Kuda kudhin maa bodah fala vumuge massala
image
0 ކޮމެންޓް
 

ކުޑަކުދިން މާ ބޮޑަށް ފަލަވުމުގެ މައްސަލަ

ޅަ އުމުރުގައި އާދަޔާ ހިލާފަށް ބަރުވެ، ފަލަވުމުގެ މައްސަލައަކީ ދުނިޔޭގެ އެހެން ގައުމުތައް ފަދައިން ރާއްޖެއިން ފާހަގަވާން ފަށާފައިވާ މައްސަލަ އެކެވެ.
ފަލަ މީހުންނަށް ދިމާވާ ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ފަލަ ކުދިންނަށް ދިމާވުމުގެ ފުރުސަތު ކުޑަ އެވެ. އެކަމަކު ފަލަ ކުދިން ބޮޑުވުމުން ވެސް ފަލަ މީހުންގެ ގޮތުގައި ތިބުމުގެ ޖާގަ ވަރަށް ބޮޑެވެ.

އެފަދަ ކުދިން ބޮޑެތިވުމުން ހިތުގެ ބައްޔާއި ހަކުރު ބަލި ފަދަ ދިގުދެމިގެންދާ ބަލީގެ ޝިކާރައަކަށްވުން ގާތެވެ. އެފަދަ ކުދިންނަކީ ބޮޑުވުމުން ވެސް ސްޓްރެސްވާ މިންވަރު އިތުރު ބަޔެކެވެ.

ކުޑަކުދިން އާއްމު ގޮތެއްގައި އާދަޔާ ހިލާފަށް ބަރުވެ، ފަލަ ވަނީ ޖެނެޓިކް ސަބަބުތަކާއި ހުރެ އެވެ. ނަމަވެސް ހަރަކާތްތެރިވެ އުޅުން މަދުވުމާއި، ސިއްހަތަށް ނުރަނގަޅު ކެއުމުގެ އާދަތަކުގެ ސަބަބުން ވެސް ބައެއް ކުދިން ފަލަވެ އެވެ.

ވަރަށް މަދު ހާލަތްތަކުގައި ކުދިން ފަލަ ވަނީ ހޯމޯނުގައި ހުންނަ މައްސަލަތައް ފަދަ ސިއްހީ މައްސަލަތަކުގެ ސަބަބުންނެވެ. ފަލަވާ ސަބަބު ދެނެގަތުމަށް ބައެއް ފަހަރު ލޭގެ ޓެސްޓު ވެސް ހަދަ އެވެ.

ކޮލެސްޓްރޯލް މަތިވުމާއި، ލޭ މައްޗަށް ދިޔުމާއި، ހިތުގެ ބަލި، ހަކުރު ބަލި، ކަށީގެ މައްސަލަތަކާއި ހަމުގެ މައްސަލަތަކަކީ އާއްމުކޮށް މާ ބޮޑަށް ފަލަ ކުދިންނަށް ދިމާވެދާނެ ސިއްހީ މައްސަލަތަކެވެ.

ދަރިފުޅު ހުންނަން ޖެހޭ ބަރުދަނަށް ވުރެ ބަރުކަން ޔަގީން ކުރުމަށް ދެނެގަންނަން ޖެހޭނީ ބޮޑީ މާސް އިންޑެކްސް އެވެ. އެއީ އިސްކޮޅާއި އެއް ވަރަށް ބަރުދަން ހުރިތޯ ބެލުމެވެ.

ޑޮކްޓަރެއްގެ ކައިރިން އެކަން ޔަގީން ކުރުމަށް ފަހު، ދަރިފުޅުގެ ކެއުމުގެ އާދަތައް ރަނގަޅުކޮށް، ޓީވީ ބެލުން ފަދަ އެއް ތަނެއްގައި ގިނަ ވަގުތު އިންނަން ޖެހޭ ހަރަކާތްތައް މަދު ކުރާށެވެ.

މިއީ ހަމައެކަނި ދަރިފުޅަށް ހާއްސަ ކަމެއް ކަމަށް އިހުސާސް ވިޔަ ނުދިނުމަށްޓަކައި، މުޅި އާއިލާގެ ކެއުމުގެ އާދަތަކާއި ހަރަކާތްތެރިވެ އުޅޭ މިންވަރަށް ބަދަލު ގެނެވިދާނެ އެވެ.
ކުޑަކުދިން ސިއްހަތު
ހިޔާލު