Dhiraagu special sports festival Budha dhuvahu fashanee
image
ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ މެޑަލް -- ފޮޓޯ: ދިރާގު
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް ބުދަ ދުވަހު ފަށަނީ

ދިރާގުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ބާއްވާ ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް މި މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.
2011 ވަނަ އަހަރުން ފެށިގެން ދިރާގުން ބާއްވަމުން އަންނަ މިފެސްޓިވަލަކީ ނުކުޅެދުންތެރިކަން ހުންނަ އެންމެ ގިނަ ކުދިން ބައިވެރިވާ އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ބާއްވާ ހަމައެކަނި ކުޅިވަރުގެ ފެސްޓިވަލް އެވެ.

އެންމެ 17 ކުދިންނާއެކު ފެށި މި ފެސްޓިވަލް ފުޅާވަމުންގޮސް މިއަހަރުގެ ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގައި 400 އަށް ވުރެ ގިނަ ކުދިން ބައިވެރިވެފައިވާ ކަމަށް ދިރާގުން މައުލޫމާތުދެ އެވެ. ސްކޫލްތަކާއި އެންޖީއޯ ތަކަށް ހުޅުވާލައިގެން ބާއްވާ މިފެސްޓިވަލުގައި މިއަހަރު 4 އެންޖީއޯ އަދި 14 ސްކޫލުން ބައިވެރިވެ އެވެ.

ދިރާގުން ބުނީ ދުނިޔޭގެ ފެންވަރުގައި ރާއްޖެ ތަމްސީލު ކުރާނެ ކުދިންތަކެއް ބިނާކޮށް ތަމްރީނު ކުރުމަކީ މި ފެސްޓިވަލްގެ އަމާޒެއް ކަމަށެވެ. ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގައި ބައިވެރިވަމުން އަންނަ ކުދިން މިއަހަރު ބޭއްވި ސްޕެޝަލް އޮލިމްޕިކްސްގެ ބައިނަލްއަގުވާމީ އިވެންޓްތަކުގައި ރާއްޖެ ތަމްސީލްކޮށް ފަހުރުވެރި ވަނަތައް ހޯދާފައިވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށްވެސް ދިރާގުން ބުނެ އެވެ.

މިފެސްޓިވަލްގައި ބޯލް ރޯލިން، އޮބްސްޓަކަލް ރޭސް، ޓަނަލް ރޭސް އަދި ހެޕީ ފީޓް ރޭސް ފަދަ ފޯރިގަދަ ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފަ އެވެ. މީގެއިތުރުން މިއަހަރުގެ ފެސްޓިވަލް އެންމެ ހާއްސަ ވެގެންދާ އެއްކަމަކީ މިއަހަރުގެ ފެސްޓިވަލްގައި ސެޕެޝަލް އޮލިމްޕިކްސްގައި ކުޅޭ ކުޅިވަރެއް ކަމަށްވާ "ބޮޝީ" ނަމަކަށް ކިޔާ ހާއްސަ ކުޅިވަރެއް ތައާރަފްކުރުމަށް ހަމަޖެހިފައިވުމެވެ.

މިދިޔަ އަހަރުވެސް ދިރާގު ސެޕަޝަލް ސްޕޯޓްސް ފެސްޓިވަލުގައި ޕެރަލިމްޕިކްސްގައި ކުޅޭ "ބޮޗިއާ" ނަމަކަށް ކިޔާ ސީޕީ ކުދިންނަށް ހާއްސަ ކުޅިވަރެއްވެސް ވަނީ ތައާރަފް ކޮށްފަ އެވެ.
ދިރާގު ކުޅިވަރު
ހިޔާލު