަހާލިއެވެ. ނޭފަތް އެތެރެއަށް ދަމާލަމުން، ގުދުވެލާފައި ދަބަހުގެ ތެރެއިން ނެގީ ފޯނެވެ. ވިސްނާލުމެއްނެތި ގުޅާލިއެވެ.

"ބައްޕާ..! އޭނަގެ ހާލު މާބޮޑަށް ދަށަށްދަނީ.." މުސްކާން ވަރަށް ބާރަށް ރޮއެގަތެވެ. ހޮސްޕިޓަލެއްގައި މީހަކު ރުއިމަކީ އެއްވެސް މީހަކަށް އާކަމަކަށް ނުވާތީ، އެވަގުތު މުސްކާން ވަށައިގެން އުޅުނު އެކަކުވެސް މާބޮޑު ސަމާލުކަމެއް ނުދިނެވެ. ރޮމުން ބައްޕައާއި ވާހަކަދެއްކީ މުސްކާންގެ ގާތްތިމާގެ މީހަކު ނުވަތަ ފެނިދެނިވެއުޅޭ މީހެއްގެ ހާލަތާއިމެދު ހިތާމަކުރާ ފަދައިންނެވެ.

"ދަރިފުޅާ! ތިހެންވެދާނެތީ، ބައްޕައަށް ބުނެވުނީ ދަރިފުޅަށް ނޫފުލޭވަރުގެ ބުރައަކާއި ޒިންމާނުވައްޗޭ.. ދަރިފުޅު ރޮންޏާ ބައްޕައަށް ކިހިނެއްވާނީ؟ ތިއީ ބައްޕަގެ ފުރާނައޭ ދޫންޏާ" ދަރިފުޅުގެ ގިސްލުމުން ނަޔާލް ރޮއްވާލިއެވެ.

"މީހެއްގެ ފުރާނައިގައި ނުހިފެހެއްޓޭނެ ދޯ ބައްޕާ.. އެކަމަކު އެންމެ ފަހު ވަގުތައްވެސް އުއްމީދުކުރުމަކީ އިންސާނުންނަށް އޮތް އިޚްތިޔާރެއް.. މުސްކާން އަދިވެސް އުއްމީދުކުރަން.. އޭނާއަށް އަމިއްލަ ފައިމައްޗަށް ކޮޅަށް ހުރެވޭ މަންޒަރު ނުފެނުނަސް.. އަމިއްލަ ބާރުގައި އެސްފިޔަތައް ދުރުކޮށްލާފައި، ދެތުންފަތް ހަރަކާތްކޮށްލާ މަންޒަރު ދެކެން ބޭނުން.." މުސްކާން ވާހަކަދެއްކީ ވަރަށް ހިތްވަރުކޮށްފައެވެ.

"ބައްޕައަށް ވެވެންއޮތް ހުރިހައި އެހީތެރިކަމެއް ދަރިފުޅަށް ދޭނަން.. ބައްޕަބޭނުމީ، މުސްކާން ހެޔޮހާލުގައި ހުރުން.. ހޮޓެލްއަށް ގޮސް، ފެންވަރައިގެން ރަގަޅަށް ކާލައިގެން ދަރިފުޅު އަންނަންވީނުން.. މާމައާއި ކާފަވެސް މިހާރު ހިނގައްޖެ ދަރިފުޅުގާތަށް.. އިރުކޮޅެއް ނަގާނެ ތިހިސާބަށް ދެވެން.. ހިތްވަރުކޮށްލާ.. ތިއީ ބައްޕަގެ ހުރިހައިވެސް އުއްމީދަކީ.. ދަރިފުޅު ކޮންމެ ކަމަކާއި ކުރިމަތިލިޔަސް އެކަމެއް ޙާޞިލްކުރާނެކަން ބައްޕައަށް ޔަގީން.. ބައްޕަގެ ހަޔާތުގައިވެސް ނުދެކެން ދަރިފުޅު ވަރުގެ ހިތްވަރުގަދަ ކުއްޖެއް! ތިޔައީ ދުނިޔޭގައި ހުރި އެންމެ ހިތްވަރުގަދަ ކުއްޖާ" ޔަނާލްގެ ފަހު ޢިބާރާތުން މުސްކާންގެ މޫނަށް ބަދަލުތަކެއް އަތުވެއްޖެއެވެ. ދެބުމަ ގާތްކޮށްލިއެވެ. އެސްފިޔަތަކުގެ ހަރަކާތް ހުއްޓުވާލިއެވެ. ކޯތާފަތް ފޮހެލިއެވެ.

"ނޫނޭ ބައްޕާ...! މުސްކާންއަށްވުރެން ހިއްވަރުގަދަ އަންހެންކުއްޖަކު، މީގެކުރިންވެސް ބައްޕައާއި ދިމާވިދޯ.. ކިތަންމެ ފަހަރަކު އެވާހަކަ ބައްޕަވަނީ ކިޔައިދީފައި " ވަރަށް ސީރިއަސްކޮށް މުސްކާން ބުނެލިއެވެ.

ޔަނާލްއަށް ކޮޅަށް ތެދުވެވުނެވެ. ތެދެކެވެ! މާ ހިތްވަރުގަދައެވެ. މުސްކާންއަށްވުރެން މާ ކުޅަދާނައެވެ. މުޅި އުމުރުގައި ވޭން އުފުލިއެވެ. އަނިޔާއާއި ވޭނުން ގުނަވަންތައް ކޮށެމުންދިޔައިރުވެސް އާހްގެ ވިންދެން، އެހެންމީހަކަށް އަޑުއިވުނަ ނުދިނެވެ. ހުރިހައި އަނިޔާއެއް ތަހަންމަލްކުރީ އެކަނިމައި އެކަންޏެވެ. ބިރުވެރިކަމުގެ ދުނިޔެ ވެއަތުކުރީ، ކަރުނައިގެ ފުން ކަނޑެއްގައެވެ. އައްސޭރިޔަކަށް ދީލާލާނެކަމުގެ އެއްވެސް އުއްމީދެއް ނެތް، އެކަނިވެރިކަމެއްގައެވެ. މަދު ދުވަސްކޮޅެއްގެ އުފަލެއް ނޫނީ އެއަންހެން ކުއްޖާއަށް ދުނިޔެއިން ލިބިފައި ނެތްކަން ޔަނާލް ގަބޫލުކުރެއެވެ. އެއީ ނިމާއެވެ. ޔަނާލްގެ ނިމާއެވެ. ދުނިޔެއަށް ސިއްރުން އުފާތަކެއް ހާސިލްކުރިއެވެ. ޔަނާލްގެ އަތުގެ ތެރޭގައެވެ. އެކަކު އަނެކަކުގެ ވިންދާއި ގުޅި ލާމިގެންނެވެ. އެއީ ލޯތްބެވެ. އިންތިހާ ލޯތްބެވެ.

"އާން..! އެއީ ދަރިފުޅުގެ މަންމަ.. ބައްޕަގެ.." އިތުރަށް ވާހަކަދައްކާނެ ހަކަތައެއް ޔަނާލްގެ ހަށިގަނޑުގައި ނެތެވެ. ބޭނުމީ އެކަނިވެލާށެވެ. މުސްކާންގެ ފޯނު ބޭއްވީ ދާދި އަވަހަށް ގުޅާނަންކަމަށް ބުނެފައެވެ.

ހަމައެވަގުތު، މުސްކާންގެ ކުރިމަތީން އެގެންދިޔައީ، ބަލިމީހާއެވެ. ޑޮކްޓަރުންނާއި ނަރުހުން ދުވެފައި ކަހަލަ ގޮތަކަށް އެގެންދިޔައީ ކޮންތާކަށް ބާއެވެ. އުފެދުނު ސުވާލާއެކު މުސްކާން ހުރީ ކޮޅަށް ތެދުވެއެވެ.

"މެޑަމް.. ތިއޭޓަރ.. ކަމް ފާސްޓް.. ގޯ ނާރސް ސްޓޭޝަން" ނާރސްއަށް ބުނެވުނީ އެވަރަށެވެ.

ސުވާލެއް ކުރާނެ ފުރުސަތެއް ނުލިބުނެވެ. ހަދަންވީ ގޮތެއް މުސްކާންއަށް އޮޅިއްޖެއެވެ. ދާންވީ ތިއޭޓަރަށް ހެއްޔެވެ؟ ނުވަތަ ނާރސް ސްޓޭޝަނަށް ހެއްޔެވެ؟ ވިސްނާލަމުން މުސްކާން ދުއްވައިގަތީ ނަރސް ސްޓޭޝަނާއި ދިމާއަށެވެ. ބެލެނިވެރިއެއްގެ ސޮއެއް ނެތި އޮޕަރޭޝަން ނުކުރެވޭނެކަން މުސްކާންއަށްވެސް އެގެއެވެ. އެ ހުއްދަ ދޭން ހުރީ ހަމައެކަނި މުސްކާންއެވެ. ރާޖޫވެސް ފެންނާކަށް ނެތެވެ. ހުރިހައި ޒިންމާއެއް ނަގާނީ މުސްކާންކަމަށް ލިޔުމަކުން، ރޭގައި ވަނީ އެއްބަސްވެފައެވެ. ނަޔާލް ހިތްހަމަނުޖެހުނީވެސް އެކާމާއެވެ.

***

އެތައް އަހަރަކަށްފަހު ޔަނާލްގެ ކުރަހާ ސާމާނު ނަގައިފިއެވެ. ކުރެހި ތަސްވީރުތައް ވީދާލާފައި ކުނިވަށިގަނޑަށް އެޅިޔަސް، އެކަމަށް ބޭނުންކުރާ ހުރިހައި އާލާތެއް އަދިވެސް އެހުރީ ސަލާމަތުންނެވެ. ހުޅުވާލި ފޮށީގެ ތެރެއިން، ޔަނާލް ބޭނުންވާ ތަކެތި ނެގިއެވެ.

***

ނިކަން ބާރަށް ހިނގާފައި މުސްކާންގެ މިސްރާބުހުރީ، އޭނާގެ ޒިންމާ އަދާކުރުމާއި ދިމާއަށެވެ. ފޯމްތައް ލިބުމުން، މުސްކާން ބަލައިލިއެވެ. ފުރަތަމަ ނަޒަރުން ލޮލުގައި އަޅައިގަތީ، އޭގައި ލިޔެފައި ނަމެވެ. "ފާތިމާ"..

"ފާތިމާ..!" ދެފަހަރަކު މުސްކާންއަށް އެނަން ކިޔާލެވުނެވެ.

މުސްލިމެކެވެ. ނަމަވެސް މުސްކާން ހައިރާންވީ ހަމައެކަނި ފާތިމާ ލިޔެފައިވާތީއެވެ. ބައްޕަގެ ނަމެއް ނުވަތަ، ފާތިމާއާއި ގުޅުވާފައި އޮތް އެހެން އެއްވެސް ނަމެއް ނެތެވެ. އެމީހުން ފުރަންޖެހޭބައި ފުރިހަމަކޮށްފައި އެއޮތީ ރާޖޫގެ މައުލޫމަތަށް ބިނާކޮށްފައެވެ.

މުސްކާންގެ ނިއްކުރީގައި އަމިއްލައަށްޖަހައިލިއެވެ. އެހުރިހައި އިރުވީއިރު ބަލިމީހާގެ ނަން އޮޅުންފިލުވުން މުސްކާންއަށް މުހިއްމު ނުވީތީއެވެ. ދީދީ ނޫން އެއްޗެއް ރާޖޫ ނުކިޔައެވެ. ނަމެއް އަހައިލުން މުހިއްމުނުވީ އެސަބަބަށްޓަކައިކަމަށް ވެދާނެއެވެ.

މާމަ ގުޅީ ލިޔެކިޔުންތައް ނިންމާފައި ތިއޭޓަރ ކުރިމަތީގައި ހުރި ގޮނޑިބަރީގައި މުސްކާން އިށީންފަހުންނެވެ.

***

ވަޒީފާއެއް ހޯދުމަށް ޝެނީންކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. ކުޑަމިނުން ޑިގްރީއެއްވެސް ނެތަތީވެ، އެކަމަށް ގިނަހުރަސްތަކެއް އެބައޮތެވެ. ރީތިކަން ބޭނުންކޮށްގެން ބައެއްކަންކަން ޙާޞިލްކުރެވުނަސް، ޝެނީންގެ ނަސީބުގެ ތަރި އޮއްސުނީ އޭނާގެ ސޫރައާއިމެދު އަމިއްލަ ނަފުސުވެސް ނަފުރަތުކުރުވާ މިންވަރަށެވެ. ޝަރީފު ގެއްލި ދިޔުމުގެ ހިތްދަތިކަން ޝެނީންގެ ހަޔާތް އަނދިރި ކުރުވީ ކަމަށް ގަބޫލުކުރަން މަޖުބޫރެވެ. ޔަނާލް ގުޅާފައި ނިކަން ރަގަޅަށް އެއްޗެހިކިޔާލިއެވެ. އެކަމާ އަދިވެސް ވިސްނެނީއެވެ. އިތުރު އެހީއެއްވެސް ދެން ނުވާނެކަމަށް ބުންޏެވެ. ހުރިހައި މަގެއް ބަންދުވީއެވެ.

ނުކުރަންޖެހޭ އެތައްކަމެއް ޝެނީން ކޮށްފިއެވެ. އަބުރާ އިއްފަތްތެރިކަންވެސް ވިއްކައިފިއެވެ. ބިރުވެރިކަމާއި ބޭޒާރުވުން ނޫނީ ޙާޞިލްވި އެއްޗެއް ނެތެވެ. ނުދަންނަ މީހުންނާއެކު ކުރެވުނު ކަންކަމުން އެމީހުން ނެގިފައިދާއެއް ޝެނީންއަށް އިޙްސާސްވެސް ނުކުރެވުނީއެވެ. ލިބެމުންދިޔަ ބިރުވެރި ކޯލްތަކާއި އިންޒާރުތަކުން މިންޖުވާން ބޭނުމެވެ. އޮތީ އެންމެ ހައްލެކެވެ. ނަމަވެސް އެކަމަށްވެސް ފައިސާ ބޭނުންވާނެއެވެ. ނުވަތަ ދެއިރު ދެދަޅައަށް ކާބޭހެއް ފަދައިން އެތަނަކަށް ހިނގަންޖެހޭނެއެވެ. އެއީ މާބޮޑު ތަކުލީފެކެވެ. މީހެއްގެ އެހީތެރިކަން ނެތި ކުރެވޭވަރަށްވުރެން ބޮޑުކަމެކެވެ. ޔަނާލްބުނި ފަދައިން، ޝެނީންއަށް އޮތީ އެންމެ ގޮތެކެވެ. ލޯމަރާފައިވެސް ރަށަށް ދިއުމެވެ.

ރުޅިގަދަވެގެން ދެލޮލުން ފެންއަންނަނީއެވެ. އަމިއްލަ ރަށުގެ ދޯންޏެއް ހޯދަންވެސް ގުޅާނެ މީހަކު ނުވިސްނުނެވެ. ރާއްޖެތެރެއަށް ނިސްބަތްވީތީވެސް ޝެނީން ނަފްރަތުކުރެއެވެ. މަންމަ ނޫން އެހެންމީހެއްގެ އެހީތެރިކަން މިވަގުތު ނުލިބޭނެކަން ގަބޫލުކުރަން ޝެނީންއަށް މަޖުބޫރުވީއެވެ.

***

ހަތަރުގަޑިއިރު ފާއިތުވެއްޖެއެވެ. ކާއެއްޗެއް ކާލަންވެސް މުސްކާން ހޮސްޕިޓަލުން ނުނިކުތެވެ. ބޭރަށް ނިކުމެ، ކޮންމެވެސް ކާއެއްޗެއް ދޭތެރެއަކުން ޒަމީލް އެބަގެނެސްދެއެވެ. މުރުޝިދާގެ ބޮލަށް އުދަގޫވެފައި އެއިންނަނީ މުސްކާން އެތަނުން ނުނިކުމެގެންނެވެ.

"ދަރިފުޅާ... މާމަ ހަމަ ކޮސްވެއްޖެ! ދަރިފުޅު ތިޔަހެން އުޅޭނެކަން އެނގުނުނަމަ، މިދަތުރުގައި ދަރިފުޅު އައުމާމެދުވެސް މާމައަށް ދެކޮޅުވެވުނީސް.. އެމީހެއްގެ ނިކަމެތިކަން އެމީހަކަށް ދޫކޮށްލާފައި ދަރިފުޅަށް ދެވިދާނެ ނޫންތަ" މުސްކާންގެ މޫނަށް ބަލައިލަމުން މުރުޝިދާ ބުނެލިއެވެ. މުސްކާންގެ ވަރުބަލިކަން މުރުޝިދާއަށް ފެނެއެވެ. ނިދިމަދުވެފައިވާ ދެލޮލުގެ އެސްފިޔަތައްވަނީ ލޮޑުވެފައެވެ. ނަމަވެސް މުސްކާންގެ ހިތްވަރަށް ކުޑަވެސް ބަދަލެއް ނާދެއެވެ.

"މާމާ.. ނިކަމެތިކަމަކީ ލޭބަލްއެއް ނޫން.. އެއީ އެއްވެސް މީހަކު އަމިއްލައަށް ލިބިގަންނަ ކަމެއްވެސް ނޫން.. އަނދިރީގެ ތެރެއިންވެސް ފާތިމާގެ ހަމަހިމޭންކަން އަހަންނަށް އިޝާރާތްކުރިހެން ހީވި.. މާމާ! ވަރަށް ބަލިމީހެއް އެއީ.. ފަރުވާ ނުލިބިގެން ހާލުދެރަވެފައިވާކަން ޔަގީން.. އެހެންނޫންނަމަ، އެވަރެއް ނުވާނެ ދޯ.. ހިތައް އަރަނީ، ކޮންމެވެސް އިމްތިހާނެކޭމިއީ.. ހިތެއް އެއްބަހެއްނުވޭ، ފާތިމާ ދޫކޮށްލާފައި މުސްކާން ހަމަޖެހިގެން ނިދަން އޮންނަން.. ހުވަފެނުގައިވެސް ފެންނާނެ.." ތިއޭޓަރގައި ދިއްލާފައިވާ ބޮތްކަށް ބަލާލަމުން މުސްކާން އިސްޖަހަލިއެވެ.

"ދަރިފުޅުގެ ނުތަނަވަސްކަން ކާފައަށް ވިސްނޭ.. އެކަމަކު އިއްޔެއިން ފެށިގެން އަރާމެއްނެތި ތިއުޅެނީ.. ދަރިފުޅު ބަލިވެއްޖިއްޔެއްޔާ، ކަރުނައަޅާނެ ކިތައް މީހުން އެބަތިބި؟" އެއްޗެއް ނުބުނަން އިނދެފައިވެސް ޒަމީލް ބުނެލިއެވެ.
"ކާފާ.. ތިއީ ތެދެއް! ކާފައާއި މާމާއާއި ބައްޕަގެ ލޮލުން ކަރުނަ ނުހިކޭނެ.. އެކަމަކު ފާތިމާގެ ހާލަށް ހަމްދަރުދުވާނެ ހަމަ އެންމެ މީހަކުވެސް މިދުނިޔޭގައި ހުރިކަމެއް ނޫނީ ނެތްކަމެއްވެސް ނޭގެ.. ފަރުވާލިބިގެން އެއޮތް ހާލުން އޭނާއަށް ލުއި ލިބިއްޖެއްޔާ، ﷲ އިރާދަކުރައްވައިގެން، އަހަރެން ބަލާނަން އެހީގެ އަތެއް ދިއްކޮށްލެވޭތޯ އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް ހާލުބެލޭތޯ މަސައްކަތް ކުރާނަން" ކާފައަށް ބަލަމުން މުސްކާން ވާހަކަދެއްކިއެވެ. ލޮޑުވެފައިވާ ދެލޮލުގައި ބަބުޅަމުންދިޔައީ ކަރުނައެވެ. އެންމެ ހިނދުކޮޅަކަށްވެސް މުސްކާންގެ އުއްމީދުގެ ހުޅުކޮޅު ކަނިވިޔަ ނުދެއެވެ.

***

އިވެމުންދިޔަ މިއުޒިކު ހިތުގެ އެންމެ ހިމަނާރާވެސް ކުޅެލައިފިއެވެ. ހަމަހިމޭން މާޙައުލެއްގައި އަޑުއަހާލަން އެންމެ ހިތްގައިމު ލަވައޭވެސް ބުނެވިދާނެއެވެ. އެއާކޯންގެ ފިނިކަމުން މީހަކަށް އުނދަގޫވާވަރެއް ނުވެއެވެ.

ދެތިން ފަންސޫރު އެނދުމަތީގައި އޮތެވެ. ތަރުތީބެއްނެތެވެ. ކުރަހަން ގެންގުޅެފައިވާ ކަރުދާސްތައް ކޮޓަރީގެ އެކި ދިމާދިމާއަށް އުކާލާފައިވެއެވެ. ބައެއް ތަސްވީރުތަކުން ފެންނަނީ އެސްފިޔަދިގު އަސަރުގަދަ ދެލޮލެވެ. ބައެއް ކަރުދާހުގައި ބައްޓަންރީތި، ތުންފަތެއް ތަސްވީރުކޮށްލާފައިވެއެވެ. ބޮލުގެ ދިގު އިސްތަށިގަނޑާއެކު މޫނުގެ އެއްފަޅި ކުރަހާލާފައިވަނީ ބައްޓަން ރީތި ހަށިގަނޑު ސިފަކޮށްދެމުންނެވެ. ކޮޓަރިތެރެއަށް ބަލައިލާއިރު ފެންނަ މަންޒަރު ބުނެދެނީ އަތުކޮޅަށް އެތަކެތި އުކާލާފައިވާކަމެވެ.

ޅެންވެރިޔާގެ ޢިބާރާތްތަކަކީ ޔަނާލްއަށް ނިސްބަތްކޮށްފައިވާ ލަފުޒްތަކެއްކަމަށް އޭނާ ގަބޫލުކޮށްފިއެވެ. ހުރަހަށް އެނދުމަތީގައި އޮތްއިރު، ހަށިގަނޑުގައި ދިރުމެއް ހުރިހެންވެސް ހީނުވެއެވެ. ކަރުއެލުވާލައިގެން އޮތުމުން، ހޫނު ކަރުނަތައް ކަންފަތް ހުރަސްކޮށް ތިކިޖަހަމުންދިޔައެވެ. ރިޕީޓަށް ލާފައިވާ ލަވަ، އެތައް ފަހަރަކު، ފެށިގެން ނިމިއްޖެއެވެ. ކަރުނައަށް ހުއްޓުމެއް ނެތެވެ. ގިސްލުމަށް ނިމުމެއް ނެތެވެ. ޔަނާލްގެ ދޮން މޫނުން ޖަންބުކުލަ ފެންނަނީ ލަދުވެތިކަމުގެ ސަބަބަކުން ނޫނެވެ. ހިތްދަތިކަމާއި ލިބެމުންދިޔަ ރިހުންތަކުންނެވެ. އެއީ އަހަރުތަކެއް ވާންދެން ފޮރުވާފައިވާ ވޭނާއި ކެކުޅުންތަކެކެވެ.

މިއުޒިކާއެކު ޅެންވެރިޔާގެ ބަސްތައް އަތުރާލާފައިވާލެއް ފުރިހަމަކަމާއެވެ. ޔަނާލްގެ ޙަޔާތާއި އޭނާއަށް ގުޅުވެނީ ޙާދިސާތަކެކެވެ. ޖަވާބު ލިބުމެއް ނެތް ސުވާލުތަކެކެވެ.

އަސަރުގަދަ އަޑަކުން ބުނަމުންދިޔައެވެ. އަހަރުތައް ފާއިތުވެ މާޒީއާއިއެކުވެއްޖެއެވެ. ތިބާ ތިވަނީ ނުހަނު ދުރުގައެވެ. ނަމަވެސް މި އިޙްސާސްތައް ގޯނާ މިކުރަނީ ކީއްވެ ހެއްޔެވެ؟ ފާއިތުވެދާ ކޮންމެ ހިނދުކޮޅެއްގައިވެސް އެންމެ ގާތުގައިވަނީ ތިބާއެވެ. ކޮންމެ މީހެއްގެ ތަސްވީރު ކުރެހިޔަސް، މިއަތުގެ އިނގިލިތަކުން ތިބާގެ ސޫރަނޫނީ ސިފަ ނުކުރެވެނީ ކީއްވެ ހެއްޔެވެ؟ މިއީ އަހަރެންގެ މޮޔަކަން ހެއްޔެވެ؟ ނުވަތަ ތިބާވެސް އަހަރެންނަށްޓަކައި ދީވާނާ ވަނީހެއްޔެވެ؟

ހޫނު ކަރުނަތައް ރަޙުމެއްނެތި އެސްފިޔަތައް ފޫއަޅުވަމުންދިޔައެވެ. ހިތްރޮނީއެވެ. އަޑުން އަޑުނަގާ ރޮނީއެވެ. ލޮލަށް ލޭއެރިޔަސް ވަރިހަމައެވެ. ދުނިޔޭގެ ކޮންމެ ބިތެއްގައި ހުއްޓަސް، ނަޔާލް ބޭނުމީ އޭނާގެ ނިމާއެވެ. ފުރާނައިގައި އެންމެ ވިންދެން ހުއްޓަސް ހެވެ. ބޭނުމެވެ. ތިޔައީ މިހިތުގެ އަމާނާތެވެ.

ކިތައް ރޭގެ ނިދި އެ ލޯތްބަށްޓަކައި ޔަނާލް ގުރުބާންކުރި ހެއްޔެވެ؟ އެކަން ދެނެހުރި އިންސާނަކު މިދުނިޔޭގައި ނުވާނެއެވެ. ފަސޭހަވުމެއް ނެތް، ޒަޚަމުތަކުގެ ސަބަބުން ރޮމުންދިޔަ ހިތް، ހަރުއަޑުން ބުނާހެން ހީވިއެވެ. އޭ ލޯބިވާއެވެ. މިހިތައް ފަރުވާއެއް ބޭނުމެވެ. ދިރިހުރިކަން އިޙްސާސްކޮށްދިނުމަށް، އެންމެ ހިނދުކޮޅަކަށްވިޔަސް މިއަތުގެ ތެރެއަށް އާދެބަލާށެވެ. ތިބާއާއި ނުލާ ދިރިހުންނާނެ ގޮތެއް ބުނެދޭށެވެ. ފުރާނަ ވަކިވަނީއެވެ. ނަމަވެސް ދީފައިވާ ހަދިޔާގެ ފުރިހަމަކަމަށްޓަކައި ޔަނާލް ދުނިޔޭގައި ދިރިހުރީއެވެ. ނިމާ ފަދަ، ލޯބިލޯބި ކުއްޖެއެވެ. ރީތި ހުރިހައި ސިފަތަކެއް ﷲތަޢާލާ ދެއްވާފައިވާ ދަރިއެކެވެ. ހަމްދާއި ޝުކުރުހުއްޓެވެ. ދިރިހުންނާނެ ސަބަބެއް ކަމުގައި އުއްމީދެއް ލެއްވީތީއެވެ.

***

ބޮކި ނިވާލުމާއެކު ގިނައިރެއް ނުވެއެވެ. ނަރުހަކު ބޯ ދިއްކޮށްލުމަށްފަހު، ގޮވާލީ މުސްކާންއަށެވެ. ލިބުނީ އުފާވެރި ޚަބަރެކެވެ. ކަރުނަ ނުހިފެހެއްޓުނީ އެއީ އުފާވެރިކަން ވަށާލީތީއެވެ. މާމައާއި ކާފައަށް މުސްކާން ބަލާލިވަގުތު ތުންފަތް ތުރުތުރު އަޅުވާލިގޮތުން މުރުޝިދާ ރޯންފަށައިފިއެވެ.

"މަގޭ ދަރި ސަލާމަތްކޮށްދީ.." ޒަމީލްގެ މޭގައި ނިއްކުރި ޖައްސާލަމުން މުރުޝިދާ ރޯލިއެވެ. ދެން ފެނުނީ މުސްކާން ޙަމްދުއެޅިތަނެވެ. ހީކުރެވުނީ ރަގަޅަށް ނޫންކަން ޒަމީލްއަށް އެނގުނެވެ.

"ހިނގާބަލަ އެމަންޖެ ކައިރިއަށް" ޒަމީލްގެ ހިތް އަވަސްވަނީއެވެ. ލިބުނު ޚަބަރު އެނގެން ބޭނުމެވެ.

"އެބައަންނަން މާމާ.. ކާފާ މާމަ ބަލާތި ރަގަޅަށް" މާމައާއި ކާފަދެކެ ލޯބިވާ ދަރިފުޅު ބުނެލިއެވެ. ތިއޭޓަރ ތެރެއަށް މުސްކާން ވައްދައިފިއެވެ. ޑޮކްޓަރ އެކަމަށް އެދިގެންކަން ޔަގީނެވެ.

"އަވަހަށް ޔަނާލްއަށް ގުޅާބަލަ.. ބުނެބަލަ.. ބުނެބަލަ މިވާހަކަ" ޒަމީލް އަތުގައިވެސް ފޯނު އޮތެވެ. ނަމަވެސް އެކަމަށް އެދެވުނީ މުރުޝިދާގެ ކިބައިންނެވެ. ދެފަހަރު ތިންފަހަރު ގުޅައިގެންވެސް ޔަނާލް ފޯނެއް ނުނެގިއެވެ.

"ކިހިނެއްވީ؟ ހަމަ ނުނަގާ ދޯ.. އެވާނީ އެސޮރަށް ނިދުނީކަމަށް.. ދެން ފަހުން ގުޅާނީ" ޒަމީލް ބުނެލިއެވެ.

ހަޤީގަތަކީ ނަޔާލްގެ ދެލޯ އޮތީ ހުޅުވިފައެވެ. ސިކުނޑިއެއްވެސް ނުނިދައެވެ. ނަމަވެސް އޭނާގެ ވަށައިގެން ހިނގާ އެއްވެސް ކަމެއް މިވަގުތު ނޭގެނީއެވެ. ބިއްލޫރިކޮޅެއްފަދަ ސާފުލޮލުން ފެންނަމުންދިޔައީ ނިމާއެވެ. އެކުގައި ހޭދަކުރެވުނު ކިތަންމެ މަންޒަރެކެވެ. މުޅި ދުނިޔެއަށް ސިއްރުންނެވެ. ވެހުނު ބޯ ވިއްސާރާގައި ލިބުނު ހޫނު އަރާމެވެ. އަދަދުކުރެވޭނެ މިންވަރެއް ނެތް އުފަލާއި ހިނިތުންވުމެވެ. ކުއްލިޔަކަށް އެޅުނު ކަޅުވިލާގަނޑާއެކު ޔަނާލްގެ އަތުން ނިމާ ބީވެގެން ދިޔަ ހިތާމައެވެ. ޔަނާލްގެ އަތަށް މުސްކާން ލިބުނު ވަގުތު، ގަދަ ހަދާލާފައިވެސް ނިމާ ހާސިލްކުރުމަށް ނުދެވުނުކަމުގެ ކުއްވެރި ޚިޔާލުތަކެވެ. އެކަމަށްޓަކައި އަމިއްލަ ނަފުސަށް ޔަނާލް ދުވަހަކުވެސް މަޢާފެއް ނުކުރާނެއެވެ.

***

"އެމަންޖެ އެއޮތްނިކުތީ.. ހިނގާބަލަ" ދުވެފައި ކަހަލަ ގޮތަކަށް ޒަމީލްއާއި މުރުޝިދާ ދިޔައެވެ. ސުވާލުތައް ކުރެވުނީ ބަރިއަކަށެވެ.

"މާމާ.. ކާފާ.. ﷲއަށް ޝުކުރުހުރި.. ފާތިމާ ހޭވެސް އަރައިފި.. އޭނާގެ ޙާލް ރަގަޅު.. އަހަރެން މިއައީ ދެކިލާފައި.. ހެނދުނު ފެނުނުއިރާއި މިހާރާއި އޭނާގެ ސިފަ މުޅިން ތަފާތު.. އެޙާލުގައި އޮވެފައިވެސް ތަޅުވާލި އެސްފިޔަތަކަށް އަހަންނަށް ބަލައިލެވުނު" ހިނިތުންވާން މަސައްކަތްކުރަމުން މުސްކާން ވާހަކަދެއްކިއެވެ.
ހިޔާލު