4000 ah vure gina bidheyseen miadhu ves dhandah jamaavehje
image
ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ބައިވެރިވުމަށް މީހުން ދަނޑަށް ޖަމާވެފައި--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ހަތަރު ހާހަށް ވުރެ ގިނަ ބިދޭސީން މިއަދު ވެސް ދަނޑަށް ޖަމާވެއްޖެ

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް ދެވަނަ ފުރުސަތެއް ދިނުމުގެ ގޮތުން ހިންގާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ބައިވެރިވުމަށް އަނެއްކާވެސް ގިނަ އަދަދެއްގެ ބިދޭސީން، ގަލޮޅު ދަނޑަށް ޖަމާވެއްޖެ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު ސީއެންއެމްއަށް ވިދާޅުވި ގޮތުގައި ގަލޮޅު ދަނޑުން ކިއު ނަމްބަރު ދޫކުރަން ފެށުމާއެކު އެތަނުން ނަމްބަރު ނެގުމަށް 4000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޖަމާވެފަ އެވެ. މިއަދު ހަވީރު 17:00 ގެ ނިޔަލަށް ރެގިއުލަރައިޒޭޝަން ޕްރޮގްރާމު ދަށުން އެތަނުގައި ނަމްބަރު ދޫކުރާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ ޕްރޮގްރާމުގެ ދަށުން ނަމްބަރު ނެގުމަށް ނިދި ނަގާލުމަށް ފަހު ރޭ ދަންވަރުއްސުރެ އެތައް ސަތޭކަ ބިދޭސީންނެެއް ވަނީ ބޯޅަދަނޑުގެ ބޭރުގައި ކިއުގައި ޖެހިފަ އެވެ.

މިދިޔަ މަހުގެ ފަހުކޮޅު ފެށި ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ބައިވެރިވުމަށް މީގެ ކުރިން ވަނީ އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓު، ހިންގަމުން ގެންދާ ޕީޖީ އޮފީސް ކުރިން ހިންގި އިމާރާތް ހުރި ސަރަހައްދުގައި ގިނަ އަދަދެއްގެ ބިދޭސީން ކިއުގައި ޖެހިފަ އެވެ.

ކިއުގެ މައްސަލަ ބޮޑުވެ މި މަހުގެ ފަސްވަނަ ދުވަހު ވެސް ވަނީ ގަލޮޅު ދަނޑުގައި ކައުންޓަރުތަކެއް ބަހައްޓައިގެން ނަމްބަރު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ. އެ ދުވަހު ވެސް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި މުޅި ދަނޑު އެއްކޮށް ފުރުނެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދުގެ ތެރެއަށް ވަނުމަށް ސަރުކާރުން ދީފައި ވަނީ ހަ މަސް ދުވަހެވެ. އޭގެ ފަހުން ގަވައިދާ ހިލާފަށް އުޅޭނަމަ ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި ނުވަތަ ހުއްދައެއް އޮތް ނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ސައްހަ ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވަނުމަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ރާއްޖޭގައި 120،000 އަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން އުޅޭއިރު 60،000 އަށް ވުރެ ގިނަ މީހުންނަކީ އެއްވެސް ސައްހަ ލިޔުމެއް ނެތި ގަވާއިދާ ހިލާފަށް އުޅޭ މީހުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ހިޔާލު