Supreme court ge fandiyaaru akah Dhiyana ragalhutha?
image
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވި ދެ ނަންފުޅުގެ ތެރޭގައި ހިމެނޭ ފާތިމަތު ދިޔާނާ ސައީދު -- ފޮޓޯ / ސަން
21 ކޮމެންޓް
 

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ދިޔާނާ ރަނގަޅުތަ؟

ދީނުގެ އަސާސްތައް ދަމަހައްޓައި، ކުރިއަރުވައި، އިންސާފު ގާއިމުކުރުމުގެ ޒިންމާ މަތިކޮށްފައިވާ ފަނޑިޔާރުންނަކީ އާއްމު އިންސާނުންނަށްވުރެ މަތީ ދަރަޖައަކަށް ރިވެތި އަހުލާގާއި ސުލޫކް ހުންނަންޖެހޭ ބައެކެވެ. ފަނޑިޔާރުން އެފަދަ ބަޔަކަށްވުމަށް އިސްލާމް ދީން ބާރުއަޅަނީ އިންސާފު އެންމެންނަށް ހަމަހަމަކޮށް ލިބޭނެކަން ޔަގީންކޮށްދިނުމަށެވެ.
ފަނޑިޔާރުންގެ ސިފަތަކާ ގުޅޭގޮތުން މިދުވަސްވަރު އަނެއްކާވެސް އާންމުންގެ ތެރޭގައި ވާހަކަދެކެވެން ފަށާފައި މިވަނީ ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް މަޖިލީހުގައި ފެށުމަށް ތައްުޔާރުވެފައި ވަނިކޮށެވެ.

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ރައްޔިތުންގެ މަޖިލީހަށް ދެ ނަމެއް ފޮނުއްވާފަ އެވެ. އެގޮތުން ފޮނުއްވި ދެ ބޭފުޅުންނަކީ ޑްރަގް ކޯޓުގެ ގާޒީ ގދ. މަޑަވެލި، މޭނާ، މަހާޒު އަލީ ޒާހިރު އާއި ކުރީގެ ބަންޑާރަނައިބް ސ. ހުޅުދޫ، ގޯރަންވިލާ ފާތިމަތު ދިޔާނާ ސައީދުގެ ނަންފުޅެވެ.

މި ދެ ބޭފުޅުންގެ ތެރެއިން އާންމުންގެ ތެރޭގައި ބަހުސްކުރެވި ކަންބޮޑުވުމެއް އުޅެނީ ދިޔާނާ ސައީދުއާ ގުޅޭގޮތުންނެވެ. ދިޔާނާގެ އިލްމީ ގާބިލްކަމާއި ތަޖުރިބާއާ ގުޅޭގޮތުން އެއްވެސް މީހަކު ސުވާލު އުފައްދާ އަޑެއް ނީވެ އެވެ. އެކަމަކު ދިޔާނާ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ސިޔާސީ ކަންކަމުގައި އަމަލީގޮތުން ބައިވެރިވެފައިވާތީ އާންމުންގެ ކަންބޮޑުވުން އޮތީ ވަކި ފަރާތަކަށް ޖެހިވަޑައިނުގެން އެކަމަނާއަށް މަސައްކަތް ކުރެއްވިދާނެ ކަމާ މެދުގަ އެވެ.


ދިޔާނާ ސިޔާސީ މަގާމުތަކުގައި އުޅުއްވީ ވަރަށް ސިޔާސަކޮށް!

ދިޔާނާ ސައީދު މިހާތަނަށް ފެނިގެން ދިޔައީ ނުވަތަ ފާހަގަކުރެވިގެން ދިޔައީ ސިޔާސީ މަގާމުތަކުންނެވެ. އެގޮތުން ދިވެހި ދައުލަތުގެ އިސް މަގާމުތަކާއި ބައިނަލްއަގްވާމީ މައިދާނުގައި ވެސް މުހިއްމު މަގާމެއް އެކަމާ ފުރުއްވި އެވެ. ނަމަވެސް މިއިން އެއްވެސް މަގާމެއްގައި މާގިނަ ދުވަހު ހުންނެވުނު މަންޒަރެއް ފެނިގެން ގޮސްފައެއް ނުވެ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދިޔާނާ އައްޔަންކުރަން މަސައްކަތް ކުރެވޭއިރު މިއީވެސް އާންމުން ފާހަގަކުރާ މައްސަލަ އެކެވެ.

ސިޔާސީ ކަންކަމުގައި އުޅުއްވާއިރު އެކަމަނާ ފެންނަނީ ވެސް އެކި ދުވަސްވަރު ސިޔާސީ އެކި ފިކުރުތަކުގެ ދިފާއުގައި އުޅުއްވާ މަންޒަރެވެ. އެވަގުތަކު ހުންނެވި ސިޔާސީ ވިސްނުމެއްގައި ދެއްކެވި ވާހަކަތައް މީޑިތާކުގައި އެހުރީ ރެކޯޑް ކުރެވިފަ އެވެ.

ސިޔާސީ މައިދާނުން ދިޔާނާ އެންމެ ފުރަތަމަ ފެނިގެން ދިޔައީ ގާނޫނު ހަދާ މަޖިލީހުގެ ތެރެއިންނެވެ. އޭގެފަހުން ރައީސް ނަޝީދުގެ ވެރިކަން 2008 ވަނަ އަހަރު ފެށުމާ އެކު ދިޔާނާ ވަނީ ނަޝީދުގެ ސަރުކާރުގައި ބަންޑާރަނާއިބުކަން ކުރައްވާފަ އެވެ. ދުވަސްތަކެއް ފަހުން ބަންޑާރަ ނާއިބު ކަމުން ދިޔާނާ ވަކި ކުރެއްވި ނަމަވެސް ސީދާ ސަބަބެއް މިހާތަނަށް ވެސް އެނގިފައެއް ނުވެ އެވެ. ރައީސް ނަޝީދުގެ ސަރުކާރުގައި ބަންޑާރަނައިބުގެ މަގާމުގައި ދިޔާނާ ހުންނެވި ދުވަސްވަރު ވެސް ދެއްވެވި ބައެއް ގާނޫނީ ލަފާތަކަށް ފާޑުވިދާޅުވެ ރައީސް ނަޝީދު ވަނީ ބައެއް ފޯރަމްތަކުގައި ވާހަކަދައްކަވާފަ އެވެ. ނަޝީދުގެ ސަރުކާރުގައި ބަންޑާރަނައިބް ކަން ކުރެއްވުމަށްފަހު 2010 ވަނަ އަހަރުގެ ތެރޭގައި ދިޔާނާ ވަނީ ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ވެސް ހަވާލުވެވަޑައިގެންފަ އެވެ. އެކަމަކު ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރެއްވުމާ އެކު ދިޔާނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް ތެދުވެ އަޑުއުފުއްލާފަ އެވެ.

ރައީސް ނަޝީދުގެ ވެރިކަމާ ދެކޮޅަށް 2012 ވަނަ އަހަރުގެ ތެރޭގައި މާލޭގައި ކުރިއަށް ދިޔަ މުޒާހަރާތަކުގައި އަމަލީ ގޮތުން އެކަމަނާ ބައިވެރިވެވަޑައިގެންފައިވެ އެވެ. ގްރީންޒޯންގެ ގޮތުގައި ބަލަމުން ގެންދާ ޖުމްހޫރީ މައިދާނަށް އެއްވެ މުޒާހަރާކުރުމާ ގުޅިގެން ހައްޔަރުވެސް ކޮށްފައިވެ އެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެކުލަވާލެއްވި ސަރުކާރުގައި ވެސް ދިޔާނާ ވަނީ ވަޒީރު ކަން ކުރައްވާފަ އެވެ. އެގޮތުން އޭރު އައްޔަންކުރެއްވީ ޖެންޑާ މިނިސްޓަރުގެ މަގާމަށެވެ. ނަމަވެސް މިފަހަރުވެސް މާގިނަ ދުވަހު މަގާމުގައި ހުންނެވޭ ގޮތެއް ނުވި އެވެ. އެގޮތުން 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރައީސް ވަހީދު ވަނީ ދިޔާނާ މަގާމުން ވަކިކުރައްވާފަ އެވެ. ދިޔާނާ މަގާމުން ވަކިކުރެއްވީ މިނިސްޓަރެއްގެ ގޮތުގައި ހުންނަވައިގެން އަމަލުތައް ބަހައްޓަވައިގެން ނުވާނެ ފަދަ ގޮތަކަށް އަމަލުތައް ބަހައްޓަވާފައިވާތީ ކަމަށް ރައީސް ވަހީދުގެ ސަރުކާރުން ބުނެފައިވެ އެވެ. އެއީ ދިޔާނާގެ ފިރިކަލުން، ޑީއާރްޕީގެ މިހާރުގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަސްތުވާތަކެތި ބޭނުން ކުރެއްވިކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ، ސަރުކާރަށާއި ފުލުހުންނަށް ދިޔާނާ ފާޑު ވިދާޅުވުމުންނެވެ. ޖާބިރަށް އެކިއެކި ފަރާތްތަކުން ކުރާ ތުހުމަތުތަކާ ގުޅިގެން އާންމު ގޮތެއްގައި އެކަމަނާ ހުންނަވަނީ ވެސް ފިރިކަލުންގެ ދިފާއުގަ އެވެ.

ދިޔާނާއާ ގުޅޭ ސިޔާސީ ހަރަކާތްތައް އެއް ފަރާތްކޮށްލުމަށްފަހު ދެން އޮތީ ފިރިކަލުންނާ ގުޅުންހުރި މައްސަލަތަކުގެ ސަބަބުން ދިޔާނާއާ ގުޅޭގޮތުން އާންމުން އުފައްދާ ސުވާލުތަކެވެ. ދިޔާނާގެ ފިރިކަލުން އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސްއާ ގުޅޭ އެތައް މައްސަލަތަކެއް ކޯޓުތަކުގައި އެބަހުއްޓެވެ. 2013 ވަނަ އަހަރުގެ މެއި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހާއި ހަމައަށް ޔޮޓް ޓުއާސްއާ ގުޅޭ 19 މައްސަލައެއް ސިވިލް ކޯޓުގައި ވަނީ ހިންގާފަ އެވެ. މީގެތެރެއިން 11 މައްސަލައަކީ އެ ކުންފުންޏާއި ދެކޮޅަށް ތަފާތު އެކި ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަ ތަކެވެ.

މީގެތެރޭގައި ޓެކްސްއަށް މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކުރާ މައްސަލަތައް ވެސް އެބަހުއްޓެވެ. މި މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތަކަކީ ފަހަރުގައި ތަފާތު އެކި މަރުހަލާތަކަށް ގޮސް އެންމެ ފަހު ވަގުތު ސުޕްރީމް ކޯޓަށް ހުށަހެޅިދާނެ މައްސަލަތަކެވެ. އެހެންކަމުން ދިޔާނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި އިންނަވާ ނަމަ އެއީ ހަމަގައިމުވެސް މަސްލަހަތު ފުށޫއަރާނެ މައްސަލަތަކެކެވެ. އެފަދަ ހާލަތްތަކުގައި ނަޒާހާތްތެރިކަމާއި އެކުގައި ދިޔާނާއަށް މައްސަލަތައް ނިންމި ދާނެ ކަމާ މެދު އާންމުން އުފައްދާ ސުވާލުތައް ގިނަ އެވެ. ދިޔާނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި އިންނަވާނަމަ އެކަމަނާގެ ބައިވެރިވުމެއް ނެތި މައްސަލަތައް ނިންމި ނަމަވެސް އެ މުއައްސަސާއަށް އާންމުން ކުރާ އިތުބާރަށްވެސް ދިޔާނާ ފަދަ ސިޔާސީ ބޭފުޅެއްގެ ސަބަބުން ކުރިމަތިވާނެ މައްސަލަތަކެއް ހުންނާނެ އެވެ.

ދިޔާނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމާ ގުޅޭގޮތުން ނަން ނުޖެހުމަށް ޝަރުތުކޮށް "ސީއެންއެމް"އާ ވާހަކަދެއްކެވި އެމްޑީޕީގެ މަޖިލިސް މެންބަރަކު ވިދާޅުވީ ދިޔާނާ ސުޕްރީމް ކޯޓަށް އައްޔަންކުރުމާ މެދު އޭނާ ކަންބޮޑުވާ މައްސަލަތައް ގިނަ ކަމަށެވެ. ސިޔާސީ ކަންކަމުގައި ދިޔާނާގެ ބައިވެރިވުން އޮތް ގޮތާއި ފިރިކަލުންނާ ގުޅޭ މައްސަލަތައް ހުރި ގޮތުން ދިޔާނާއަށް ވޯޓު ދިނުމަށް ބޭނުން ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

"އެމްޑީޕީގެ ޕީޖީއަކުން އަދި ނުނިންމާ ގޮތެއް މިމައްސަލައިގައި. މިސާލަކަށް ދެން ބަލަމާ ނިންމީއޯ ދިޔާނާއަށޭ ވޯޓު ދޭންވާނީ. އަޅުގަނޑެއް ނުދޭނަން. ޑިމޮކްރަސީގައި ވައްކަމެއް ނިންމި ދާނެ އެއީ ވައްކަމެއް ނޫން ކަމަށްވެސް. އެކަމަކު އެއީ ވައްކަމެއް ނޫން ކަމަކަށް އަސްލު ނުހެދޭނެ ދޯ. ދިޔާނާއަކީ ތައުލީމީ މީހެއް، އެކަމަކު އިންސާފު ލިބޭ މީހާއަށް އިހުސާސް ވާންޖެހޭނެ ފަނޑިޔާރު އެ ނިންމި ނިންމުމަކީ އިންސާފުވެރި ނިންމުމެއް ކަންވެސް. އަޅުގަނޑު މި ގޮނޑިއަށް އައީ އިންސާފު ގާއިމް ކޮށްދޭން ސަރުކާރަށް އެހީވާން. އަޅުގަނޑަށް އެނގެނީ އަޅުގަނޑެއް ދިޔާނާއަކަށް ވޯޓެއް ނުދޭނެކަން،" ނަން ހާމަކުރަން ބޭނުން ނުވާ މެންބަރު ވިދާޅުވިއެވެ.

ދިޔާނާ ފަނޑިޔާރު ކަމަށް އައްޔަންކުރުމާ ގުޅޭގޮތުން އިދިކޮޅު ޕާޓީއަކަށް ނިސްބަތްވާ މެންބަރަކު ވިދާޅުވީ ދިޔާނާއަކީ ސިޔާސީ ކަންކަމުގައި ވަރަށް ބޮޑަށް ބައިވެރިވެވަޑައިގެންފައިވާ ބޭފުޅަކަށް ވާތީވެ އެކަމަނާ ސުޕްރީމް ކޯޓަށް ފަނޑިޔާރެއްގެ މަގާމަށް އައްޔަންކުރުމަކީ އުސޫލުތަކާއި އެއްގޮތަށް ކުރެވޭނެ ކަމެއް ކަމަށް އޭނާ ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"އަތް ދަމާލީމަ އަތް ޖެހޭ ހިސާބުގެ ދުވަހެއްގެ ވާހަކަ މިދައްކަނީ. ދާދި އިހަށް ދުވަހު އެމްޑީޕީގެ ރައްޔިތުން މަޖިލީހުގެ ޕްރައިމަރީގައި ވާދަކުރީ. އަނެއްކާ މި ހުރިހާ ދުވަހު ރައީސްގެ އެޑްވައިޒަރަކަށް އެ ހުންނެވީ އެކަމަނާގެ ފިރިކަލުން. އެހެންވީމަ އެއީ ސިޔާސީ ނޫން މީހަކަށް ނުވާނެ ހަމަ އެއްގޮތެއްވެސް ނެތް. ވީމާ މިހާ ހިސާބުންވެސް ދިޔާނާ އެބަ ޑިސްކޮލިފައިވޭ. ދެން އޮތީ ފިރިކަލުންނާއި ގުޅިފައިވާ ޝަރުއީ މައްސަލަތައް. ކޯޓުތަކުގައި އޮންނާނީ އެމައްސަލަތައް ފުނި ޖެހިފައި،" މައްސަލައިގެ ގޮތުން ނަން ނުޖެހުމަށް އެދިވަޑައިގަންނަވަމުން މެންބަރު ވިދާޅުވި އެވެ.

ދިޔާނާގެ ނަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަޖިލީހަށް ހުށަހެޅުއްވުމުގެ ކުރިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ހިޔާލުވެސް ހޯއްދެވި އެވެ. ދިޔާނާއަކީ "ހައިލީ ރިކަމަންޑެޑް" ނަންތަކުގެ ތެރޭގައި ހިމެނޭ ނަމެކެވެ. އެކަމަކު ހައިލީ ރިކަމަންޑެޑްވީ ސަބަބުތައް ހާމަކޮށްފައެއް ނުވެ އެވެ.

"ރައީސް އެ ނަންތައް ހުށަހެޅުއްވީ އެއީ ރައީސަށް އެންމެ ކަމުދާ ދެ ނަންފުޅަށް ވާތީވެ. އެބޭފުޅުންގެ ބެކްރައުންޑަށް ވެސް ބައްލަވާފައި ރައީސް އެ ނަން ފޮނުއްވާފައި އެ ހުރީ. ދެން މަޖިލީހުން ދެއްތޯ ގޮތެއް ނިންމަވާނީ،" ދިޔާނާގެ ނަން މަޖިލީހަށް ފޮނުއްވިއިރު ވިސްނެވި ކަންކަމާ ގުޅޭގޮތުން ސީއެންއެމް އިން ސުވާލުކުރުމުން ރައީސްގެ ތަރުޖަމާން އިބްރާހީމް ހޫދު ދެއްވީ މިޖަވާބެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދުލުވެރިކަމާއި އިންސާފުވެރިކަން ހުރި ގޮތުގެ މައްޗަށް މީގެކުރިންވެސް އަދި މިހާރުވެސް ހުއްޓުމެއް ނެތި ވާހަކަދައްކަމުންދާއިރު މިފަދަ ބަހުސްތަކަށް ފުރުސަތު ދިނުމާ ނުދިނުން މިހާރު އޮތީ މަޖިލީހުގެ މެންބަރުންގެ އަތްމަތީގަ އެވެ. ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ގޮނޑި ކޮޅު ހުރީ އެ ގޮނޑިކޮޅަށް ވަޑައިގަންނަވާނެ ބޭފުޅެއްގެ އިންތިޒާރުގަ އެވެ. ނަޒާހާތްތެރި، ހުލްގު ހެޔޮ އަދި ވަކި އަތަކަށް ޖެހިވަޑައިނުގަންނަވާނެ ބޭފުޅަކު އެފަދަ މަގާމަކަށް ވަޑައިގަތުމަށް އެންމެވެސް އިންތިޒާރު ކުރެ އެވެ.
ހިޔާލު

މުހައްމަދު

ދިވެހިރާއްޖޭގައި އިސްލާމީޝަރީއަތުގެއެންމެފަހުބަސްބުނެ އަދުލުއިންސާފުގާއިމްކޮށްދީހަދަންތިބެންވާނީ ހަމަ ބަރަހަނާހާލުގަތިބޭމީހުންތޯ؟ކަމަކުނުދޭ ދިޔާނާ ތިކަމަށް.

ނިއާ

ނޯ ނޯ ނޯ

ޚޮލާ

ކޮބާ ކޮމެންޓެއް ޖަހާލަންވެސް ނުކެރުނުދޯ

ހަމީލަ

ދިޔާނާ ނިކަން ގިނަ ކަންކަމައަ ރަނގަޅުވާނެ.. އެކަމަކު ފަނޑިޔާރުކަމައް ރަނގަޅެއްނޫން.

ޢަޢްޑޫ

ޖާބިރު އަންހެނުން ނޫންނަމަ ރަނގަޅު.

ali nazim

ކަމަކުނުދޭ ... އެއީ ޖާބިރާއި ހެދި.........ޖާބިރުގެ ވަކި ނެތްނަމަ އޯކޭ

ބުރަކި

މީކީ އެއްގޮތަކައްވެސް ރަންގަޅު މީހެއްނުން ފަންޑިޔާރުކަމައް

ކާފަދ

ދިޔާނާ ރަނގަޅީ އެހެން ކަމަކަށް

ދިރާސާ

ވަރަށް ރަނގަޅު ދިރާސާއެއް މިއީ، ދިޔާނާއަކީ އަހަރެންވެސް ތާއީދު ކުރަން މޮޅު މީހެއް ކަމަށް. ހަމަ އެހާމަ އަނގަ ދިޔާވެސް ވާނެ.

ހަޤީޤަތަކީ

އަދިވެސް ބުނެވޭނީ އަންހެނަކު ތިކޯޓުގެ ފަނޑިޔާރަކަށް ކަމަކު ނުދޭ...

އައްޑޫމީހާ

ސްޕްރީމް ކޯޓެ ފަނޑިޔާރަކަށް ދިޔާނާ ސަޢީދު ކަމިނިވެއި...ދިޔާނާކީ ސިޔާސީ މީހަށް...

ކޮލެޖު ފަނޑިޔާރު

އަދި ދިޔާނާ އަކީ ޔޮޓް ޓުއާސްގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓަށް ވެސް ވަޑައިގަންނަވާ ފަރާތެއް.
ކޮންމެ އަކސް ހުރިހާ އަހަރުތަކަކަށް ބެލިޔަސް، ދިޔާނާގެ އެބައޮތް ބަދަލުނުވާ އެއް ފިކުރު، އެއީ ޖާބިރުގެ ފިކުރު. އެ ފިކުރު ދިފާއުކުރައްވާ ކޮންމެ މަގާމެއްގައި ހުއްޓަސް

ސާލް

ފަނޑިޔާރުކަމަށް މަހާޒު އައިތާ ވީ މަދު ދުވަސްކޮޅު ތެރޭގަ ލަގްޒަރީ ފުލެޓް ގަނެވުނުގޮތް އަހާބަލަ. ތީ ވަރަށް އެއް އަތަށް ބުރަ ލިޔުމެއް.

ާއަބްދުﷲ

ދިޔާނާ އަކީ ވަރަށް ޤާބިލް ބޭފުޅެއް. އެކަމަނާ މިހާތަނަށް ދައްކަވާފައިވާ ސާބިތުކަމަނީ ސްޕްރީމް ކޯޓަށް އެކަމަނާ އައްޔަން ކުރަންޖެހޭ ސަބަބު. އިންސާފް ޤާއިމް ކޮއްދެއްވާނެ ކަމާއިމެދު ޝައްކެތްނެތް. ބަޔަކު ޒާތީވެ އެކަމަނާނެ އަބުތު ކަތިލަން މަސައްކަތް ކުރާތީ ހިތާމަކުރަން. އެކަނާއަށ ކާމިޔާބަށް އެދެން

ކައްދައިދީ

ހެނދުނު ސިޔާސީވެފަ. މެންދުރު ވަކިއަތަކަށް ނުޖެހޭ ފަނޑިޔާރަކަށް ވާން އުޅޭ އިރު ހެނދުނު ވީ ކަންކަން އަދި ހަނދާން ނުނެތޭ. ރައްޔިތުންގެ މަޖިލީހުން ގޯހެއް ނުހަދާނެ ކަމަށް އުންމީދު ކުރަމާ ބަހީ

ކާފަބޭ2019

ދިވެހިރާއްޖޭގައި އިސްލާމީޝަރީއަތުގެއެންމެފަހުބަސްބުނެ އަދުލުއިންސާފުގާއިމްކޮށްދީހަދަންތިބެންވާނީ ހަމަ ބަރަހަނާހާލުގަތިބޭމީހުންތޯ؟

ޅޮލް

ޤާބިލްކަމާމެދު ޝައްކެއްނެތޭ ތިޔަ ބުނީ. ދެން ޝައްކ އޮތީ ކޮންކަމަކާމެދު؟ ޏަޒާހަތްތެރިކަމާމެދު؟ ޢެހެންވިއްޔާ ވީ ޚިޔާނާތެއްގެ، ކުރި ވައްކަމެއްގެ، ހިންގި ކޮރަޕްޝަނެއްގެ ތަފްސީލް ބަޔާންކުރޭ. ނުކުރެވެންޏާ ތީ މީހަކު ލާރިދީގެން އަންހެނެއްގް މަސްގަނޑު ވީދަނީ

ސާފުބަސް

ހޮޅި ވާހަކަ. ޑިޔާނާ ތިއިން މަގާމެއްގެ ހުރެގެން ވައްކަމެއްކޮށް އަންބޮނޑި ބޮޑުކޮށް، ރިޝްވަތު ހިފި ވާހަކައެއް ނެތް. ޢަމާނާތްތެރިވާނެ. ތި އާޓިކަލުންވެސް އެނގުނި ނަޝީދުވިޔަސް ބުނަންޖެހޭ ޙައްޤުބަސް ދިޔާނާ ބުނާކަން. ޢަދި މަގާމު ގެއްލިދާނެތީ ބުނަންޖެހޭ އެއްޗެއް ނުބުނެ މަޤާމުގަ ބަގުޑި ބައްދާގެން ނުހުންނަކަން

ޛީދް

ބަލަ ތި މަހާޒަކީ ފަނޑިޔާރުންގެ އެތިކްސްއާ ޚިލާފުވެގެން ޖޭ.އެސް.ސީ އިން ފިޔަވަޅުވެސް އަޅާފަ ހުރި މީހެެއްނުން. ޢެކަންވެސް ބާތިލްކުރުވީ އަލީ ހަމީދު ގާތަށްގޮސް ޑީލް ހަދައިގެން.

ރަޝީދު

އިސްލާމީ ގައުމެއްގެ އެންމެ މަތީ ކޯޓަށް.. އިސްލާމް ދީނަށް ނަފުރަތުކުރާ މިހުންނާއި، އެދީނަށް ހަޖޫޖަހާ މީހުން، އަދި ދީން ފުރައްސާރަ ކުރާމީހުންނަށް ތާއީދު ކުރާމީހުން އެއްގޮތަކަށްވެސް ކުފޫހަމަނުވާނެ..

އަދި އަދުލުވެރިވެސް ނުވާނެ.. ސަބަބަކީ، ތިމާހެއްދެވިފަރާތާއި އެކަލާގެ ރަސޫލާއަށް ތެދުވެރި ނުވި މީހަކު އިންސާނުންނަށް ތެދުވެރިވެދާނެ ކަމަށް ހީކުރުމަކީ ވެސް މޮޔަކަމެއް..

ތިމާގެ މަސްލަހަތު ހިމެނޭ ގިނަވިޔަފާރިއާއި ގުޅޭ ގިނަ މައްސަލަ ބަލާ އެންމެ ފަހުތަނަކީ ސްޕްރީމް ކޯޓަވެފައި.. އެކޯޓުގައި ތިމާގެ އަންހެނުން އެކަން ބަލަން އިނުމަކީ އެއީވެސް އިންޓަގްރީ އާއި މެދު ސުވާލު އުފެދޭކަމެއް..

އަދި އިސްލާމްދީނުގަިއ އަންހެނުން ކޯޓުގެ ފަނޑިޔާރުން ނަށް ބޭތިއްބުމަކި އަމުދުން ކޮށްގެން ވާނެ ކަމެއްނޫން..

މިހެން ގޮސް މިލިސްޓް ލިޔެވިދާނެ.. ސުވާލަކީ ސީއެން.އެމް. އިން މިކޮމެންޓް ޝައިލުކުރާނެތޯ.؟

ސައްޙާ

ތި އާޓިކަލް ޖަހަން ޤާސިމް އިބްރާހީމް ކިހާ ފައިސާއެއް ދެއްވިތޯ