ACC ah nufoozu foaruvan massaikkai kuri vaahaka Sameeru dhogu koffi
image
ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ސަމީރު އައްޔަން ކުރައްވާ މަގާމުގެ ލިޔުން ރައީސް ސޯލިހު ސަމީރަށް އަރުވަނީ -- ފޮޓޯ / މަޖިލިސް
0 ކޮމެންޓް
 

އޭސީސީގެ މަސައްކަތަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ވާހަކަ ސަމީރު ދޮގުކުރައްވައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ބަލަމުންދާ މައްސަލައަކަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ކަމަށް އެ ކޮމިޝަނުގެ ރައީސާ މަރިޔަމް ޝިއުނާ މިއަދު ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި ވިދާޅުވެ ދެއްކެވި ވާހަކަ ސަމީރު ދޮގު ކުރައްވައިފިއެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސާ ޝިއުނާ ވިދާޅުވީ އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރަކު އެ ބޭފުޅާއާ ގުޅުން ނެތް ކަމެއްގައި އޭނާ އަށް ގުޅުއްވި ކަމަށެވެ. ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް އެންގުމަށް މަސައްކަތް ކުރެއްވިކަން އެބޭފުޅާ ވާހަކަ ދެއްކި ގޮތުން މާނަ ކުރެވުނު ކަމަށް ޝިއުނާ ވިދާޅުވިއެވެ.

"އެއީ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު، އަޅުގަނޑު ނަން ވެސް ބުނެލާނަން،" ޝިއުނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައްސަލައަކާ ގުޅިގެން މައުލޫމާތުތައް ހޯދުމަށް ގުޅުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ސަމީރު ދެއްކެވި ވާހަކައިން ވަކި ކަމެއް ކުރުމަށް ބޭނުންވެގެން އުޅުއްވިކަން ފާހަގަކުރެވުނު ކަމަށެވެ.

ޝިއުނާ އެފަދައިން ވިދާޅުވުމުން އެއީ ކޮން މައްސަލައަކާއި ގުޅިގެންތޯ ކޮމެޓީގެ މުގައްރިރު ރޮޒެއިނާ އާދަމް ސުވާލު ކުރެއްވުމުން ޝިއުނާ ވިދާޅުވީ އޭސީސީން ބަލަމުން ދަނީ މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރެއްގެ މައްސަލައެއް ކަމަށެވެ.

"ސްޓޭޓް މިނިސްޓަރެއްގެ މައްްސަލައެއްގައި މިނިސްޓަރު އޭސީސީއަށް ހާޒިރު ކުރަން އުޅުމުން އެ ކަމާ ހިތްހަމަޖެހިވަޑައިނުގެންނަވާތީ ގުޅުއްވީ، އެކަމު އެއީ ގުޅުއްވަން ޖެހޭ ފަދަ މައްސަލައެއް ނޫން،" ޝިއުނާ ވިދާޅުވި އެވެ.

މި ތުހުމަތުތަކާއި ގުޅިގެން "ސީއެންއެމް"އިން ސަމީރަށް ގުޅުމުން އެންމެ ފުރަތަމަ ވެސް ޝިއުނާގެ ވާހަކަތައް ސަމީރު ދޮގު ކުރެއްވިއެވެ. އަދި ވިދާޅުވީ އޭސީސީގެ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި އަދި ނުފޫޒު ފޯރުވާފައިވެސް ނުވާނެ ކަމަށެވެ.

ސަމީރު ވިދާޅުވީ ލިބުނު ކަންބޮޑުވުމަކާއި ގުޅިގެން ޝިއުނާއަށް ގުޅާ މައުލޫމާތު ސާފުކުރެއްވި ކަމަށެވެ. ޝިއުނާއަށް ސަމީރު ގުޅުއްވީ، އޭސީސީން ކަމަށް ބުނެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކަށް ގުޅުއްވުމަށްފަހު އެ ކޮމިޝަނަށް ހާޒިރުވާން އެންގި މައްސަލައެއްގައި ކަމަށް ސަމީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މައްސަލައަކީ އޭސީސީއަށް ހާޒިރުވާން ސްޓޭޓް މިނިސްޓަރަށް އެންގުން ނޫން ކަމަށާއި އެކަމުގައި އެ ގުޅުއްވި ފަރާތުން އަމަލު ކުރެއްވި ގޮތާއި ބަސްމަގު ވެސް ގެންގުޅުއްވި ގޮތް ކަމަށް ސަމީރު ވިދާޅުވިއެވެ.

"މައްސަލައެއް ބެލުމަށް ކަމަށް ބުނެ ލޭންޑް ލައިނަކުން ގުޅާފައި މިބުނަނީ މިއީ އޭސީސީންނޭ. ދެން މި ބުނަނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސްޓޭޓް މިނިސްޓަރު އެބޭފުޅާގެ އަމިއްލަ ހައިސިއްޔަތުން އެކަމުގައި ޖަވާބުދާރީވުމަށޭ ހާޒިރު ކުރެވެނީ، ލޯޔަރަކާއި އެކީގައި އޭސީސީއަށް ހާޒިރުވާށޭ. މިއީ ނޫން މިކަން އޮންނަ އުސޫލަކީ،" 17ވަނަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރުކަން ވެސް ކުރައްވާފައިވާ ސަމީރު ވިދާޅުވިއެވެ

އޭނާ ވިދާޅުވީ އެކަން ހިނގާދިޔަ ގޮތުން ޝިއުނާއަށް ގުޅާ މައުލޫމާތު ސާފު ކުރެއްވި ކަމަށެވެ. ނަމަވެސް ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ވިދާޅުވެފައި ނޯންނާނެ ކަމަށް ސަމީރު ވިދާޅުވިއެވެ.

"އަޅުގަނޑު އެވާހަކަތައް ހިއްސާ ކުރެއްވުމުން ޝިއުނާ ވިދާޅުވީ ތިމަންނާއަކީ ތިކަހަލަ މައުލޫމާތެއް ލިބިފައެއް ނެތޭ. ނޭނގޭ ތިކަހަލަ ކަމެއް ހިނގައިގެން އުޅޭ ކަމެއް،" އެފަދައިން ޝިއުނާ ވިދާޅުވި ކަމަށް ސަމީރު ވިދާޅުވިއެވެ.

ސަމީރު ވަނީ އޭސީސީއަށް އަލަށް އައްޔަން ކުރެއްވި މެންބަރުންގެ ޅަފަތުގައި އެފަދަ ކަންކަން ނުކުރެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.
ހިޔާލު